ރިޕޯޓު: ސެން ޓީޗަރުން — އަބަދު އަނިޔާގައި، އެކަމަކު “ރިސްކް” ނެތް ބައެއް!

26 މެއި 2022 - 14:54

ތަފާތު އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންގުޅުމަކީ ކިހާވަރެއްގެ ކަމެއްކަން އިހްސާސް ވާނީ އެކަން ކުރާ ބަޔަކަށެވެ. އާއިލާއެއްގެ ތެރޭގައި އެންމެ ކުއްޖަކު ހުއްޓަސް މުޅި އާއިލާ އަށް އުފުލަންޖެހޭ ބުރަ އާއި ތަކުލީފް އެނގޭނީ އެ ބަޔަކަށެވެ. އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެފަދަ ކުދިންގެ އާއިލާތަކުން އެ ކުދިން ބެލެހެއްޓުމުގައި މުޅި ރެއާއި ދުވާލު ހޭދަކުރެއެވެ. އެފަދަ އެތައް ކުދިންނެއް ވަގުތުތަކަކަށް އެއްތަނަކަށް އެއްކޮށްގެން ހަފުތާއަކު ފަސް ދުވަހު ބަލާ މީހަކު އުފުލަންޖެހޭނެ ބުރަޔާއި ތަކުލީފު ވިސްނާލާށެވެ.

އޯލް އިންކްލޫސިވް ނުވަތަ ހުރިހާ ފަރާތްތަކެއް ބައިވެރިކޮށްގެން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމީ ނިޒާމް ބައްޓަންކޮށްގެން ކުރިއަށް ގެންދާ އިރު ސްކޫލްތަކުގައި މި ޒިންމާ އުފުލާ ބަޔަކީ ސްޕެޝިއަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުންނެވެ. މި ޓީޗަރުންނަކީ އެކަމަށް ހާއްސަ ތަމްރީންތަކެއް ލިބިގެން މަސައްކަތްކުރާ ބައެކެވެ. ސްކޫލްތަކުގައި ކިޔަވަމުންދާ އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޯމް އާއި ސްޕީޗް މައްސަލަ ހުންނަ ކުދިންނާއި ހައިޕާ ކުދިން އަދި އެ ނޫން ވެސް އެފަދަ އެތައް ބިހޭވިއާ މައްސަލަތައް ހުރި ކުދިން ކްލާހުގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ސެން ޓީޗަރުންނެވެ. އާންމު ގޮތެއްގައި އެފަދަ ކްލާހެއްގައި ހަރަކާތްތެރިވަނީ ދެ ޓީޗަރުންނެވެ. މިއިން ކޮންމެ ކުއްޖަކީ ވެސް އެހެން ކުދިންނާ ހިލާފަށް އަޅާލުން ބޭނުންވާ ކުދިންނެވެ. އާންމުކޮށް ކުޑަކުއްޖަކު ގެންގުޅުމަށް ވުރެ މިފަދަ ކުދިން ގެންގުޅެން އެތައް އުނދަގުލަކާ ކުރިމަތިލާންޖެހެއެވެ.

ސެން މުދައްރިސެއްގެ ދުލުން

“ބައެއް ކުދިންނަކީ ވަރަށް ހައިޕާ ކުދިން. އެއްޗެހި އުކުމާއި ކުޅުޖެހުމާއި ތަންތަނަށް އަރައި ފުމުމާއި އެ ނޫން ވެސް އެތައް ބިހޭވިއާގެ މައްސަލަތައް ހުންނަ ކުދިން. ކޮންމެ ދުވަހަކީ ވެސް ރިސްކް ބޮޑު ދުވަހެއް. ކޮންމެ ވެސް އަނިޔާއެއް ނުވަތަ ކޮންމެ ވެސް ކަމެއް ދިމާވާ ދުވަހެއް. ކުދިން އުރާލައިގެން ސިޑިން އަރާއިރު ވެއްޓުމާއި ކްލާސްތެރޭގައި ވެސް ތަފާތު އަނިޔާތައް ލިބޭ. އިނގިލިތައް ވެސް އަބަދު ހުންނާނީ ދުޅަވެފަ. ނޫނީ ތަދެއް އަރާފައި،” މާލޭގެ ޕްރީ ސްކޫލެއްގެ ސެން ޓީޗަރަކު ބުންޏެވެ.

އޭނާ ބުނީ ގެއަށް ދެވޭއިރު ބައެއް ދުވަސް ދުވަހު ހުންނަނީ ކުޅުން ފުރިފައި ކަމަށެވެ. އަނިޔާވެގެން ޑޮކްޓަރަށް ދައްކަން ނުޖެހޭ މަހެއް މަދުވާނެ ކަމަށެވެ. ނަމަވެސް އެކުދިން ބަލަހައްޓަނީ ބަލަހައްޓާ ހިތުން ލޯބިން ކަމަށް އޭނާ ބުންޏެވެ.

“މިހާރު ވެސް މި ހުރީ ވެއްޓިގެން ލިބުނު އަނިޔާއަކާ ގުޅިގެން މެޑިކަލް ލީވްއެއްގަ. އެތައް ފަހަރަކު ފިރިމީހާ ވެސް ބުނާނެ ތި ނޫން ކަމެއް ކުރަންވީ ނޫންހޭ. ޓީޗިންގެ ބައިވަރު ދާއިރާތައް އެބަހުރި ނޫންހޭ. އެކަމަކު އެ ކުދިން އުޅޭ ގޮތް ފެނިގައި ހިތަން އަރަނީ އަޅުގަނޑު ދިޔައިމަ ސްކޫލުގައި ދެން ކާކުހޭ އެކަން ކުރާނީ،”  އެކި ދުވަސްވަރު ލާފައި ހުރި ލަކުނުތައް ދައްކާލަމުން ސެން ޓީޗަރަކު ބުންޏެވެ.

އެޑިއުކޭޝަނުން ބުނަނީ “ރިސްކެެއް” ނެތް ކަމަށް

ސެން ޓީޗަރުންނަކީ ބޮޑު ރިސްކަކާ އެކު ހަރަކާތްތެރިވާ ބައެކެވެ. “ބަލި” އެތައް ކުދިންނެއް ގޮވައިގެން އުޅޭ ފަރާތެކެވެ. ނަމަވެސް އެއީ ރިސްކެއް ނެތް ބައެއް ކަމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ. މިހާތަނާ ޖެހެންދެން ސެން ޓީޗަރުންނަށް ދެމުން އައި ރިސްކް އެލަވަންސް ވަނީ އާ އޮނިގަނޑާ އެކު އުނިކޮށްފައެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ގިނަ ޓީޗަރުންނަށް މުސާރައިގެ ކުރި އެރުން ލިބުނު ނަމަވެސް ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލުމުން މުސާރަ އަށް އެކަށީގެންވާ ބަދަލެއް ނާދެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި ކުރިން 2،000ރ. އައީ ދެމުންނެވެ. އަދި ޕްރީ ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ތެރޭގައި ކޮންޓްރެކްޓް ޓީޗަރުން ގިނަވުމުން އެ ފަރާތްތަކަށް މުސާރައިގެ އެއްވެސް ކުރި އެރުމެއް ނުލިބި އަދި ކުރިން ލިބެމުން އައި ރިސްކް އެލަވަންސް ކަނޑާލުމުން ކުރިއަށް ވުރެ ވެސް މުސާރަ ކުޑަވެފައިވާ ކަމަށް އެ ޓީޗަރުން ދަނީ ބުނަމުންނެވެ.

“ހަގީގަތުގައި އަގު ވަޒަން ނުކުރޭ އެއްވެސް ބަޔަކު. ސަރުކާރުން ވެސް އަދި ސްކޫލްތަކުން ވެސް. ބައެއް ބެލެނިވެރިން ވެސް ވަރަށް ހިތުގަ ޖެހޭ ކަހަލަ އެއްޗެހި ބުނޭ. ޕްރީ ސްކޫލްތަކުގައި މި އޮންނަ ގޮތަކީ އެ ކުދިން ވެސް ހިމެނޭނީ ހަމަ ނޯމަލް ކުދިންގެ ކްލާސްތަކުގައި. ދެން ވަކި ވަގުތަކަށް ސެން ކްލާހަށް މި ގެންނަނީ. ނަމަވެސް ޓީޗަރުން މި ހަދާ ގޮތަކީ ހަމަ އަވަހަށް އެ ކުދިން ގެނެސް ސެން ކްލާހަށް ލާފައި ދަނީ. ދެން ހުރިހާ ކަމެއް ކުރަން މި ތިބެނީ އެ ކްލާހެއްގައި ތިބޭ ސެން ދެ ޓީޗަރުން،” ސެން ޓީޗަރަކު ހިތުގެ އުދާސްތައް ބޭރު ކޮށްލިއެވެ. 

ސެން ޓީޗަރުންގެ އަގު ވަޒަނެއް ނުކުރެވޭ

އޭނާ ބުނީ ގިނަ ސެން ޓީޗަރުން މަސައްކަތްކުރަނީ ލިބޭ މުސާރަ އަށް ބަލައިގެން ނޫން ކަމަށާއި ހިތުގައި ޖެހެނީ ކުރާ މަސައްކަތުގެ އަގު ބަލައި ނުގަންނާތީ ކަމަށެވެ. މުސާރަ އަށް ގެނައި އޮނިގަނޑުން ވެސް އިހްސާސްވީ އެގޮތަށް ކަމަށާއި ނަމަވެސް ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާތީ ވަޒީފާގައި ދެމިހުންނަނީ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިކަންކަމާ މެދު ވިސްނާގައި ސެން ޓީޗަރުންގެ އަގު ވަޒަންކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން އުޅުމުން ވެސް ސެން ޓީޗަރުންނަކީ ނިސްބަތުން ސްކޫލްތަކުގައި ވަރަށް މަދު ބަޔަކަށްވާތީ އެ މީހުންގެ ހައްގުގައި އަޑު އުފުލާނެ ބަޔަކު ވެސް ނުވި ކަމަށް އޭނާ ބުންޏެވެ. ކަޅު ހެދުން ލުން ފަދަ ކަމެއް ކުރަން ބަލާއިރު ވެސް ސްކޫލްތަކުގެ މެނޭޖްމަންޓުން ވެސް އެކަމަށް ހުރަސް އަޅަމުންދާ ކަމަށާއި ހައްގުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްނުދޭ ކަމަށް އޭނާ ބުންޏެވެ.

“އަތުގައި ނެތް ހުޅު ދުޅަނުވާ އެންމެ އިނގިއްޔެއް ވެސް. ތަޅާ ކުދިންނާއި ދަތް އަޅާ ކުދިންނާއި ކޮއްޕާ ކުދިންނާއި މިހެން ގޮސް ތަފާތު އެކި ބިހޭވިއާ ހުންނަ ކުދިން ގޮވައިގެން އެކަނިމާ އެކަންޏޭ ބުންޏަސް ރަނގަޅުވާނެ މި އުޅެނީ. އެކަމަކު އަނިޔާއެއް ލިބުނަސް އެ ޒިންމާ އެހެން މީހަކު ނުނަގާނެ. ހަމަ އަމިއްލަ އަށް ޑޮކްޓަރަށް ދައްކައިގެން ކަންކަމުގައި އުޅެންޖެހޭނީ،”

ރިއެކްޝަންސް
1
4
0
41
0
1
1