ބަނޑުގެ ކެންސަރުގެ އަލާމާތްތައް: ކުރީބައިގައި ދެނެގަނޭ!

28 މެއި 2022 - 15:37

ކެންސަރަކީ އާދަޔާ ޚިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ކެންސަރުގެ ސަތޭކަ އެތައް ވައްތަރެއް ހުރެއެވެ. ކެންސަރަށް ނަންދެވެނީ މިމައްސަލަ ދިމާވާ ސެލްގެ ބާވަތަށް ނުވަތަ ގުނަވަނަށް ނިސްބަތްކޮށެވެ.

ކެންސަރަކީ ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނިހިނގައިދާނެ ބައްޔެކެވެ. ބަލީގެ އަލާމާތްތައް ފެންނަނީ ކެންސަރު ޖެހިފައިވާ ސެލްތަކާއި ގުނަވަން އަދި ފެތުރިފައިވާ މިންވަރަށް ބިނާކޮށެވެ. ޓިއުމަރެއް ބޮޑުވަމުން އައިސް، އޭގެ ސަބަބުން އެގުނަވަނެއްގެ މަސައްކަތަށް ނުވަތަ ކައިރީގައިވާ ގުނަވަނަކަށް އަސަރުކުރުމުންނެވެ. ވުމާއެކު، އެބޭފުޅަކު އަމިއްލަފުޅަށް އެބޭފުޅެއްގެ އަމިއްލަފުޅު ހާލަތު ދެނެވަޑައިގަތުން ވަރަށް މުހިންމެވެ.

advertisement

ކެންސަރުގެ އެކި ވައްތަރާއި ބާވަތްހުންނަ އިރު ބަނޑުގެ ކެންސަރަކީވެސް މީގެއިން ބާވަތެކެވެ. ބަނޑުގެ ކެންސަރަކީ ކުރީ ކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ ފަރުވާކުރަން ފަަސޭހަބައްޔެއް ނަމަވެސް ނުރައްކާތެރި ބައްޔެކެވެ.

ބަނޑުގެ ކެންސަރު ނުވަތަ ގޭސްޓްރިކް ކެންސަރު ޖެހުމަށް ދިމާވާ ސަބަބަކީ ބަނޑުގެ ފަށަލައެއްގައި ޓިއުމަރެއް އުފެދުމުގެ ސަބަބުންނެވެ. މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން ބަނޑުގެ ކެންސަރު ޖޭހޭ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

ބަނޑުގެ ކެންސަރުގެ އަލާމާތްތައް ފުރަތަމަ ދުވަސް ކޮޅުގައި ފެންނަލެއް ކުޑަ ވުމުގެ ސަބަބުން ގިނަ މީހުންނަށް ބަލި ދެނެގަންނަން އުނދަގޫވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލި ދެނެގަނެވޭ އިރު ގިނަފަހަރު ވަނީ ވަގުތު ފާއިތުވެ، ބަލީގެ އެންމެ ނުރައްކާތެރި ސްޓޭޖާހަމައަށް ވާސިލުވެފައެވެ. އެހެންކަމުން، މި ބަލީގެ އަލާމަތްތަކާމެދު ސަމާލުވެހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ބަނޑުގެ ކެންސަރުގެ އަލާމަތްތަކުގެ ތެރޭގައި ގޭސްޓްރިކްވެ މޭނުބައިކުރުން، ކާހިތްނުވުން އަދި ބަނޑަށް އުނދަގޫވެފައި ހުރުން ފަދަ އަލާމާތްތައް ހިމެނެއެވެ. އެގޮތުން ބަނޑުހައިނުވެ، ކުއްލިގޮޮތަކަށް އެއްވެސް ޑައެޓަކާ ނުލައި ބަރުދަން ލުއިވުމަކީ ބަނޑުގެ ކެންސަރުގެ އަލާމަތްތަކުގެ ތެރޭގައި އެންމެ ކަންބޮޑުވާ އެއް އަލާމާތް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

ބަނޑުގެ ކެންސަރުގެ ހާލަތު ގޯސްވެފައިވާކަން ދޭހަކޮށްދޭ އަލާމާތްތަކުގެ ތެރޭގައި ބޮޑުކަމުދާ އިރު ލޭ ހުރުމާއި ކާބޯތަކެތި ދިރުވަން އުނދަގޫވުމާއި ރީނދޫވުން ހިމެނެއެވެ.

ކެންސަރަށް ފަރުވާ ކުރެވެނީ ކެންސަރުގެ ބާވަތާއި ހުރި މިންވަރު ކަށަވަރުކުރުމަށްފަހުގައެވެ. މިގޮތުން ދެވޭ ފަރުވާގެ ތެރޭގައި އޮޕަރޭޝަންކޮށްގެން ޓިއުމަރު ނެގުމާއި ކީމޯތެރަޕީ (ކެންސަރު ސެލްތައް ނައްތާލުމަށްޓަކައި ދެވޭ ބާރުގަދަ ބޭސް. އިންޖެކްޝަންގެ ގޮތުގަޔާއި ގުޅަބޭހުގެ ގޮތުގައި ދެވޭ.) ދިނުމާއި ރޭޑިއޯތެރަޕީ ދިނުން ހިމެނެއެވެ. (އެކްސްރޭ ފަދަ އައްޔެއްގެ އެހީގައި ސެލްތައް ނައްތާލުމަށްދެވޭ ފަރުވާ). މިފަދަ ފަރުވާތަކަކީ ބާރުގަދަ ފަރުވާތަކެއް ކަމުން ހޮޑުލެވުމާއި އަދި އެހެނިހެން އުނދަގޫތައްވެސް ކުރެއެވެ. ވުމާއެކު، މިފަދަ އުނދަގޫތައް ކުޑަކުރުމަށްޓަކައި ވެސް އިތުރު ބޭސް ދެވެއެވެ.

ރިއެކްޝަންސް
11
5
2
92
0
1
3