ވެރިންގެ އޮފީސް އޭސީ ކޮށްފަ، ކްލާސްރޫމްތައް އޭސީ ނުކުރަނީ ކީއްވެ؟

28 މެއި 2022 - 16:16

ނަންހާމަ ކުރަން ބޭނުން ނުވާ ޓީޗަރަކާއި ބެލެނެވެރިއެއްގެ ޚިޔާލު

މީ މިބަދަލުވަމުން މިދާ ދުނިޔޭގެ ހޫނުމޫސުމުގެ ގިނީގެ ސަބަބުން ފަހަކަށް އައިސް ދަރިވަރުން ކުރަމުން އަންނަ ސުވާލެކެވެ. ޕްރިންސިޕަލް، ޑެޕިއުޓީ ޕްރިންސިޕަލް، ލީޑިންޓީޗަރުން އަދި ޓީޗަރުންގެ ސްޓާފްރޫމްވެސް އޭސީ ކޮށްފަ ހުންނަ އިރު ކްލާސް ރޫމްތައް އޭސީ ނުކުރަނީ ކީއްވެހެއްޔެވެ؟
މިސުވާލުގެ ޖަވާބަކަށް ސްކޫލުތަކުގެ އިސްފަރާތްތަކުން ބުނަމުން އަންނަނީ އެކަން ކުރުމަށް އޮތްހުރަހަކީ ސްކޫލުތަކުގެ ކަރަންޓުބިލުތައް އަތްނުފޯރާފަށަށްގޮސް ޚަރަދު ބޮޑުވާނެ ކަމުގެ ބިރުކަމަށެވެ.

advertisement

ސްކޫލުތަކުގެ މިފަދަ ގިނަ ކަންކަމަކީ މިހާރުވެސް ބެލެވެރިން ކޮށްދޭ ކަންކަމަށްވާއިރު ކިލާސްރޫމްތައް ފިނިކުރުމަށް ދައުލަތަށް ހަމަ ނުކުޅެދެނީ ހެއްޔެވެ؟ ތައުލީމު އުގެނުމަށްޓަކައި ދުވަހުގެ ގިނަ ވަގުތު ގަދަ ހޫނުގައި ދާހިއްލައިގެން ތިބެން ޖެހުމުގެ ސަބަބުން ކިޔެވުމަށް ސަމާލުކަން ދިނުމަށް ކުދިންނަށް ދަތިވާނަމަ މިއީ އަޅާ ނުލައި ދޫކޮށްލަން ކުޅަދާނަ ކަމެއް ހެއްޔެވެ؟

ހޫނު މޫސުމުގަ ކްލާސްރޫމްތަކުގަ މިހާރު ކެއްކުރަން ދަރިވަރުންނަށް އެތައްގޮންޖެހުން ތަކެއް ހުރެއެވެ. އޭގެތެރޭގަ ހޫނުގެ ސަބަބުން ދާހިއްލުމާއެކު ކްލާސްރޫމް ތަކުގެ ދަރިވަރުންގެ އަދަދު ގިނަވުމީ އިތުރަށް ހޫނުކަން އިހުސާސް ކުރުވާ ކަމެކެވެ. ހޫނުގެ ސަބަބުން ދަރިވަރުންގެ ހައިޖީންގެ މައްސަލަތައް އިންތިހާއަށް ކުލާސްތަކުން އިހުސާސް ކުރެވެއެވެ. އަދިހަމަ ގިނައިން ފެންބުއިމާއި ގިނައިން ފާހާނާއަށް ދާންޖެހުން ވެސް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނޯވެއެވެ. ކްލާހުން ނިކުތުމަށްފަހު ކްލާހަށް އެނބުރި އަވަހަށް އައުމަށް އެތައް އުޒުރެއް ދަރިވަރުން ދައްކައެވެ.

އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކޮށް ޝައުގު ހޯދަން މަސައްކަތް ކުރި ނަމަވެސް ދަރިވަރުން ފިލާވަޅަށް ސަމާލުކަން ދޭ މިންވަރު ވަރަށް ކުޑަކަމަށް ގިނަ ޓީޗަރުންވެސް ބުނެއެވެ. ހޫނުގެ ސަބަބުން ބައެއްކުދިން ވަރުބަލިވެ ކަންނެއް ވާ ފަހަރުވެސް އަންނަ ކަމަށް ވެސް އެއް ޓީޗަރަކު މައުލޫމާތު ދިނެވެ. އޭގެ އިތުރުން ހޫނުކަމުގެ ސަބަބުން އުނދަގޫ ވާން ފެށުމުން ބައެއްކުދިން ހައޕާރވާ މަންޒަރު ފެންނަނީވެސް މަދެއް ކޮށެއް ނޫނެވެ. އަދި ހައިޖީން މައްސަލަ ތަކުގެ ސަބަބުން ބައެއް ދަރިވަރުން ލަދުގަނެ ހެލިފެލިވެ އުޅުމަށް ޖެހިލުންވެއެވެ. އަދިހަމަ މިވަހުގެ ސަބަބުން ކްލާސްތަކަށް ވަދެނިކުންނަ ޓީޗަރުންގެ ސިކުނޑި އިންތިހާއަށް ބަރުވެ ބޮލުގަ ރިހުންނުކެނޑި ހުރުމުގެ ސަބަބުން ކިޔަވައިދިނުމަށް ވަރަށް ދަތިވެއެވެ. މީ އުމުރުފުރާގެ ގޮތުން އެކިގްރޭޑްތަކަށް އެކިމިންވަރަށް އިހުސާސްވާ ކަމަކަށްވެ ޚާއްސަކޮށް ސެކަންޑަރީގެ ދަރިވަރުން މިކަން ތަހައްމަލް ކުރާލެއް ބޮޑެވެ. މިއީ ބައެއް ދަރިވަރުން ސްކޫލަށް ހާޒިރުވާން ބޭނުންނުވާ އެއް ސަބަބު ވެސްމެއެވެ.

ހުޅުމާލޭގައި އެންމެފަހުން ބިނާކުރެވުނު ސްކޫލަކީ ކްލާސްރޫމްތައް އޭސީކުރުމަށް ޕްލޭން ކޮށް ހަދާފައިވާ ތަނެކެވެ. އަދި އެޕްލޭންގެ ދަށުން އެއިމާރާތައް ވާވަރަށް އެތަނަށް އޭސީވެސް ޖަމާކުރެވުނެވެ. ނަމަވެސް ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބުނެ އޭސީ ނުކުރުމަށް ނިންމާ އެތަނުގަ ހުރި އޭސީ ސްޓޮކް އެތަނުންވެސް ބޭރުކުރި ވާހަކަ އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިނެވެ. އެ އޭސީތަކަށް ފަހުން ވީގޮތެއް ނޭނގެއެވެ.
އޭސީގެ ބިލްތައް ދެއްކޭވަރަށް ސްކޫލުތަކަށް ބަޖެޓު ކަނޑައަޅައިދިނުމަކީ ދެވޭ ތައުލީމުގެ ފެންވަރާ ގުޅިފައި އޮތް ކަމެކެވެ. މި ގަދަ ހޫނުގަ ދަރިވަރުންގެ ހައްގެއްގެ ގޮތުގަ ކްލާސްރޫމްތައް ފިނިކުރަން ނުޖެހޭނެބާއެވެ؟

ރިއެކްޝަންސް
1
1
5
8
0
0
2