ރިޕޯޓު: ގޭންގުތަކާއި ފަގީރުކަން — ނުދައްކާ ވާހަކަ

2 ޖޫން 2022 - 12:10

މީޑިޔާތައް އެއްކުރުމަށް ފަހު ފުލުހުން ވަނީ މީގެ މަސްތަކެއް ކުރިން މީހުން ސިއްސުވާހާ ބޮޑަށް މަސްތުވުމުގެ ކަންކަން ގޮސްފައި އޮތް ވާހަކަ އާއްމުންނާ ހަމައަށް ގެނެސްދީފައެވެ. މިފަހަރު ހުރިހާ ނޫހަކުން ދައްކަނީ ގޭންގުތަކުގެ ވާހަކައެވެ. ނުދައްކާ ވާހަކައަކީ ކުށްވެރިން އުފެދޭ ގޮތުގެ ވާހަކައެވެ.

ކުށްވެރިންނާއި ފަގީރު ކަން ގުޅިފައި

ކުށްވެރިންނަކީ މައިން އުފަންކުރުވާ ބައެއް ނޫނެވެ. ކުށްވެރިންނަކީ ނިޒާމުގައި ހުރި އެތަކެއް މައްސަލަތަކެއްގެ ސަބަބުން އުފެދޭ ބައެކެވެ.

advertisement

މާލޭގައި އެންމެ ފުރަތަމަ ގޭންގުތައް އުފެދިގެން 1990 ހިސާބުގައި ރާއްޖޭގައި ހެރޮއިން ވިއްކަން ފެށި ހިސާބުން ކަމަށް ގޭންގުތަކުންވެސް އެއްބަސްވެއެވެ. 2012  ވަނަ އަހަރު ދަ އޭޝިއާ ފައުންޑޭޝަން އިން ހެދި ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލެ، ރިޕޯޓުގައި ވާގޮތުން އޭރު މާލޭގައި ހަރަކާތްތެރިވަމުން އައީ 30-20 ގޭންގެވެ. އޭގެ 10 އަހަރުފަހުން މިހާރު 44 ގޭންގު ވާކަމަށް މިދިޔަ ހަފްތާގައި ފުލުހުންވަނީ ބުނެފައެވެ.

ގޭންގުތަކާއި މީހުން ގުޅޭ ސަބަބުތައް ކަމުގައި މި ދިރާސާ އިން ހާމަވާ 7 ސަބަބެއް ވެއެވެ. އޭގެތެރޭގައި މައިންބަފައިން ވަރިވުން ނުވަތަ މަރުވުން، އަނިޔާ ކުރުން ފަދަ ކަންކަމާއި، ސްކޫލުން ބުލީކުރުމާއި ތަފާތުކުރުމުގެ ސަބަބުން ކުރިމަތިވާ ހިތްދަތިކަމާއި ބާކީ ކަމާއި ރުޅިވެރިކަން ހިމެނެއެވެ.

އަދި ފުލުހުންގެ ރައްކާތެރިކަމާއި، އެހެން ގޭންގުތަކުގެ ހަމަލާއިން ސަލާމަތްވުމަށް ބޭނުންވާ ހިމާޔަތްވެސް ގޭންގަކާއި ގުޅުމުން ލިބޭ ކަމަށް ދެކި ގޭންގުތަކާއި ގުޅިފައިވާ މީހުން ގިނައިރު، ސިޔާސީ ފަރާތްތަކުންނާއި ވިޔަފާރިވެރިން ބުނާ ކުށްކޮށްގެން ފައިސާ ހޯދުމަށްވެސް ބައެއް ޒުވާނުން ގޭންގުތަކާ ގުޅެއެވެ. މި ސަބަބުތަކުން ހާމަވަނީ މައްސަލައިގެ އަސްލު ސަބަބު އޮތީ އިޖުތިމާއި އެތަކެއް މައްސަލަތަކަކާއި ގުޅިފައި ކަމެވެ.

މިއީ ޖަލުތައް އިތުރުކޮށްގެން، އަދަބުތައް ހަރުކަށި ކޮށްގެން ހައްލުވާނެ ކަމެއް ނޫންކަމަށް ކްރިމިނަލް ބިހޭވިއާ ދިރާސާވެރިންވެސް ގަބޫލުކުރެއެވެ. ޒުވާނުން ގޭންގުތައް ހިޔާރުކުރާ ސަބަބުތައް ނައްތާލެވޭނީ ފަގީރުކަމާއި ނަހަމަކަން ނައްތާލައި މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ގާއިމުކުރެވިގެންނެވެ.

ސިޔާސީ ޕާޓީތައް އުފެދުނުފަހުން ގޭންގުކުށް އިތުރުވި ކަމަށް ގޭންގުތަކުން ބުނޭ

2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ގޭންގުކުށްތައް ވަނީ އިތުރުވެފައެވެ. މިކަމާއި އެއްބަސްވަމުން ގޭންގުތަކުން 2012 ވަނަ އަހަރުގެ މި ދިރާސާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕާޓީތަކުން ފަންޑުކުރާ ގޭންގުތައް އަލަށް އުފެދިފައިވާ ކަމަށާއި ކުށްކުރުންވެސް ގިނަވެފައިވާ ކަމަށެވެ.

މިގޮތުން ސިޔާސީ ވަކި ކަމަކަށް މީހުންދޭ ސަމާލުކަން އެހެން ފަރާތަކަށް ޑައިވާޓްކުރުމުގެ ބޭނުމުގައި ގޭންގުތަކަށް މިލިޔަނުން ފައިސާ ދީގެން މީހުން މެރުމުގެ އޮޕަރޭޝަން ހިންގުވާފައިވާ ކަމަށްވެސް ގޭންގުތަކުން މައުލޫމާތު ދީފައިވެއެވެ. 2010 ވަނަ އަހަރު “ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނު” އަށް އަމަލުކުރަން ފެށި ނަމަވެސް މިއަދާއި ހަމައަށް ގޭންގުތައް އައީ ގިނަވެ ބޮޑުވަމުންނެވެ. ކުރާ ކުށްތައް ވެސް މިވަނީ ބޮޑުވެ އިތުރަށް ސީރިއަސްވެ ރޭވުންތެރިކަން އިންތިހާއަށް ގޮސްފައެވެ.

ޒުވާނުން ގޭންގުތަކާއި ގުޅޭ ކަމަށް ދިރާސާއިން ހާމަކޮށްފައިވާ 7 ސަބަބު.

  • އާއިލާ އަކަށް ނިސްބަތްވާން ބޭނުންވެގެން

އާއިލާތެރޭގައި މައްސަލަ ބޮޑުވެ ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބި، މައިންބަފައިންގެ ފަރާތުން އަނިޔާ ލިބުމުގެ ސަބަބުން އެކަނިވެރިވެ ހާސްކަމާއި ނިކަމެތިކަން ކުރިމަތިވާ ޒުވާނުންނާއި ޅަކުދިން ގޭންގުތައް ދެކެނީ އާއިލާ ކަމުގައެވެ.

  • ރައްކާތެރިކަން ހޯދުމަށް

އެހެން މީހުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް ގޭންގުތަކާއި ގުޅޭ ކަމަށް މި ދިރާސާއަށް މައުލޫމާތު ދިން ގޭންގު މެމްބަރުން ބުނެފައިވެއެވެ.

މިސާލަކަށް ބައްޕައަކު އެހެން ގޭންގު މީހަކަށް ހަމަލާ ދީފި ނަމަ އޭނާގެ ކުދިންނަށް ނުރައްކާ އިހުސާސްވެ ގޭންގުތަކާއި ގުޅެއެވެ. ހަމަ މިއާއި އެކު މަސްތުވާތަކެތި ވިއްކުމަށް ފަސޭހައީ ގެންގަކާއި ގުޅިގެން ކަމަށާއި ގޭންގެއްގައި ނޫޅޭ ނަމަ އެހެން މީހުން އައިސް ހަމަލާދީ މަސްތުވާތަކެތި ފޭރޭ ކަމަށާއި، އަދި ކުށެއްގައި ހައްޔަރުވެއްޖެ ނަމަ ފުލުހުން އަނިޔާ ކުރާ މިންވަރުވެސް ގޭންގެއްގައި އުޅޭ ނަމަ ކުޑަ ކަމަށް ގޭންގު މެމްބަރުން ބުނެފައިވެއެވެ.

  • ތިމާގެ އަމިއްލަ އައިޑެންޓިޓީ ގާއިމުކުރުމަށް

ފުދުންތެރި އެހެން މީހުން އުޅޭ ގޮތަށް އުޅެ، ސައިކަލާއި ކާރާއި ގަހަނާ އާއި ފޯނު ފަދަ ތަކެތި ހޯދުމަށް އެންމެ ފަސޭހަ އަދި އަވަސް ގޮތަކީ ގޭންގަކާއި ގުޅުން ކަމަށް ގޭންގު މެމްބަރުން ދެކެއެވެ.

އަދި އެހެން މީހުން ތިމާ ދެކެ ބިރުގަންނަ މީހަކަށް ތިމާ ވުމަށާއި އަނިޔާވެރި ކަމަކީ ކޫލް ކަމެއްގެ ގޮތުގައި ޒުވާނުންގެ ތެރޭގައި ދެކެވޭ ދެކެވުމަކީވެސް މިގޮތަށް ތިމާމީ ކާކުކަން ހާމަކޮށް ގާއިމުކުރުމަށް ބޭނުންވާ ޒުވާނުން ގޭންގުތައް ހިޔާރުކުރާ އެއް ސަބަބެވެ.

  • ވަޒީފާ ނުލިބުމާއި، ލިބޭ މުސާރަ ކުޑަވުން

ވަޒީފާ ނުލިބުމަކީ ޒުވާނުންނަށް ގިނަ ހުސްވަގުތު ލިބި ގޭންގުތަކާއި ގުޅުމަށް މަގުފަހިވާ ކަމެއްކަން މި ދިރާސާއިން ހާމަވެއެވެ. ހާއްސަކޮށް ކުޑަ ކުށްތަކުގެ ސަބަބުން 5 އަހަރުގެ ޕޮލިސް ރެކޯޑު އޮންނަ އޮތުމަކީ ވަޒީފާ ހޯދަން އުނދަގޫ ކަމެއް ކަމަށްވެ، ވަޒީފާއެއްގެ އުއްމީދު ގެއްލޭ ހިސާބުން ގޭންގަކާއި ގުޅުމުން މައްސަލަ ހައްލުވާކަމަށް އެމީހުން ދެކެއެވެ.

ހަމަ މިއާއި އެކު ކުށެއްގައި ބެދި އަލަށް ޖަލަށް ދިޔުމަށްފަހު އަލުން މުޖުތަމައުގައި އުޅެން ދަތިވެ، މީހާ ކިތަންމެ ބޮޑަށް ބަދަލުވިކަމުގައި ވިޔަސް މުޖުތަމައު އިން ބާކީ ކޮށް ވަޒީފާ ނުލިބި، ބައިވެރިއެއް ނުލިބުން ފަދަ ކަންކަން ދިމާވުމުން ދެން ބަލަނީ ގޭންގަކާއި ގުޅުމަށް ކަމަށާއި އަދި ލިބޭ އާމްދަނީ އިން ނުފުދިގެން ގިނަ ފައިސާ ހޯދުމާއި، އޯލެވެލް ނިންމުމަށް ފަހު 18 އަހަރު ވުމާއި ދެމެދު ވާ ހުސް މުއްދަތުގައި އިތުރަށް ކިޔެވުމުގެ ފުރުސަތު ގެއްލޭ ކުދިންވެސް ގޭންގުތަކާއި ގުޅޭކަމަށް އެމީހުން ބުނެފައިވެއެވެ.

ފައިސާ ހޯދަން ފަސޭހަކަމުގެ މިސާލެއް ދައްކަމުން ގޭންގު މެމްބަރަކު ބުނެފައިވަނީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމުން އެއްފަހަރާ 20،000 ރުފިޔާ ލިބޭކަމަށެވެ.

  • މަސްތުވާތަކެތި ބޭނުންކުރުން

ރިސާޗުގައި ބައިވެރިވި ގިނަ ގޭންގުތަކުގެ ހުރިހާ މެމްބަރުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ބުނެފައިވާއިރު، ބައެއް ގޭންގުތަކަކީ ޑްރަގް ނެގުމާއި ދެކޮޅު ނަމަވެސް ކެނަބިސް އަދި ރާ ބޭނުންކުރުމަކީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ދެކޭ މީހުންނެވެ.

އެމީހުން ބުނެފައިވާ ގޮތުން މަސްތުވުމުގެ ސަބަބުން ފުލުހުން ހައްޔަރުކުރިއަސް ގޭންގަކަށް ނިސްބަތްވާނަމަ ފުލުހުންވެސް ރައްކާތެރިކަން ދެއެވެ. އަދި ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ބުނާ ކުށްތައް ކުރުމުން ހަދިޔާ އަށް މަސްތުވާތަކެތި ލިބުމާއި އެމީހުންގެ ސަފާރީތަކުގައި އަންހެން ކުދިންނާއި އެކު ޕާޓީ ކުރުމުގެ ފުރުސަތު ލިބެއެވެ.

  • ސްކޫލް މާހައުލުގައި ބުލީ ކުރެވުން

ސްކޫލުތަކުގައި ބުލީ ކުރާ މީހުންގެ ފަރާތުން ބަދަލު ހިފުމަށްވެސް ގޭންގްތަކާއި ގުޅޭ ކަމަށް ބައެއް ގޭންގު މެމްބަރުން ބުނެފައިވެއެވެ. ބުލީ ކުރުމާއި ދެކޮޅަށް ސްކޫލުތަކުން މާބޮޑު މަސައްކަތެއް ނުކުރުމުގެ ސަބަބުންނާއި، މުއްސަނދިންގެ ކުދިންނާއި ފަގީރުންގެ ކުދިންނާއި ދެމެދު ސްކޫލުތަކުން ތަފާތުކުރާ ކަމީވެސް ބާކީކަން އިހުސާސްވެ ރުޅިވެރިކަން އިހުސާސްކުރެވި އެ އިހުސާސް ހަނދާން ނައްތާލުމަށްޓަކައި ގޭންގުތައް ހިޔާރުކުރިކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

  • އާއިލީ މައްސަލަތައް.

މައިންބަފައިން ވަރިވުމާއި މަރުވުމާއި، މަންމަ ނުވަތަ ބައްޕަ އެކަނި ގިނަ ކުދިން ބަލަން ޖެހުމުގެ ސަބަބުން ކުދިންނަށް އަޅާނުލެވުމުގެ ސަބަބުން އާއިލާގެ ލޯބި ނުލިބި އެ ލޯބި ހޯދުމަށް ގޭންގުތަކާއި ގުޅުނު ކުދިން މި ދިރާސާއަށް މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަންސް
2
2
2
20
3
0
2