މިހާރުނޫހުގެ އިދާރާއަށް ވަދެ ނޫސްވެރިންނަށް ބިރު ދައްކައިފި!

2 ޖޫން 2022 - 12:44

މިހާރު ނޫހުގެ ނޫސްވެރިންތަކަކަށް ބިރު ދައްކައި ފުރައްސާރަ ކުރުމަށް ރާވައިގެން ބަޔަކު ހިންގަމުން އަމަލުތައް އެ ނޫހުން ކުށްވެރިކޮށްފިއެވެ. މިހާރު ނޫހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ އެ ނޫހާއި އެ ނޫހުގެ ބައެއް ނޫސްވެރިންގެ އަގުވައްޓާލުމަށް ބަޔަކު ގަސްތުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރައި، މުވައްޒަފުން ބުލީކުރަމުން އަންނަކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިން ވަނީ ބޮޑު ބިރުވެރިކަމެއްގެތެރޭގައި ކަމަށެވެ.

މި އަމަލުތަކަކީ ބަޔަކު ގަސްތުގައި ރާވައިގެން އެ ނޫހާއި ނޫހުގެ މުވައްޒަފުންގެ އަބުރު ކަތިލުމަށް ހިންގާ އަމަލުތަ ކަމަށް ބެލެވޭ ކަންކަން ފާހަނގަކުރެވިފައި އެބަހުރި ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި ގޮތް ނޭނގޭ މީހުން ނޫހުގެ އިދާރާއަށް ވަދެ ބިރުދެއްކުމުގެ އަމަލު ހިންގާފައިވާކަން ފާހަނގަ ކުރަމުން އެ ނޫހުން ބުނެފައިވަނީ މިކަންކަން މިހާރުވާނީ ތަފްސީލުކޮށް ފުލުހުންނަށް ވެސް އަންގާފައި ކަމަށެވެ.

advertisement

މިއީ މީގެ ކުރިންވެސް މިހާރު ނޫހަށް ދިމާވެފައިވާ ކަންކަން ނަމަވެސް އެނޫހުގެ ފަރާތުން އެފަދަ އެއްވެސް ކަމަކާއި މެދު ފިޔަވަޅު އަޅާފައި ނުވާ ނަމަވެސް ކަންކަން ގޯސްވެ ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީ، އެ ނޫހާއި، ނޫހުގެ އެއްވެސް ނޫސްވެރިޔަކާއި ބެހޭގޮތުން ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް އެއްވެސް ގޮތަކަށް ދައްކައިފި ނަމަ އެކަމަކާ މެދު މީގެފަހުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ގާނޫނުތަކުގެ ތެރޭގައި ފާޑު ކިޔުމާއި ކޮމެންޓު ކުރުމަކީ އެނޫހުން އަބަދުވެސް ތާއީދު ކުރާ އަދި އެކަމަށް ހިއްވަރު ދޭ ކަމެއް ކަމަށް ބުނެ ނޫސް ބަޔާން ނިންމާލަމުން އެ ނޫހުން ބުނެފައިވަނީ އަބުރަށް އަރައިގަތުމާއި ބުލީ އާއި ފުރައްސާރަ އާއި ފިތުނަފަސާދަ އަށް މަގުފަހިކުރާ ހިޔާލުތަކާއި އަމަލުތަކަކީ އެ ނޫހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0