ރިޕޯޓު: ޕްރީ ސްކޫލް ގްރެޖުއޭޝަން، އަނެއްކާ ވެސް އިތުރު ހަރަދެއް!

5 ޖޫން 2022 - 14:40

ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންކޮށްފައި ވަނީ ސްކޫލްތަކަށް ބެލެނިވެރިންނަށް ފީދައްކަން ނުޖެހި، ފޮތްތަކާއި އަދިވެސް އެ ނޫން ވެސް ސްޓޭޝަނަރީ އަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށެވެ. މީގެ ސަބަބުން ބެލެނިވެރިންގެ ޖީބަށް ވަރަށް ބޮޑުތަން ލުއިވެއެވެ. ކުދިންގެ ތައުލީމަށް ކުރާ ހޭދައިން ބޮޑު ބައެއް ސަލާމަތް ވެސް ވެއެވެ. ޔުނިވާސަލް ނިޒާމެއް ރާއްޖެ އަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ވެސް އެއީ އެވެ.

ނަމަވެސް މީގެ ސަބަބުން މުޅި މައްސަލައަށް ހައްލެއް ނުލިބެއެވެ. ތައުލީމީ ނިޒާމުގައި މިކަން ކިތަންމެ ފުރިހަމަ އަށް ލިޔެފައި އޮތް ނަމަވެސް ތަންފީޒުކުރުމުގެ މަރުހަލާގައި އެކި ސްކޫލްތަކުން ގެންގުޅޭ އަމިއްލަ ގޮތްތަކުގެ ސަބަބުން ބެލެނިވެރިންގެ ތަކުލީފު ކުޑައެއް ނުވެއެވެ.

advertisement

ކޮންމެ ވެސް ހަރަދެއް ކުރަންނުޖެހޭ ހަފުތާއެއް މަދު

ފޮތް ފަންސޫރުގެ އިތުރު ތަފާތު އެކި ދުވަސްތައް ފާހަގަކުރަން ކުރަންޖެހޭ ހޭދަ ވެސް ވަކި ކުޑައެއް ނޫނެވެ. ގައުމީ ދުވަހާއި އަދަބީ ދުވަހާއި ތިމާވެށީގެ ދުވަހާއި މިހެން ގޮސް އެކި ނަންނަމުގައި ދުވަސްތައް ފާހަގަކުރާ އިރު އެއިން ކޮންމެ ދުވަހަކަށް ހޯދަން އުނދަގޫ ކޮންމެވެސް ހެދުމެއް ނުވަތަ ކޮންމެ ވެސް އާސާރީ ނުވަތަ ސަގާފީ އެއްޗެއް ނުގަނެ ފަރުޖެއްސޭކަށް ނޯވެއެވެ. އޭގެ އިތުރުން ބައެއް ސްކޫލްތަކުން ފަންޑް ރެއިޒްކުރުމަށް ބާއްވާ ތަފާތު ފެއާތަކުގައި ވެސް ބެލެނިވެރިން ހޭދަކުރަން މަޖުބޫރުވާ ކަހަލަ ގޮތަކަށް ކަންކަން ކުރުމަކީ ވެސް ބެލެނިވެރިންގެ ޖީބަށްް ބާރުކުރާ ކަމެކެވެ.

ކުރިއަށް އޮތީ ވެސް މިފަދަ ދުވަސްތަކެކެވެ. ދިރާސީ އަހަރު ނިމެނީއެވެ. ޕްރީ ސްކޫލްތަކުގެ ބެލެނިވެރިން މި ވަގުތު އަވަދި ނެތި އުޅެނީ އެ ކުދިންގެ ގްރެޖުއޭޝަންގެ ގައުން ފެހުމުގައެވެ. މިއީ ވެސް ކުޑަ ހަރަދެއް ނޫނެވެ. މި ވަރުން ނިމުނީއެއް ނޫނެވެ. ބައެއް ސްކޫލްތަކުން އެ ދުވަހު ބެލެނިވެރިން ވެސް އެއް ކުލައެއްގެ ހެދުން އެޅުމަށް ކަންކަން އެބަ ރާވައެވެ. ކްލާސް މަންދޫބުގެ އިސްނެގުމުގެ މަތިން މިކަންކަން ރޭވި ނަމަވެސް އެކަމަށް ދެކޮޅު ހަދާކަށް ބެލެނިވެރިންނަށް ވެސް ނުކެރެއެވެ. އެހެންކަމުން ހަމަ ހިމޭނުން ތިބެނީއެވެ. ނަމަވެސް މިއީ ގިނަ ކުދިން ތިބޭ މީހުންނަށް ހަރަދު ބޮޑު މި ޒަމާނުގައި ފަސޭހަ ކަމެއް ނޫނެވެ.

ގްރެޖުއޭޝަނާ ގުޅިގެން ކަންކަން އޮތީ ހަމައެކަނި ދަރިވަރުންނާއި ބެލެނިވެރިންނަށް އެކަންޏެއް ނޫނެވެ. ގިނަ ސްކޫލްތަކުގެ ޓީޗަރުން ވެސް އެ ދުވަހަށްޓަކައި ވަކި ކުލައަކުން ހެދުން ފަހަން ވަނީ މަޖުބޫރުވެފައެވެ. ގިނަ ޓީޗަރުންނަކީ ވެސް އެ މީހުން އަމިއްލަ ދަރިން ވެސް ތިބޭ މީހުންނަށް ވުމުން މިއީ ވެސް އިތުރަށް ކުރަންޖެހޭ ހަރަދެކެވެ.

ވަދާއީ ޕާޓީތަކަށްވެސް ހަރަދު ކުރަންޖެހޭ

ދިރާސީ އަހަރު ނިމޭ އިރު ހަރަދާ މެދު ކަންބޮޑުވާންޖެހިފައި ވަނީ ހަމައެކަނި ޕްރީ ސްކޫލްގެ ބެލެނިވެރިންނަށް އެކަންޏެއް ނޫނެވެ. އަހަރު ނިމޭތީ ބައެއް ކްލާސްތަކުން ވެސް ވަދާއީ ޕާޓީތައް އެބަ ބާއްވައެވެ. މިފަދަ ކަންކަމަކީ ކޮންމެވެސް ބެލެނިވެރިއަކު ފާޅުކުރާ ހިޔާލެއްގެ ތެރެއިން އުފަންވާ ކަންކަމެވެ. ނަމަވެސް އެފަދަ ގްރޫޕްތަކުގައި ތިބެ، ޓީޗަރުން ވެސް މިކަމަށް ހިތްވަރުދީ ބައިވެރިވާކަން ފާހަގަކުރެވެއެވެ. މިކަން ކަމަށް ހޭދަ ނުކުރެވޭ އެތައް ބެލެނިވެރިންނެއް ވެސް އެބަ ތިބެއެވެ. ކުދިންގެ އުފަލާއި ބާކީވާން ބޭނުން ނުވާތީ ކޮންމެ ވެސް ސިފައެއްގައި އެފަދަ ހަފުލާތަކުގައި ބައިވެރިވާން މަޖުބުރު ވަނީއެވެ. ސްކޫލްތަކުން މަޖުބޫރުކުރުވުމެއް ނެތި ބާއްވާ މިފަދަ ކަންކަމުގައި ބައިވެރިވާން އަމިއްލަ ނަފްސު މަޖުބުރުކުރުވަނީއެވެ.

ހަރަދުތައް ދެކޮޅު ނުޖެހިގެން އުޅުނަސް ދަރިންގެ އުފަލައްޓަކައި ސްކޫލްތަކުގެ މިފަދަ ހަރަކާތްތަކުން އެކަހެރިވުމަކީ ބެލެނިވެރިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް މި ގޮތަށް ބާއްވާ ކަންކަމުގައި ބައިވެރިނުވާ ނަމަ އެ ބެލެނިވެރިއަކު ލޭބަލްކުރުމަކީ ވެސް ހިނގާ ކަންކަމެވެ. އަދި ތަފާތުކުރުން ގެންގުޅޭކަން ވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ހަގީގަތުގައި ވެސް އެ ބެލެނިވެރިއަކު އެފަދަ ކަންކަމުގައި ބައިވެރިނުވަނީ އެކަން ކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުންނެވެ. ފަހަރުގައި ވިއްސަކަށް ރުފިޔާއަކީ މާ ބޮޑު އެއްޗަކަށް ހީނުވެދާނެއެވެ. ނަމަވެސް ގިނަ ހަރަދުތަކެއް ކުރާ އަދި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭ މީހަކަށް އެއީ ވެސް ބޮޑު ހޭދައެކެވެ.

ގްރެޖުއޭޝަން ފަދަ ހަފުލާތައް ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް ބޭއްވުމަކީ ސްކޫލްތަކުން އިސްކަންދޭންޖެހޭ ކަމެކެވެ. ކުއްޖާގެ އުމުރުން އަންނަ އެންމެ ދުވަހެކޭ ކިޔާފައި ބެލެނިވެރިންނާއި ޓީޗަރުންނަށް އެހާ ބޮޑު ތަކުލީފެއް ޖެއްސުމަކީ ސްކޫލްތަކުން ހިތްވަރު ދޭންޖެހޭ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ދުވަސްތައް ފާހަގަކުރުމުގައި އެންމެ ނިކަމެތި މީހާ އަށް ވެސް ބައިވެރިވެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް އެޑިއުކޭޝަނުން ވެސް އަދި ސްކޫލްތަކުން ވެސް ބާރު އަޅަންޖެހެއެވެ. އެކި މުނާސަބާތައް ފާހަގަކުރުމަށް ތަފާތު ހެދުން އެޅުމާއި އެ ނޫން ވެސް ކަންކަމަށް ކުރާ ހޭދަ ކުޑަވާނެހެން ކަންކަން އިންތިޒާމުކުރުން މުހިންމެވެ. ސްކޫލްތަކުން ދަސްކޮށްދޭންޖެހޭނީ ހަރަދު ކުޑަކުރާނެ ގޮތެވެ. އިންކްލޫސިވް ހަމައެކަނި މާނަކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރިކޮށްގެން ކަންކަން ކުރުމަކަށް ނޫނެވެ. އޭގެ މާނައަކީ ހުރިހާ އެންމެން ބައިވެރިކުރުމެވެ. އޭގެ ތެރޭގައި ނުލިބޭ ނިކަމެތި މީހާގެ ދަރިން ވެސް ހިމެނެއެވެ.

ރިއެކްޝަންސް
4
1
0
0
0
0
1