ނުދަންނަ މީހުންނާއި އޮންލައިންކޮށް ވާހަކަދައްކަންތަ؟

6 ޖޫން 2022 - 9:57

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުވެސް އެތައް މިލިއަން މީހުންނެއް އޮންލައިން އެކި ޕްލެޓްފޯމްތައް ބޭނުންކުރެއެވެ. އޭގެތެރެއިން ގިނަ މީހުންނަށް އޮންލައިންކޮށް ނުދަންނަ މީހުންނާއި ވާހަކަދައްކައި އުޅެއެވެ. މީގެތެރޭގައި ފޭސްބުކް، ޓްވިޓަރ، އެކިއެކި ޗެޓް ރޫމްތައް، އަދި ޑޭޓިން އެކިއެކި ސައިޓްތައް މެދުވެރިކޮށްވެސް ވާހަކަދައްކާ އުޅެއެވެ.

އޮންލައިންކޮށް ނުދަންނަ މީހުންނާއި ވާހަކަދައްކާ މީހުންގެ ތެރޭގައި މާބޮޑަށް “ފްރެންޑްލީ” ވުމުގެ ސަބަބުން ވާހަކަދައްކާ މީހުންވެސް އުޅެއެވެ. އަދި އިންޓަނެޓަށް މާބޮޑަށް ދެވިހިފާފައިވާ މީހުންނާއި، ފޫހިވުމުން ހުސްވަގުތު ފުރާލަން ވާހަކަދައްކާ މީހުންވެސް އުޅެއެވެ.

advertisement

ޓްވިޓަރ ފަދަ އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް ނުދަންނަ މީހުންނަށް އޮންލައިންކޮށް ވާހަކަދެއްކުމަކީ ވަރަށް ނޯމަލް ކަމެކެވެ. ނަމަވެސް ބައެއް ހާލަތުގައި އޮންލައިންކޮށް ނުދަންނަ މީހުންނަށް ވާހަކަދައްކާނަމަ ސަމާލުވެ ވިސްނަންޖެހޭ ހާލަތްތައްވެސް އާދެއެވެ. ސަބަބަކީ ބައެއް ފަހަރު މިފަދަ މީހުން އޮޅުވާލައިގެން ފައިސާއާއި ނުވަތަ އަމިއްލަ މައުލޫމާތު ހޯދައި ނާޖާއިޒް ގޮތުގައި ބޭނުންކުރާތީއެވެ.

އޮންލައިންކޮށް ނުދަންނަ މީހުންނަށް ވާހަކަދައްކަނީ ކީތްވެ؟

ބައެއް ފަހަރު ދިރިއުޅުމުގައި ދިމާވާ ކަމެއް ދަންނަ މީހަކާއި ހިއްސާކުރުމުގެ ބަދަލުގައި ނުދަންނަ މީހަކަށް ނުފެނި އޮންލައިންކޮށް އެކަން ހިއްސާކުރުމަކީ ގިނަ މީހުންނަށް މާ ފަސޭހަކަމެކެވެ. އަދި ތިމާ ނުދަންނަ މީހަކަށް ކަމެެއް ހިއްސާކޮށްފިނަމަ ތިމާ ޖަޖު ނުކުރާނެކަމުގެ ޔަޤީންކަން އޮތުމަކީވެސް ބައެއް މީހުން އޮންލައިންކޮށް ނުދަންނަ މީހުންނަށް ވާހަކަދައްކާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޮންލައިންކޮށް ދިމާވާ މީހުންނަށް އިތުބާރު ކުރެވޭނެތަ؟

މިކަން ހޯދުމަށް 320 މީހުން ބައިވެރިކޮށްގެން ވަނީ ދިރާސާއެއްކޮށްފައެވެ. އޮންލައިންކޮށް ވާހަކަދައްކާއިރު އޮޅުވާލަންތޯ ބެލުމަށެވެ. މި ދިރާސާއިން ދައްކާގޮތުގައި އަންހެނުންނަށްވުރެ ފިރެހެނުން އެމީހުންގެ މާލީ ތަނަވަސްކަމާއި ގުޅޭގޮތުން ދޮގުހަަދައެވެ. އަދި އަންހެނުން އެމީހުންގެ ސަލާމަތައް ޓަކައި ދޮގުހަދައެވެ.

ދިރިއުޅުމުގެ ކަމެެއް ހިއްސާކުރަން ބޭނުންނަމަ ނުވަތަ ދަންނަ މީހަކާއި ހިއްސާކުރަން ބޭނުން ނުވާނަމަ ނުދަންނަ މީހަކަށް ހިއްސާ ކުރުމުގެ ބަދަލުގައި ކަމާގުޅުންހުރި ފަރާތެއްގެ ހިޔާލާއި މަޝްވަރާއަކީވެސް ހޯދިދާނެ އެއްޗެކެވެ. ކައުންސިލިން ހޯދުމަކީ އެކަމަކާއި ގުޅޭގޮތުން ކަންކުރަންވީ ގޮތުގެ ލަފާ ލިބިގެންދާނެ ކަމެކެވެ.

ރިއެކްޝަންސް
0
0
1
1
0
0
2