އުމްރާ ގްރޫޕްތަކަށް ބަރޯސާވާކަށް ދެން ނުޖެހޭނެ!

6 ޖޫން 2022 - 13:12

ހައްޖާއި އުމްރާއަށް ގެންދިއުމުގެ ހިދުމަތަކީ ބޮޑު ވިޔަފާރިއެކެވެ. އަދި އެހާމެ ވާދަވެރިކަން ބޮޑު ވިޔަފާރިއެކެވެ. ހައްޖު ކޯޓާ ހޯދުމަށާއި އުމުރާ އަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް ކޮންމެ އަހަރަކު ވެސް ގްރޫޕްތަކުން ބޮޑު “ހޭދައެއް” ކުރެއެވެ. މިކަމުގައި ގްރޫޕްތަކުގެ މެދުގައި ވަރަށް ބޮޑު “ކޯޅުމެއް” ވެސް އޮވެއެވެ. މިކަމުގެ ތެރޭގައި ފިތި ބާރުވަނީ އާންމު މީހާ އެވެ.

އެކަނި ވިސާ ނަގައިގެން ދެވެން ނޯންނާތީ ގްރޫޕްތަކުން ކިޔާ އަގެއް ދިނުން ނޫން ގޮތެއް ނޯވެއެވެ. މިކަމުގެ ތެރޭގައި ލަނޑު ލިބެނީ ވެސް މަދެއްކޮށެއް ނޫނެވެ. ވަގު ހެދުން ވެސް އިންތިހާ އަށް އޮވެއެވެ. ހައްޖު ދަތުރުތަކުގެ އިތުރުން އުމްރާ އަށް ގެންދަން ކަމަށް ބުނެ ވަގު ޓިކެޓް ވިއްކުމާއި ތަފާތު ޕެކޭޖްތައް ހަދައިގެން ބޮޑު އަގު ނެގުމަކީ ވެސް ކުރަމުން އަންނަ ކަމެކެވެ. “ލިއްލާހިއަށްޓަކައި” ގްރޫޕްތަކުން ކުރަނީ ބޮޑު ވިޔަފާރިއެކެވެ. ނަމަވެސް ސައުދީގެ ވިސާ ނިޒާމަށް ގެނައި ބޮޑު ބަދަލަކާ އެކު މިކަން ހުއްޓުމަށް މަގުފަހިވެއްޖެއެވެ.

advertisement

ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މި ހަފުތާގައި ވަނީ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްބަދަލަކީ އެއްވެސް އެޖެންޓެއް މެދުވެރިނުކޮށް އުމްރާ އަށް ދިއުމަށް ފަސޭހަކަމާ އެކު ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. 

ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާ ވިދާޅުވީ އުމްރާ ވިސާ އަށް އެޕްލައިކުރާތާ 24 ގަޑިއިރުގެ ތެރޭގައި މިހާރު ވިސާ ދޫކުރާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް އުމްރާ އަށް ވިސާ އަށް އެދެވޭނެ ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ ވީހާ ވެސް ގިނަ ބަޔަކަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ހުޅުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުމްރާ އަށް ވިސާ ދޫކުރުމުގައި މި ބަދަލު ގެނައި ނަމަވެސް ހައްޖު ވިސާ ދޫކުރާނީ ކޯޓާ އުސޫލުންނެވެ. އެއީ އެއް ދުވަސްވަރެއްގައި އެއްތަނަކަށް ގިނަ ބަޔަކު ޖަމާވުން ކޮންޓްރޯލްކުރުމަށާއި އިންތިޒާމްތައް ވީހާ ވެސް ފުރިހަމަ އަށް ގެންދިއުމުގެ ބޭނުމުގައެވެ. މި އަހަރުގެ ހައްޖު މޫސުމުގައި ގައުމުން ބޭރުގެ 850،000 މީހުންނަށް އަދި ސައުދީގައި ދިރިއުޅޭ 150،000 މީހުންނާ އެކު ޖުމްލަ އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސައުދީން ނިންމާފައި ވެއެވެ. މިއީ ކޮވިޑަށް ފަހު މިހާ ގިނަ އަދަދެއްގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭ ފަހަރެވެ.

އުމްރާގެ ވިސާގެ ކަންކަމަށް ގެނައި ބަދަލާ އެކު އަގު ހެޔޮކޮށް އުމްރާ އަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. އެގޮތުން އަމިއްލަ އަށް ވިސާ އަށް އެދި އަގު ހެޔޮ ހޮޓާތަކާއި އަގު ހެޔޮކޮށް ދަތުރުކުރެވޭނެ މަގުތައް ހޯދައި، އެއާލައިންތަކުން ޓިކެޓް ނަގައިގެން އެކަން ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި އާއިލާގެ މެންބަރުން ނުވަތަ ރައްޓެހިންނާ އެކު ޗުއްޓީ ދަތުރުތައް ދާފަދައިން އެކުގައި އުމްރާ އަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން އަގު ބޮޑުކޮށް ފުރިހަމަ އަށް އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ބަދަލާ އެކު އުމްރާ ގްރޫޕްތަކުގެ ބޭނުން ވެސް ކެނޑޭނެއެވެ. ނަމަވެސް ޓްރެވެލް އެޖެންސީ ގޮތަށް ޕެކޭޖްތައް ހަދައިގެން އަދިވެސް އެ ވިޔަފާރިކުރުމުގެ ފުރުސަތު އެ ގްރޫޕްތަކަށް އޮންނާނެއެވެ. ސައުދީން މި ގެނައި ބަދަލު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ގެންނާނެ ކަމަށް ބެލެވެއެވެ. އަދި އުމްރާ ގްރޫޕްތަކުގެ ބަދަލުގައި ޓްރެވެލް އެޖެންސީތަކަށް ވެސް އުމްރާ ހިމެނޭހެން ސައުދީގެ ދަތުރުތައް ޕެކޭޖް ހަދައިގެން ވިއްކުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށް ބެލެވެއެވެ. މިއީ ވަރަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ކަމެކެވެ. މީގެ ސަބަބުން ރާއްޖެ އިން ވެސް އުމްރާ އަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި އޮޅުވާލުމުގެ ތެރެއިން ތަފާތު ޕްކޭޖްތައް ވިއްކައިގެން އުމްރާ ގްރޫޕްތަކުން މީހުން އަތުން ހޯދަމުން ދިޔަ ނާޖާއިޒް ފައިދާ ހުއްޓުމަކަށް އަންނާނެއެވެ.

ރިއެކްޝަންސް
18
158
6
2
1
5
0