ރިޕޯޓު: ދުނިޔެ އިޤްޞާދީ ކާރިސާއަކާ ދިމާލަށް، ރާއްޖެ ބަނގުރޫޓް ވެދާނެތަ؟

7 ޖޫން 2022 - 10:22

ކޮވިޑުގެ ބަލިމަޑުކަމުން އަރައިނުގަނެވި އުޅެނިކޮށް ރަޝިއާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އަނެއްކާވެސް އިޤްތިޞާދީ ކާރިސާއަކާ ދިމާލަށް މިއޮތީ މިސްރާބު ޖަހައިފައެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި، ލޯނުތައް ނުދެއްކި، ޝިޕިންގ ފަދަ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ސުވާލަކީ މިހުރިހާކަމެއްގެ ތަރެއިން ދިވެހިރާއްޖެ ބަނގުރޫޓް ވެދާނެ ހެއްޔެވެ؟

އަވައްޓެރި ލަންކާއަށް ޖެހުނު ހާލު

އަވަށްޓެރި ސްރީލަންކާއަށް ބަލާލުމުން ފެންނަނީ ސްކޫލްތަކުގެ ޓެސްޓް ޕޭޕަރު ޕްރިންޓްކުރާނެ ކަރުދާސް ހުސްވެ، ގޭސް ހުސްވެ، ކައްކައި ކެވޭނެ ގޮތް ނެތް ހިސާބަށް ގޮސްފައިވާ މަންޒަރެވެ. ބޭކަރީތައް ބަންދެވެ. ފުށާއި ހަނޑުލާއި އެ ނޫން ވެސް އެކަމަށް ބޭނުންވާނެ ސާމާނެއް ލިބެން ނެތީއެވެ. ކަރަންޓެއް ނެތެވެ. ލިބެނީ މަދު ވަގުތުކޮޅެއްގައެވެ. އަޅާނެ ތެޔޮ ނުލިބިގެން ވެހިކަލްތައް ހުއްޓިފައެވެ.

advertisement

ލަންކާގެ އިގްތިސާދުގެ ތެރެއަށް މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވަންނަނީ ޓުއަރިޒަމުންނާއި އެ ގައުމުން އެކްސްޕޯޓްކުރާ ސައިފަތާއި އެ ނޫން ވެސް މަދު ބާވަތްތަކަކުންނެވެ. ނަމަވެސް އިގްތިސާދު މެނޭޖްކުރުމުގައި މާޒީގައި ހެދިފައިވާ ބޮޑެތި ގޯސްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު އަޑިއަޅާލައި ބޭރު ފައިސާ ލިބުން ދަތިވީއެވެ. އަދި ލިބޭ މަދު ފައިސާކޮޅު ވެސް ދައުލަތުގެ އެތެރޭގައި އޮތް ކޮރަޕްޝަންގެ ތެރެއިން ރައްޔިތުންނާ ހަމައަށް ނުފޯރުމަކީ ވެސް ލަންކާ މިހާލަތަށް ވެއްޓެން މެދުވެރިވި އެއް ސަބަބެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ހުރިހާ ކަމެއް މެދުވެރިވީ ކޮވިޑްގެ ސަބަބުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ކޮވިޑަކީ ރިހޭ ފައި މައްޗަށް ވެއްޓުނު ފޮޔެކެވެ.

މިހާރު އޮތް ހާލަތަށް ބަލާ ނަމަ މި ކަމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. ބޮޑުވަޒީރުކަމަށް 2004 ވަނަ އަހަރު ވަޑައިގެން އަދި ޖެހިގެން އައި އަހަރު ރައީސް ކަމަށް ވަޑައިގެން 10 އަހަރު ވަންދެން ބާރުތައް މުށުތެރެއަށް ލައްވައިގެން ކުރެއްވީ އާއިލީ ވެރިކަމެއް ކަމަށް އެއްބަޔަކު ތުހުމަތުކުރެއެވެ. ލަންކާ ވެއްޓެމުން ދިޔަ އަނދަވަޅުގެ ނާޖާއިޒް ފައިދާ ނަގަމުން ދިޔައީ މި ސަރަހައްދުގެ ބާރުވެރިކަމަށް ވާދަކުރަމުން އަންނަ ޗައިނާ އާއި އިންޑިއާ އިންނެވެ. ބޮޑެތި ލޯނުތައް ދީ ގައުމުގެ އިގްތިސާދާ ނުބައްދަލު އެތައް މަޝްރޫއެއް މި ގައުމުތަކުން ލަންކާގައި ހިންގިއެވެ. މިއަދު އެ ގައުމުތަކަށް ލޯނު ދައްކަންޖެހިފައިވާ އިރު ލޯނު ދެއްކޭނެ ގޮތެއް ނެތުމުން ބިމުން ބައެއް ދޫކޮށްލުން ފަދަ ކަންކަން ކުރަން ލަންކާ އަށް ވަނީ މަޖުބޫރުވެފައެވެ.

މި މަޅިތަކުން ސަލާމަތްވުމަށް ފައިސާ ޗާޕްކުރުމުގައި އެ ނޫން ވެސް އެތައް ގޮތަކުން ލަންކާ އިން އައީ މަސައްކަތްކުރަމުންނެވެ. މި ހުރިހާކަމެއްގެ ތެރެއިން 2020 ވަނަ އަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑާ އެކު އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ލަންކާ ވެއްޓުނެވެ. ބޭރު ފައިސާ ލިބެން އޮތް މަގުތައް ބަންދުވެ، ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް އޮތް މަގުތައް ބަންދުވިއެވެ. އަނެއްކާ ވެސް ސަލާންޖަހަންޖެހި ލޯނުގެ މަޗަށް ލޯނު އިތުރުވިއެވެ. ޤައުމެއްގެ ލޯނުތައް ނުދެއްކޭ ހިސާބަށް ގޮސްފިނަމަ، ބައިނަލް އަޤްވާމީ މުޖުތަމުއުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ރުހުން އޮންނަ މިންވަރަކުން ލޯނުތައް ފަސްކޮށްދީ ދައްކަންޖެހޭ މުއްދަތު ބަދަލުކޮށްދިނުމަކީ އަބަދުވެސް ހިނގާކަމެކެވެ. ލަންކާއަށް މެދުވެރި ހާލަތަކީ، ބައިނަލްއަޤްވާމީ މުޖުތަަމައުގެ މަޤުބޫލުކަމެއް ނެތް ވެރިއަކު ބޮޑުވަޒީރުކަމުގައި ހުރުމުން، ޔޫރަޕާއި އެމެރިކާ އަދި އިންޑިއާގެ މާބޮޑު އެހީތެރިކަމެއް ނުލިބުމެވެ.

ލަންކާއާއި ރާއްޖޭގެ ތަފާތު

ލަންކާއެކޭ އެއްގޮތަށް ރާއްޖެއަކީ ވެސް ކޮވިޑުގެ ސަބަބުން އިޤްތިސާދު ހުއްޓުނު ޤައުމެކެވެ. ސުވާލަކީ ލަންކާ އަށް ޖެހުނު ހާލު ރާއްޖެ އަށް އެފަހަރު ނުޖެހުނީ ކީއްވެޔެވެ؟

ލަންކާގެ ހާލަތަށް ރާއްޖެ ނުވެއްޓި ސަލާމަތްވީ ސަރުކާރުން އެޅި ހަރުދަނާ ގިނަ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ބޭރުގެ ޤައުމުތަކާއި ހާއްސަކޮށް އިންޑިއާ އެކު އޮންނަ ގާތްގުޅުމުގެ ސަބަބުން މިކަމަށް ބޮޑު ލުޔެއް ލިބުނުކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ރަޝިޔާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ތަކެތީގެ އަގު ބޮޑުވުމުގެ ނަތީޖާ ރާއްޖެއަށް ކުރާނެކަމާމެދު ޝައްކެއްނެތެވެ. ކޮންމެ އިންފްލޭޝަން (ތަކެތީގެ އަގުބޮޑުވުން) އަކާއެކު ރިސިޝަން (އިޤްތިސާދު ދަށްވުން) އައުމަކީ ދުނިޔޭގެ އިޤްތިސާދުގެ އުސޫލެވެ. ސުވާލަކީ މިކަމުގެ އަސަރު ރާއްޖެއަށް ކުރާނީ ކިހާވަރަކަށްތޯ އަދި ބައިނަލްއަޤްވާމީ މުޖުތަމައުން ރާއްޖެއަށް އެހީތެރިވާނީ ކޮންމިވަރަކަށްތޯ އުފެދޭ ސުވާލެވެ. ލަންކާ އަށް ޖެހުނު ހާލު ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖެ އަށް ތަހައްމަލްކުރަންޖެހިދާނެއެވެ. ދައުލަތުގެ ޙަރަދު އަދި އާންމުންގެ ޙަރަދުކުޑަކޮށް، ކޮންމެހެން މުހިންމު ނޫން ޕްރޮޖެކްޓްތަށް މަޑުޖައްސާލުން ބުއްދިވެރިކަމަށް ފެނެއެވެ.

ރައްކާވެތިބިއްޔާ ދަތުރެވެ.

ރިއެކްޝަންސް
0
2
0
1
0
0
0