ޓޮންސިލް ދުޅަވުން: މި ބަލި ޖެހުން ގާތީ ފަސް އަހަރާއި ފަނަރަ އަހަރާ ދެމެދު ކުދިންނަށް

7 ޖޫން 2022 - 13:07

ޓޮންސިލް ދުޅަވުމަކީ ބެކްޓީރިއާއާއި ވައިރަލް އިންފެކްޝަންގެ ސަބަބުން ޓޮންސިލް ދުޅަވުމަށް ކިޔާ ނަމެކެވެ. ޓޮންސިލް އަކީ ލިމްފަޓި  ނިޒާމްގެ އެހެން ބައިތަކޭ އެއްގޮތަށް ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވެ، ބައިވެރިވާ ޓިޝޫ އެކެވެ. އެގޮތުން ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި ބައިވެރި ވެއެވެ. ޚާއްޞަކޮށް، ކަރުތެރެ އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަން ތަކުން ރައްކާކޮށް ހިމާޔަތް ކުރުމުގައި ޓޮންސިލް ބައިވެރިވެއެވެ.

އާންމު ގޮތެއްގައި ޓޮންސިލައިޓިސް ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން ދެ އަހަރުން މަތީ ކުދިންނަށެވެ. އެގޮތުން އުމުރުން ފަސް އަހަރާއި ފަނަރަ އަހާރާ ދެމެދުގެ ކުޑަކުދިންނަށް މި ބަލި ޖެހޭ މިންވަރު އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ.

advertisement

ޓޮންސިލައިޓިސްގެ ދެ ވައްތަރެއްވެއެވެ. އެއީ ވައިރަލް ޓޮންސިލައިޓިސްއާއި ބެކްޓީރިއަލް ޓޮންސިލައިޓިސްއެވެ. ޓޮންސިލައިޓިސްގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން 70 ޕަސެންޓު މީހުންނަށް ޖެހެނީ ވައިރަލް ޓޮންސިލައިޓިސްއެވެ. މި ބާވަތުގެ ޓޮންސިލައިޓިސް އަކީ ވައިރަސްގެ ސަބަބުން ޓޮންސިލް ދުޅަވާ ބާވަތެވެ. މި ބަލި ޖެހުމުގެ ފުރުސަތު އިންފުލުއެންޒާ ޖެހިފައިވާ މީހުންނަށް ބޮޑެވެ.

ދެވަނަ ބާވަތުގެ ޓޮންސިލައިޓިސްއަށް ދެވިފައިވާ ނަމަކީ ބެކްޓީރިއަލް ޓޮންސިލައިޓިސްއެވެ. މި ބަލި ޖެހެނީ ގްރޫޕް އޭ ބެކްޓީރިއާއެއް ކަމަށްވާ “ސްޓްރެޕްޓޮކޮކަސް”ގެ ސަބަބުންނެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކާއެއްޗެހި ދިރުވަން އުނދަގޫވުން، ކަންފަތުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ގަދައަށް ހުންއައުންފަދަ ކަންކަން ހިމެނެއެވެ. ބަލީގެ އަލާމާތްތައް އާންމު ގޮތެއްގައި ދެދުވަހަށް ދެމިގެންދެއެވެ. ބަލީގެ ހާލަތު ގޯސްވާނަމަ ހަފުތާއަކަށްވެސް ހަށިގަނޑުން އަލާމާތްތައް ފެނެއެވެ.

ޓޮންސިލެކްޓޮމީއަކީ ކޮބާ؟

ޓޮންސިލެކްޓޮމީއަކީ ޓޮންސިލް ނެގުމަށް ކުރާ އޮޕަރޭޝަނަށް ކިޔާ ނަމެވެ. މި އޮޕަރޭޝަން އާންމު ގޮތެއްގައި ހަދަނީ އެއްފަަހަރަށްވުރެ ގިނައިން ޓޮންސިލައިޓިސް ޖެހި އެންޓިބައޮޓިކްސް ބޭނުންކޮށްގެންވެސް ބަލި ރަނގަޅު ނުވެއްޖެނަމައެވެ. ޓޮންސިލް މާ ބޮޑަށް ދުޅަވެ، ކާއެއްޗެހި ދިރުވަން އަދި ނޭވާލަން އުނދަގުވުމުގެ ސަބަބުން ޓޮންސިލެކްޓޮމީ ސާޖަރީ ހަދަންޖެހެއެވެ.

ރިއެކްޝަންސް
1
0
0
7
0
0
0