ރިޕޯޓު: ސިޔާސީ ބޭނުމަށް އިޤްތިޞާދު ބަނގުރޫޓް ވާނެ ވާހަކަ ދެއްކުމުގެ ނުރައްކާ މާބޮޑު!

9 ޖޫން 2022 - 18:19

އަވަށްޓެރި ސްރީ ލަންކާގެ އިގްތިސާދު އަޑިއަޅާލައި، އެ ގައުމު ބަނގުރޫޓްވުމުގެ ހާލަތަށް ވެއްޓުމުން އެ ފަދަ ގޮތެއް ރާއްޖެ އަށް ވެސް ވެދާނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ އާއި ތެލުގެ އަގަށް އަންނަމުންދާ ބަދަަލުތަކުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ރާއްޖެ ވެސް އެފަދަ ހާލަތަކަށް ވެއްޓިދާނެ ކަމަށް އެއްބަޔަކު ދަނީ ބުނަމުންނެވެ. ހާއްސަކޮށް ސިޔާސީ ފަރާތްތަކަށް މިކަން ވީ ވަރަށް ޝައުގުވެރި ވާހަކައަކަށެވެ.

ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ބަަނގުރޫޓުވެދާނެ ކަމަށް ބުނެ އަޑުތައް ދަނީ ފަތުރަމުންނެވެ. އަދި އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލައި ތަދުމަޑުކަމެއް ކުރިމަތިވެދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އިދިކޮޅު ފަރާތްތަކުން މި ވާހަކަތައް ދައްކަނީ ކަން އޮތް މިންވަރަށް ވުރެ ވެސް ބޮޑުކޮށެވެ. ނަމަވެސް އެއީ ސިޔާސީ މަގުސަދެއްގައި ދައްކާ ވާހަކައެއްކަން ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ވިސްނޭނެއެވެ.

advertisement

ލަންކާއަށް ދިމާވި ހާލަތު ވަރަށް ތަފާތު

ލަންކާގެ އިންގިސާދަށް ކުރިމަތިވި ކަންތައްތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމުގެ މަހިންދަ ރާޖަޕަކްސަ ވެރިކަމުން ދުުރުކުރި ގޮތަށް ރާއްޖޭގައި ވެސް އިގްތިސާދީ ހާލަތު ހަތިޔާރަކަށް ބޭނުންކޮށްގެން ވެރިކަން ބަދަލުކުރެވިދާނެ ކަމަށް އިދިކޮޅު ފަރާތްތަކަށް ޤަބޫލުކުރެވުމަކީ މިފަދަ ވާހަކައެއް ދެއްކުމުގެ ބޭނުންކަމަށް ސަރުކާރުގެ ވެރިން ދެކެއެވެ.

“ކުރިން ކިޔާނެ އެއްޗެއް ނެތިގެން ކިޔަމުން އައީ ‘އިންޑިއާ އައުޓް’ އޭ. ނަމަވެސް އެ ވާހަކަ މާ ބޮޑަކަށް ވަޔަކު ނުހިފި. ދެން އޭގެ ތެރެއަށް ދީނާއި މިނިވަންކަން ވައްދައިގެން ވެސް އެ ކެމްޕެއިން މާ ބޮޑަށް ހިނގާ ގޮތެއް ނުވި. މިހެން ތިއްބާ ލަންކާގައި ކަން ހިނގި ގޮތް މި ފެނުނީ. ދެން މި ބަލަނީ ގައުމު ބަނގުރޫޓުވަނިއްޔޭ، ބަނޑަށް ޖެހޭނެޔޭ ކިޔަން ފެށީމާ ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމަށް. އަދި ލަންކާގައި ކަންވީ ގޮތަށް ވެރިން ގަން ހިންގައި ވެރިކަން ބަދަލުކުރެވޭނެ ކަމަށް،” ސަރުކާރުގެ ކެބިނެޓް މިނިސްޓަރެއްގެ ވިސްނުން ހިއްސާކުރަމުން ވިދާޅުވިއެވެ.

ލަންކާ އިބުރަތަކަށް ބަލައި ވެރިކަމާ ތޮޅުމަށް އިގްތިސާދު ހަތިޔާރަކަށް ނަގައިގެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށި ނަމަވެސް ރާއްޖެއަކީ ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެކެވެ. ލަންކާގެ އިގްތިސާދު އަޑިއަޅާލީ އިއްޔެއަކު މިއަދަކު ހިނގި ކަންތައްތަކެއްގެ ސަބަބުން ނޫންކަން ގިނަ މީހުންނަށް ވިސްނެއެވެ. އަދި އެއީ ހަމައެކަނި ކޮވިޑްގެ ސަބަބުން ވެސް ވީ ގޮތެއް ނޫނެވެ. ލަންކާގެ އިގްތިސާދު އަޑި އަޅާލުމުގައި އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ކޮވިޑްގެ ކުރިން ލަންކާގެ ދަނޑުވެރިކަމަށް ކުރިމަތިވި ހީނަރުކަމާއި އެކްސްޕޯޓް ދަށްވެފައި ވަނިކޮށް ކޮވިޑް ކުރިމަތިވެ، ޓުއަރިޒަމް ހުއްޓުމަކަށް އައުމާއި ކޮރަޕްޝަން އިންތިހާ އަށް ބޮޑުވުން ފަދަ ކަންކަމަކީ އޭގެ ތެރެއިން ބައެއް ސަބަބުތަކެވެ. ރާއްޖެއާއި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް މިހާތަނަށް ރާއްޖޭގެ ސަރުކާރުން އެކަންކަން މެނޭޖްކުރަމުން އައީ ލަންކާއާ ހާސްބައި ތަފާތުކޮށެވެ.

ދުނިޔޭގެ އިގްތިސާދުގެ ހާލަތު

ދެން އޮތީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރު ރާއްޖެ އަށް ކުރާނެ މިންވަރެއް ބެލުމެވެ. ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކްސްޕޯޓް އިންޑަސްޓްރީ އަށް ވަނީ ލޮޅުން އަރާފައެވެ.

ހާއްސަކޮށް ޔޫރަޕުން އުފައްދާ ބައެއް އުފެއްދުންތަކުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މިސާލަކަށް ކައްކާ ތެލުގެ ބާވަތްތަކެވެ. ޔޫކްރެއިންއަކީ ސަން ފްލާވާ އެންމެ ގިނައިން އުފައްދާ ގައުމަށް ވުމުން ކެއުމަށް ބޭނުންކުރާ ތެލުގެ އަގު ވަނީ އިންތިހާ އަށް އުފުލިފައެވެ. މީގެ އިތުރުން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެލާއި ގޭހުގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދަނީ އުފުލެމުންނެވެ. ނަމަވެސް މިއީ މުޅި ދުނިޔެ ވެސް ތަހައްމަލުކުރާނެ ދަތިކަމެކެވެ. ހަމައެކަނި ރާއްޖެއެއް ނޫނެވެ. ރާާއްޖެ އަށް އޮތީ އެ މިންވަރު ކުޑަވާނެ ގޮތަކަށް ކަންކަން ކުރުމެވެ.

ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން

ލަންކާއާ ހިލާފަށް މި ދަނޑުވަޅުގައި ވެސް ރާއްޖެ އަށް ލިބޭ އާމްދަނީ މަދެއް ނުވެއެވެ. ޓުއަރިސްޓުން އަަންނަ މިންވަރު ދުވެހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަންދާޒާކުރެވޭ ގޮތުން ނަމަ މިދިޔަ އަހަރަށް ވުރެ ވެސް މި އަހަރު ޓުއަރިޒަމް ރަނގަޅުވެ. ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުވާނެއެވެ. ނަމަވެސް މިކަންކަން މިހެން ހުރި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެކަން ސަރުކާރުން ވެސް ގަބޫލުކުރެއެވެ.

އިގްތިސާދަށް އަންނަ ލޮޅުން ކުޑަކުރުމަށް އަންނަނީ މަސައްކަތްކުރަމުން

ހާއްސަކޮށް ތެލުގެ އަގު ބޮޑުވުމުން ދައުލަތުގެ ބަޖެޓުން ހަކަތައަށް ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑުވުމަކީ އޮތް ކަންބޮޑުވުމެކެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލޭ ނަމަ ޒަރޫރީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހޭދަ ވެެސް އިތުރުވާނެއެވެ. އެހެންކަމުން އެއީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާނެ ކަމެއްކަން ސަރުކާރުން ގަބޫލުކުރެއެވެ. އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ. އަދި ހަރަދުތައް ކުޑަކުރުމަށް ލޯނު ނަގައިގެން އިތުރު ޕްރޮޖެކްޓެއް ނުހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.

މިއީ ނާޒުކު ދަނޑިވަޅެކެވެ. ނަމަވެސް މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނެގުމަށް ހިންގާ ކެމްޕެއިނުގެ ސަބަބުން ގެއްލުން ލިބޭނީ ސަރުކާރަކަށް ނޫނެވެ. އޭގެ ސަބަބުން އާންމު ރައްޔިތު މީހާ އަށް ލިބޭ ގެއްލުން ބޮޑެވެ. ބޭންކްގައި ހުރި ފައިސާތައް ނެގުމަށް ގޮވާލުމާއި އާ ވިޔަފާރިތަކަށް އިންވެސްޓްނުކުރުމާއި ޑޮލަރު މާރުނުކުރަން ގޮވާލުމަކީ ގަސްތުގައި މި ދަނޑިވަޅުގައި ރިހޭ ފައިމައްޗަށް ފޮއި ވައްޓާލަން ބުނުން ކަހަލަ ކަމެކެވެ. ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ނަގާ ބައްކުރާ ނަމަ އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އަންނާނެއެވެ. ޑޮލަރު މާރުކުރުން މަދުވާ ނަމަ ޑޮލަރުގެ ތާށިކަން ކުރިމަތިވެ، މުދާ އެތެރެކުރުމަށް ދަތިތައް ކުރިމަތިވެ، ތަކެތީގެ އަގު އުފުލޭނެއެވެ.

އާ ވިޔަފާރިތަކަށް އިންވެސްޓްކުރުން ހުއްޓާލައިފި ނަމަ ނުވަތަ މިހާރު ހުރި ބައެއް ވިޔަފާރިތައް ހުއްޓާލާ ނަމަ ވަޒީފާތައް މަދުވާނެއެވެ. އޭގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ އާންމު ރައްޔިތު މީހާ އަށެވެ.

ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކޮރަޕްޝަންއާ ގުޅޭގޮތުން ދައްކަން އެތަށް ވާހަކައެއް އޮއްވާ، އިގްތިސާދު ބަނގުރޫޓުވާނެކަމަށް ބުނެ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ވިޔަސް މި ފަދަ ވާހަކަތައް ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކަން އޮތް ގޮތާއި ކަން ހިނގާ ގޮތް އޮޅުވާލައި މިންވަރަށް ވުރެ ބޮޑުކޮށް ވާހަކަތައް ފެތުރުމަކީ އިގްތިސާދަށް ލިބޭނެ ގެއްލުމެކެވެ. އޭގެ ނުރައްކާ މާ ބޮޑެވެ. އޭގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުމަށް ވުރެ އާންމު ރައްޔިތުމީހާ އުފުލަންޖެހޭ ބުރަ މާ ބޮޑުވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
2