ޕެރަސިޓަމޯލް އޯވަރޑޯޒް — ހީކުރާ ވަރަށް ވުރެ އާއްމު!

12 ޖޫން 2022 - 11:45

އިނގިރޭސިވިލާތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ ޤައުމުގައި ބޭހެއް ބޭނުންކޮށްގެން އެންމެ ގިނަ މީހުން އޯވަރޑޯޒް ވަނީ ޕެރަސިޓަމޯލް ބޭނުންކޮށްގެންނެވެ. އަހަރެއްގެ މައްޗަށް ޕެރަސިޓަމޯލް އޯވަރޑޯޒްވެގެން 100،000 މީހުން އިމަޖެންސީގައި ހޮސްޕިޓަލްތަކަށް ދައްކައެވެ. މީގެތެރެއިން 2 ބައިކުޅަ އެއްބައިމީހުން އެޑްމިޓްކޮށްގެން ހޮސްޕިޓަލްގައި ފަރުވާދޭންޖެހެއެވެ.

ރާއްޖެއަކީވެސް އާންމުގޮތެއްގައި ގިނައިން ޕެރަސިޓަމޯލް ބޭނުންކުރާ ޤައުމެކެވެ. ޕެރަސިޓަމޯލް ބޭނުންކުރަންވާ ގޮތައް ބޭނުންކޮށްފިނަމަ މިއީ އޭގެ ފައިދާ ކުރާ ބޭހެކެވެ. ފެރަސިޓަމޯލް އާންމުކޮށް ބޭނުންކުރަނީ ތަދުކެނޑުވުމާއި އަދި ހުން މަޑުކުރުމަށެވެ. ނަމަވެސް ޑޮކްޓަރެއްގެ ލަފައަކާއިނުލައި ގިނަ އަދަދެއްގެ މީހުން ޕެރަސިޓަމޯލް ބޭނުންކުރެއެވެ. އަމިއްލައަށް ފަރމަސީއަކަށް ގޮސް ގަނެލުމަށްފަހު އެމީހަކު ބޭނުންވާ ޑޯޒްއެއް ބޭނުންކުރެއެވެ. މިގޮތައް މިކަން ކުރުމުގެ ސަބަބުން އޯވަރޑޯޒްވެ އޭގެ ސަބަބުން އަމިއްލަ މީހާގެ ސިއްހަތައް ގެއްލުންލިބޭ ފަހަރު އާދެއެވެ.

advertisement

ޕެރަސިޓަމޯލްގެ މާ ހައި ޑޯޒްއެއް ބޭނުންކުރެވިއްޖެނަމަ އޭގެ ސަބަބުން ފުރަމޭ ހަލާކުވުމާއި، ޕެއިލްވުމަށް މަގުފަހިވެއެވެ. އަދި ބައެއް ފަހަރު ފުރަމޭ ހަލާކުވެ މީހާގެ ފުރާނައަށް ނުރައްކާވެ މަރުވެސްވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އިންގްލޭންޑާއި އަދި ވޭލްސްގައި އެކަނިވެސް ޕެރަސިޓަމޯލް އޯވަރޑޯޒްވެގެން 200 މީހުން ވަނީ މަރުވެފައެވެ.

ޕެރަސިޓަމޯލް މާގިނައިން ބޭނުންކުރެވޭނަމަ އާންމުގޮތެއްގައި ފުރާނައަށް ނުރައްކާވެ އަލާމާތްތައް ފެންނަން ފަށަނީ ކަމުގެ ސީރިއަސްކަން ބޮޑުވެ މާލަހުންނެވެ. ފަހަރުގައި ވަގުތުން އަލާމާތްތައް ފެންނަން ނުފަށަފާނެއެވެ. ނަމަވެސް މާގިނައިން ޕެރަސިޓަމޯލް އާންމުކޮށް ބޭނުންކުރާނަމަ މިކަމުގެ ނުރައްކާ ފެންނަން ފަށާނީ ލަހުންކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ޕެރަސިޓަމޯލް ބޭނުންކުރަންވީ ކިހާވަރަކަށް؟

ބޮޑުމީހެއްނަމަ ޕެރަސިޓަމޯލްގެ ޑޯޒްއަކީ ދުވާލަކު 4 ފަހަރު 1 ގްރާމްއެވެ. ޕެރަސިޓަމޯލްގެ ކޮންމެ ގުޅައަކީ 500 މިލިގްރާމްއެވެ. އެހެންކަމުން މީގެ މާނައަކީ ދުވާލުގެ 4 އިރު ކޮންމެ އިރަކު 2 ގުޅައެވެ. އޭގެ މާނައަކީ 4 އިރު ބޭސް ބޭނުންކުރާނަމަ ދުވާލެއްގެ މައްޗަށް ނަގަންޖެހޭނީ 8 ގުޅައެވެ. ބޭސްކެއުމުގެ ކޮންމެ 2 ގަޑިއެއްގެ ތެރޭގައި މަދުވެގެން 4 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ މެދުކެނޑުމެއް އަންނަންޖެހޭނެއެވެ.

މިއަށްވުރެ އިތުރަށް ދުވާލެއްގެ މައްޗަށް ޕެރަސިޓަމޯލް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. ބައެއްފަހަރު މީހުން ގިނައިން ބޭސް ބޭނުންކުރަނީ ދިރިއުޅުމުގެ ކޮންމެވެސް ކަމަކާއި މާޔޫސްވެ ނުވަތަ ދެރަވެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުންނަށް ނޭންގިވެސް އޯވަރޑޯޒް ވާވަރަށް ބޭސް ބޭނުންކުރެވެއެވެ.

ކުރިން މި ބުނި މިންވަރަށްވުރެ އިތުރަށް ކޮންމެ ދުވަހަކު ޕެރަސިޓަމޯލް ބޭނުންކުރާނަމަ ދުވަސްވާ ވަރަކަށް މީހާގެ ސިއްހަތައް މީގެ ސަބަބުން ގެއްލުން ލިބެއެވެ. ނަތީޖާ ފެންނަން ގިނަ ދުވަސް ނަގާއިރު ނަތީޖާ ފެންނައިރު ހުންނާނީ ފުރަމޭ ހަލާކުވެ ނުވަތަ ފުރާނައަށް ނުރައްކާވެ އިއާދަނުކުރެވޭ ހިސާބަށް ގޮއްސައެވެ. ޕެރަސިޓަމޯލް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުންކުރެވިއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދަންޖެހޭނެއެވެ.

އޯވަރޑޯޒް ވާނީ ކިހާވަރަކަށް ބޭނުންކުރުމުން؟

ޕެރަސިޓަމޯލް ހަށިގަނޑުގައި ދައުރުވަނީ އިންސާނާގެ ފުރަމޭގެ ތެރެއިންނެވެ. އެހެންކަމުން ފުރަމޭއަށް ކެތްކުރެވޭނީ ޕެރަސިޓަމޯލްގެ ވަކި މިންވަރެކެވެ. ހަށިގަނޑުގައި ހިމެނޭ ގުލްޓުތައިން ކިޔާ މާއްދާއެއް ހަށިގަނޑަށް ފޮނުވާ ޕެރަސިޓަމޯލްއާއި ބެލެންސްވާންޖެހެއެވެ. މި މާއްދާއާއި ޕެރަސިޓަމޯލްގެ މިންވަރާއި ދިމާނުވާނަމަ އޭގެ ސަބަބުން ފުރަމޭގެ ސެލްތައް ހަލާކުވުމަށް މަގުފައިވެއެވެ.

ބޮޑުމީހެއްގެ ހަށިގަނޑުގައި ގުލްޓުތައިން މާއްދާ އުފެދެނީ 24 ގަޑިއިރުގެ ތެރޭގައި 4 ގްރާމްގެ ފެރަސިޓަމޯލް ހޭންޑަލްކުރެވޭ މިންވަރަށެވެ. މިއަށްވުރެ އިތުރަށް 24 ގަޑިއިރުގެ ތެރޭގައި ޕެރަސިޓަމޯލް ބޭނުންކުރާނަމަ ފުރަމޭއަށް ގެއްލުންވެ ފުރާނައަށް ނުރައްކާ ވެދާނެއެވެ.

މިނޫނަސް އިންސާނާގެ ހަށިގަނޑުގެ އެހެނިހެން ކަންކަމަށް ބެލުމަށްފަހުގައި އޭނާގެ ހަށިގަނޑަށް ހޭންޑަލްކުރެވޭނީ ޕެރަސިޓަމޯލްގެ ކިހާ މިންވަރެއްކަން ދެނެގަނެވިދާނެއެވެ. އޭގެތެރޭގައި ހިމެނެނީ:

ބަރުދަން

ކުޑަކުދިންނަށް ބަލާއިރު ޕެރަސިޓަމޯލްގެ މިންވަރު ބިނާވެގެންވަނީ އެ ކުއްޖެއްގެ ބަރުދަނަށެވެ. އަދި ބައެއްފަހަރު ބޮޑެތިމީހުންނަށްވެސް އެމީހެއްގެ ބަރުދަނަށް ބެލުމަށްފަހު މިންވަރު ތަފާތުވެދާނެއެވެ.

ފުރަމޭގެ ބައްޔެއް ހުރުން

ފުރަމޭގެ ބައްޔެއް ހުންނަ މީހެއްނަމަ އެހެން މީހުންނާއި ހިލާފަށް އޭނާއަށް ޕެރަސިޓަމޯލް ބޭނުންކުރެވޭ މިންވަރު ތަފާތުވެދާނެއެވެ.

ބޭނުންކުރާ ބޭސްތައް

ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ޕެރަސިޓަމޯލް ބޭނުންކުރުމުގެ ސަބަބުން ފުރަމޭއަށް ލިބޭ ގެއްލުން ބޮޑުވެދާނެއެވެ. އެހެންކަމުން މި މީހުންނަށްވެސް ޕެރަސިޓަމޯލްގެ ޑޯޒް ތަފާތުވާނެއެވެ.

މިކަންކަމާއިހެދި ބައެއް މީހުންނަށް ޕެރަސިޓަމޯލް އެއްގޮތަކަށްވެސް ބޭނުންނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމެވެ.

ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ޕެރަސިޓަމޯލް ބޭނުންކުރުމަކީ އޯވަރޑޯޒް ވުމެވެ. ދިގު މުއްދަތަކަށް ގިނަދުވަހުން އޯވަރޑޯޒް ވުމާއި ކުއްލިއަކަށް މާގިނައިން އޯވަރޑޯޒް ވާވަރަށް ޕެރަސިޓަމޯލް ބޭނުންކުރުމާއި 2 ކަންތަކަކީވެސް އެއްވަރަކަށް މީހާގެ ސިއްހަތައް ގެއްލުން ލިބޭ ކަންކަމެވެ.

ބައެއްފަހަރު ދުވާލެއްގެ މައްޗަށް ޕެރަސިޓަމޯލް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށްވެސް ބައެއް މީހުން ބޭސް ބޭނުންކުރެއެވެ. މިގޮތައް އަމަލުކުރަނީ ކޮންމެވެސް އަމިއްލަ ނަފްސަށް ގެއްލުންދޭކަށެއް ނޫނެވެ. ނަމަވެސް އެއީ އަވަހަށް އެ ބައްޔެއް ނުވަތަ ތަދެއް ކެނޑުވުމަށް ކުރާ ކަމެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިގޮތައް ބޭނުންކުރުމަކީވެސް ހަށިގަނޑަށް ގެއްލުންވާނެ ކަމެއްކަމެވެ.

ޕެރަސިޓަމޯލް އޯވަރޑޯޒް ވުމުން ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

ޕެރަސިޓަމޯލް ބޭނުންކުރަންވާ މިންވަރަށްވުރެ ގިނައިން ބޭނުންކުރެވި އޯވަރޑޯޒް ވުމުން މީހާ ބަލިވެ ބަނޑުގައި ރިއްސާނެއެވެ. ނަމަވެސް އަސްލު އަލާމާތްތައް ފެންނަން ގާތްގަނޑަކަށް 12 ވަރަކަށް ދުވަސް ނަގާފާނެއެވެ. ޕެރަސިޓަމޯލް އޯވަރޑޯޒް ވުމުން ކުރިންވެސް ބުނިހެން ފުރަމޭ ހަލާކުވެއެވެ. ފުރަމޭ ހަލާކުވުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ބޯއެނބުރުން
  • ހޮޑުލެވުން
  • ބަނޑުގެ ކަނާއަތްފަޅީގެ މަތީގައި ރިއްސުން
  • ހަމަށް ފާޑެއްގެ ރީނދޫ ކުލައެއް އެރުން
  • ބްލަޑް ޝުގަރ ދަށްވުން
  • ސިކުނޑި ހަލާކުވުން

އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމަކީ ވަރަށް  މުހިންމު ކަމެކެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލަންވީ މާގިނައިން ޕެރަސިޓަމޯލް ބޭނުންނުކުރުމެވެ. އަދި ބޭނުންކުރާނަމަވެސް ސިއްހީ މާހިރެއްގެ ލަފައާއި އިރުޝާދުގެ ދަށުން ބޭނުންކުރުމެވެ.

ރިއެކްޝަންސް
3
1
1
3
3
1
1