ލޮލަށް ފުސްއެރުން: ރައްކާތެރިވާނީ ކިހިންތެ؟

13 ޖޫން 2022 - 15:35

ކެޓަރެކްޓްއަކީ ކޮބާ؟

ކެޓަރެކްޓު ނިސްބަތްކުރެވެނީ ލޮލުގެ ލެންސު މައްޗަށް ފުސްއެރުމަށެވެ. މި ބައްޔަށް ދިވެހިން ކިޔަނީ ލޮލަށް ފުސްއެރުމެވެ. މިއީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންގެ ދިމާވާ ބައްޔެކެވެ. އެކަމަކު ވާރުތަވާ ބައެއް ކަހަލަ ސިއްހީ މައްސަލަތަކުގައި ސަބަބުންނާއި ހަކުރު ބައްޔާއި އެހެން ލޮލުގެ މައްސަލަތައް ހުރުމުގެ ސަބަބުން ވެސް ކެޓަރެކްޓް މައްސަލަ ދިމާވެދާނެ އެވެ.

advertisement

ކެޓަރެކްޓް އުފެދުމުގެ ސަބަބަން ލޮލުގެ ފެނުން ފުސްވެ، ފަނޑުވެ އެވެ. އަދި ފޮތްކިޔުމާއި، އުޅަނދު ދުއްވުން ފަދަ އާންމު ދިރިއުޅުމުގައި ކުރާ ބައެއް ކަންކަން ކުރަން އުނދަގޫ ވުން އެކަށީގެންވެ އެވެ. އަދި ރޭގަނޑު ފެނުން ދަށްވުމާއި މާއަލިވުމުން ލޮލަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެ އެވެ.

ކެޓަރެކްޓުގެ ވައްތަރުތަކަކީ ކޮބާ؟

ލެންސް އެކުލެވިގެންވަނީ ފަށަލަތަކަކަށް ކަމުން، އެކި މީހުންނަށް މި މައްސަލަ ދިމާވަނީ އެކި ފަށަލަތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ

• ނިއުކްލިއާ ކެޓަރެކްޓް: ލެންސުގެ މެދަށް ފުސްވުން.

• ކޯޓިކަލް ކެޓަރެކްޓް: ލެންސުގެ ކައިރިފަށަށް ފުސްއެރުން.

• ޕޯސްޓީރިއާ ސަބްސްކެޕިޔުލާ ކެޓަރެކްޓް: ލެންސުގެ ފަހަތަށް ނުވަތަ ފުރަގަހަށް ފުސްއެރުން

• ކޮންޖެނިޓަލް ކެޓަރެކްޓް: އުފަންވާއިރު ލޮލަށް ފުސްވެފައި ހުރުން

ކެޓަރެކްޓް ރަނގަޅުކުރަނީ ކިހިނެއް؟

ކެޓަރެކްޓް ހުރިތޯ ދެނެގަންނަން އާންމުކޮށް ބޭނުންކުރަނީ ރެޓިނަލް އެގްޒާމްއެކެވެ. އޭގެ އިތުރުން ސްލިޓް ލޭމްޕް އެގްޒެމިނޭޝަނާއި ވިޝުއަލް އެކުއިޓީ ޓެސްޓު ވެސް ހަދައެވެ.

މި ޓެސްޓުތަކުގެ ނަތީޖާއިން ކެޓަރެކްޓެއް އުފެދިފައިވާކަން ދެނެގަނެވިއްޖެ ނަމަ ފުރަތަމަ އަޅަނީ ނަމްބަރު އައިނެކެވެ. ކެޓަރެކްޓް ސާޖަރީއާ ހަމައަށް ދަނީ އައިނު އަޅައިގެން ވެސް ލޮލުގެ ފެނުން ރަނގަޅު ނުވާނަމައެވެ.

މި ސާޖަރީ ހަދާއިރު، ކެޓަރެކްޓް އުފެދިފައިވާ ލެންސު ނެގުމަށްފަހު އާޓިފިޝަލް ލެންސެއް ލައްވާނެ އެވެ. އަދި މި ލެންސް ލޮލުގެ ދާއިމީ ބަޔަކަށް ވެގެންދާނެ އެވެ.

ކެޓަރެކްޓް ސާޖަރީއަށް ފަހު ސަމާލުވާންވީ ކޮން ކަމަކަށް؟

މިއީ އާންމުކޮށް ރައްކާތެރި ސާޖަރީއެއް ނަމަވެސް ބައެއް ފަހަރު ސާޖަރީގެ ފަހުން މައްސަލަތައް ދިމާވެ އެވެ. ނަމަވެސް އިންފެކްޝަން ހެދުމާއި، ލޭފޭބުން ފަދަ ކަންކަން ދިމާވެދާނެ އެވެ. އެކަމަކު އާންމުކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެ އެވެ.

މި ސާޖަރީއަށް ފަހު ސަމާލުވާންވީ ކަންކަމަކީ ބަރާބަރަށް ބޭސްތައް ބޭނުންކުރުމާއި ގަޑިންގަޑިއަށް އައި ޑްރޮޕްސް އެޅުމެވެ. އަދި ލޮލަށް ބޭސް އަޅާއިރު ދެ ތިކި ޖަހަން ޖެހޭ ނަމަ، ދެ މިނިޓެއް ވަރު މަޑުކޮށްލާފައި ދެވަނަ ތިކި ޖެހުން ފަދަ ކަންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ކެޓަރެކްޓް ބަލިން ރައްކާތެރިވާން ކުރެވޭނީ ކޮން ކަމެއް؟

ކެޓަރެކްޓުގެ ފުރުސަތު ކުޑަކުރުމަށާއި، ފެތުރުން ކުޑަކުރަން ބައެއް ކަންތައްތައް ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ސިއްހީ މައްސަލަތައް ހުންނަނަމަ ފަރުވާތެރިވުމާއި، ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، އަވިއައިނު އެޅުމުގެ އިތުރުން ގަވާއިދުން ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ. އޭރުން ބަލިން އެއްކޮށް ރައްކާތެރި ނުކުރެވުނު ނަމަވެސް، ލޮލުގެ ފުސްކަން ކުޑަކުރަން ފުރުސަތު ލިބޭނެ އެވެ.

ރިއެކްޝަންސް
1
2
0
3
0
0
1