މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

19 ޖޫން 2022 - 19:03

ރައީސް ނ. އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ޞިއްޙީ ދާއިރާގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުގެ އިދާރާގައެވެ.

advertisement

މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފައެވެ. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ހަމަޖެހިފައި ނެތުމާއި އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

ރައީސް ށ. ފުނަދޫއަށާއި، ނ. ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫއަށާއި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމުގައެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. ކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ ބޯޑުގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ، މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރެވެ.

ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ އެވެ.

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97  ( އަށްމިލިޔަން އައްލައްކަ އެގާރަ ހާސް ތިރީސް ނުވަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށެވެ.

ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާޒްކޮށްފި

ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެކެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0