މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

20 ޖޫން 2022 - 18:01

ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ރައީސް ކަނޑައަޅުއްވައިފި

ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އުސޫލެއް ކަނޑައަޅުއްވައިފިއެވެ. މިކަން އަންގަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 6/2022 ނަންބަރު ދެންނެވުމުގައެވެ.

މި ދެންނެވުމުގައިވާގޮތުން ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަައި އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި މި ދެންނެވުމުގައި ވަނީ ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ކަނޑައަޅުއްވާފައެެވެ.

advertisement

ޤައުމީ ތަރައްޤީގައި ސަރުކާރު ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު: ނައިބު ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައި ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެގްރޯނެޓުގެ ސްކޫލް ގާޑްނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ. ޝައުވެރިކަން ފާޅުކޮށް ޕުރޮޕޯސަލް ހުށަހަޅުއްވާ ސްކޫލުތަކުގެ ތެރެއިން އެންމެ ރަގަޅު ހުށަހެޅުންތައް ހުށަހަޅުއްވާ 5 ސްކޫލަކަށް މިއަހަރު ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، އެގްރޯނެޓުގެ ފަންނީ އަދި މާލީ އެހީތެރިކަމާއި އެކު ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގާޑަންތަކުގައި ހެއްދުމަށް ޝައުގުވެރިވާ ސްކޫލްތަކުން، 21 ޖުލައި 2022 ގެ ކުރިން “އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމް” ގައި ބައިވެރިވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދުނެވެ.

ފޮރެންސިކް ސައިންސާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ދ. އަތޮޅު ތައުލީމީ މަރުކަޒުގައި

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޮރެންސިކް ސައިންސާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ސައިންސް އަދި ފޮރެންސިކް ސައިންސްގެ ތަފާތު، ދަރިވަރުންނަށް އޮޅުންފިލުވައިދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައިންސާއި ފޮރެންސިކް ސައިންސަކީ ކޮބައިކަމާއި ފޮރެންސިކް ސައިންސްގެ ހޯދުންތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0