މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

22 ޖޫން 2022 - 19:30

އިއްޔެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

2022 ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ވަނީ ދީފައެވެ.

advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ (ހުޅަނގު – އިރުމަތީ ކޮޅު) މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢުގެ ކްލައިންޓަކީ އޯރކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އެވެ.

ފ.ނިލަންދޫގައި ޗިލްޑްރެންސް ހޯމް އެއް އިމާރާތްކުރަނީ

ފ.ނިލަންދޫ ޗިލްޑްރެންސް ހޯމްއެއް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ.  މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢީލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންގެ އިސް ފަރާތްތަކުގެ އިތުރުން ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

8 މަސް ދުވަސް (240ދުވަސް)ގެ ތެރޭގައި ޢިމާރާތްކޮށް ނިންމުމަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ15,318,517.92 ރުފިޔާ )ފަނަރަމިލިއަން ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ދެ ލާރި)އަށެވެ.

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، ޤައުމުތަކާ ގުޅިގެން، މަސައްކަތްކުރަންޖެހޭ: މިނިސްޓަރ މާރިޔާ

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި، ޤައުމުތަކާއެކު ޕާޓްނަރޝިޕްތައް ހަދައިގެން، ވަކި އުޞޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ބިނާކުރުމުގެ ތަޞައްވުރު ޙާސިލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ “ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ” ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި “ހައިބްރިޑް ތްރެޓު” ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮންޖެހުންތަކާއި “ހައިބްރިޑް ތްރެޓު”ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ ރައްކާތެރިވުމަށް ސަމާލުކަންދެއްވާ: އެޗްޕީއޭ

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް އިތުރުވަމުންދާތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަންދެއްވުމަށް އެޗްޕީއޭއިން ދަންނަވައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0