މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

23 ޖޫން 2022 - 19:30

ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަށް ރައީސް ރުވާންޑާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ.

ނައިބު ރައީސް ލ. ކަލައިދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކަލައިދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަންކަން ހިމެނެއެވެ.

އ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުން ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ 23 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިހާރު ކުރިއަށް ދަނީ ގައު އެތުރުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުންކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވި އެވެ.

ވަގު ޑޮލަރު ވިއްކި ދެ މީހުން 28،800ރ އިން ޖޫރިމަނާ

ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި ދެ ދިވެހިން 28,800 ރުފިޔާއިން ޖޫރުމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހުކުމް ކުރެވުނީ މުޙައްމަދު ނައުފަލް އިބްރާހީމް ޒާހިރު, ހ. ގަރޑްންބިއުޓީ އަދި މ. ފުސްފަޅު ނައުފަލް އިބްރާހީމްގެ މައްޗަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0