ރިޕޯޓު: ކުޑަކުދިންގެ ހައްގަށް ދައުލަތުން އިހުމާލުވޭތަ؟

29 ޖޫން 2022 - 17:40

އަޅުގަނޑުމެންގެ މުޖުތަމައަކީ އޯގާތެރި ހިތްތިރި މުޖުތަމައުތަކެކޭ ކުރީ ޒަމާނު މީހުން ކިޔައެވެ. އިހު މީހުން ބުނާތީ އަޑު އަހަމެވެ. އިހު ގޭގޭގައި އިންފާރެއް ނުހުންނަ އިރު ހުރިހާ ކުޑަކުދިން އެކުގައި ބަބުކެޔޮ ގަސަތަކުގެ ހިޔަލުގައި ކުޅެން، ޖަންގިޔާ ކޮޅު ލައިގެން ތިބޭ އިރު ބޮޑެތި މީހުން ކޮން ގެއެއްގެ ކާކުގެ ދަރިއެއްތޯ ބެލުމެއްނެތި ހުރިހާ ކުދިންނަށް އެއް ތެއްޔަކަށް ބަތް މޮޑެގެން އައިސް ކާންދީ ހަދައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ކޮންވެންޝަންގައި އެންމެ ފުރަތަމަ ސޮއި ކުރި ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނަކީ 1991 ވަނަ އަހަރު ފާސްކޮށް އަމަލު ކުރަމުން އަންނަ ގާނޫނެވެ.

advertisement
ވޯލްޑް ސަމިޓް ފޯ ޗިލްޑްރަން 1990 ގައި އޭރުގެ ރާއްޖޭގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް | ފޮޓޯ: ޔުނިސެފް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ވަނީ ފެމެލީ ކޯޓާއި ޖުވެނައިލް ކޯޓެއް ގާއިމުކޮށްފައެވެ. އެއީ ކުދިންނަށް ދިމާވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުންނެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން ވަނީ ކުޑަކުދިންނާއި ބެހޭ މައްސަލަތައް ރިޕޯޓު ކުރުމަށާއި، މައްސަލަތައް ހުއްޓުވުމަށް އަދި ކުދިންގެ ރައކާތެރިކަމާއި ބެހޭ އެކި މެކޭނިޒަމްތައް ގާއިމުކޮށްފައެވެ.

ނަމަވެސް ރާއްޖޭގެ ގިނަ ކުޑަކުދިން އަދިވެސް ތިބީ މާ އަވަހަށް ބޮޑުވާން މަޖުބޫރު ހާލަތެއްގައެވެ. ރާއްޖޭގެ އެއްބައި އާއިލާތަކުގެ ކުދިން ދިރިއުޅެނީ އެކަހެރި ރަށްރަށުގައެވެ. އެރަށްތަކަކީ ކުދިންގެ ރައްކާތެރިކަމަށްޓަކައި ގާއިމުކޮށްފައިވާ ނިޒާމުން ބޭރުގައި ވާ ރަށްތަކެވެ. އަނެއް ބައި އާއިލާތަކުގެ ކުދިން ދިރިއުޅެނީ ދުނިޔޭގައިވާ އެންމެ ތޮއްޖެހުން ބޮޑު ސިޓީ މާލޭގައެވެ. އަދި ރަށްރަށުން ބައެއް ކުދިން ޅަފުރާގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވެއެވެ. މިއިން ކޮންމެ ހާލަތަކީ ވެސް ކުދިން ނުރައްކަލަށް ހުށައެޅޭ ހާލަތްތަކެވެ. ރަށެއްގައި ވިޔަސް ވެހެވެ. މާލޭގައި ވިޔަސްވެހެވެ.

ސެކަންޑްރީ ސްކޫލުގައި އުޅޭ ކޮންމެ 3 ކުއްޖަކުން އެކަކީ ޖިސްމާނީ އަނިޔާ ލިބިފައިވާ ކުދިން

ކުޑަކުދިންގެ ގާނޫނުން ރައްކާތެރިކަން ލިބިދެވޭ ހެއްޔެވެ؟ ކުދިން ދިރިއުޅެން މަޖުބޫރުވެފައިވާ ހާލަތު ރަނގަޅު ކުރުވޭ ހެއްޔެވެ؟

ރާއްޖޭގައި ބޮޑެތި މީހުން ގޭތެރޭގައި ނުވަތަ ކްލާސްރޫމްގައި ކުޑަކުދިންނާ ދެކޮޅަށް ގަދަ ބާރު ބޭނުން ކުރާ ކަމަށް ޔުނިސެފުން ރިޕޯޓުކޮށްފައި ވެއެވެ. ފުރާވަރު އުމުރުގެ ކުދިންގެ 15 އިންސައްތަ އަކީ ޖިންސީ އަނިޔާ ތަޖުރިބާކޮށްފައިވާ ކުދިންނެވެ. އެއުމުރުގެ 50 އިންސައްތަ ކުދިންނަކީ އަދަބުގެ ގޮތުގައި އިމޯޝަނަލް ނުވަތަ ފިޒިކަލް އަނިޔާ ލިބިފައިވާ ކުދިންނެވެ.  

އަނިޔާ ލިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ދައުލަތުން އެކުދިންނަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށް ނުދޭ ވާހަކަ އަކީ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ކެއާ ވޯކަރުންގެ ވެސް ޝަކުވާ އެކެވެ. މުސާރަ ކުޑަކަމާއި މަސައްކަތުގެ ބުރަ ކަމުން އެކުދިން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރުމަށް ރަނގަޅު ކެއާ ވޯކަރުންނާއި ނަފްސާނީ ތެރަޕިސްޓުން ނުލިބެއެވެ. އެހެން ކަމުން އެފަދަ ތަންތަނުގައި ތިބޭ ކުދިން ބޮޑެތި ވެގެން މުޖުތަމައަށް ނިކުންނަނީ މުޖުތަމައާއި އެކަހެރި ވެ ތިބެ، ލިބުނު އަނިޔާ ތަކަށް ފަރުވާ ނުލިބިތިބެއެވެ. މުޖުތަމައަށް ނުކުތުމަށް ފަހު ކުށްތަކަށް އަރައިގަތުމާއި، ރުޅިވެރިކަން ދެއްކުމާއި، ހައިޕާސެކްޝުއަލް ބިހޭވިއާ މިފަދަ ކުދިންގެ ފަރާތުން އާއްމުކަމަށް ނަފްސާނީ ދިރާސާވެރިން ބުނެއެވެ. ވީމާ، އަނިޔާ ލިބޭ ތުއްތުކުދިންނަށް ދައުލަތުން މި ދެވެނީ އިތުރު އަނިޔާ ނޫންބާއެވެ؟

މަސްތުވުމުން ސަލާމަތް ނުކުރެވޭ!

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގައި މައިންބަފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުދިންނަށް މަސްތުވާތަކެތީގެ ނުރައްކާ ބުނެދީ ކުދިން އެކަމުން ދުރުކުރުން ހިމެނެއެވެ.

މާލޭގައި ކިޔަވާ ކުދިންގެ 10 އިންސައްތަ ދަރިވަރުންނަކީ އެކުދިންގެ މައިންބަފައިންނާއި ނުލައި މާލޭގައި ދިރިއުޅޭ ހިޖުރަވެރި ކުދިންނެވެ. މިއީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދު ކިޔަވަން މާލެ ފޮނުވާ ކުދިންނެވެ. ރަށުން ނުލިބޭ ތައުލީމު ހޯދުމަށްޓަކައެވެ. ނަމަވެސް މިފަދަ ކުދިންނަކީ ވަރަށް ގިނަ ފަހަރު ބުލީ ކުރުމާއި ކުރިމަތި ލާންޖެހޭ ކުދިންނެވެ.

އެއާއި އެކު ދިރިއުޅޭ ގޭގެތެރެއިން އެކި ކަހަލަ އަނިޔާ އާއި ކުރިމަތިލާން ޖެހޭ ކުދިންނެވެ. ގާނޫނީ ކުށްތަކަށް އަރައިގަންނަ ކުދިންގެ ތެރޭގައި ގިނައީ ކުޑައިރު އެކި ކަހަލަ އަނިޔާގެ ތެރޭގައި އުޅެފައިވާ ކުދިން ކަން ޔުނިސެފުގެ ދިރާސާތަކުން ހާމަވެއެވެ. އަނިޔާގެ ތެރޭގައި ބޮޑުވުމަށް ފަހު ގޭންގުތަކާއި ގުޅި، މަސްތުވުމާއި، މާރާމާރީ އާއި ވައްކަމުގެ ތެރޭގައި އުޅެން ޖެހޭ ޖީލެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތެވެ. ކުދިން މަސްތުވުމުން ދުރުކުރުވުމަކީ މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އެއް ނަމަވެސް މަސްތުވުމަށް ޒުވާނުން ހުށައެޅޭ ހުރިހާ ސަބަބުތަކެއް މުޖުތަމައުތަކުގައި ހަރުލާފައިވާ އިރު ގާނޫނެއްގައި ލިޔެގެން މިކަންކަން ހައްލުކުރެވޭނެތޯއެވެ؟

ގާނޫނު ގިނަ ވިޔަސް ހައްގުތައް ކަށަވަރެއް ނުވޭ.

ކުޑަކުދިންނަށް ހިލޭ ތައުލީމު ދިނުމަކީ ހައްގެއް ކަމުގައި ލިޔެފައިވާ އިރު، ތައުލީމު ލިބެނީ ކިތައް ކުދިންނަށް ތޯއެވެ؟ ކުލާސްތެރޭގައި ހުއްޓަސް ތައުލީމުން މަހުރޫމު ވަނީ ކިތައް ކުދިން ތޯއެވެ؟ އެންޒައިޓީ އާއި ޑިޕްރެޝަން ތަހައްމަލުކުރަމުން ދަނީ ކިތައް ކުދިންތޯއެވެ؟ ސްކޫލުތެރޭގައި ޓީޗަރުން ތަފާތުކުރަނީ ކިތައް ކުދިންތޯއެވެ؟ މިއީ އެކަންތަކުގެ ސަބަބުން ކުދިން އުނގެނުމުން ބާކީވާ ބައެއް ސަބަބުތަކެވެ. ގޭތެރޭގައި ކިޔަވާނެ ޖާގަ ނެތުމުގެ ސަބަބުން ކިޔެވުމުން މަހުރޫމުވަނީ ކިތައް ކުދިންތޯއެވެ؟

ކުޑަކުދިންގެ ސިއްހަތުގެ ވާހަކައާއި ފަރުވާގެ ވާހަކަ ގާނޫނުގައި ވެއެވެ. ނަމަވެސް ސިއްހީ ނިޒާމުގެ ތެރޭގައި ހުރި ބާގަނޑުތަކުގެ ސަބަބުން މަރުވެ ގޮސްފައިވަނީ ކިތައް ކުޑަކުދިންތޯއެވެ؟ މައިންބަފައިން މަރުވެގެން ޔަތީމުވެފައިވަނީ ކިތައް ކުޑަކުދިންތޯއެވެ؟ ހައްތަހާ ވެސް ދައުލަތުގެ އިހުމާލުންނެވެ. އެކަށިގެންވާ ބޯހިޔަލެއް ނެތި ދިރިއުޅެމުންދާ އެތައް ކުދިންނެއް އެބަތިއްބެވެ. ބައްޕަ ނުވަތަ މަންމައާއި ދުރުގައި ދިރިއުޅޭ އެތަކެއް ކުދިންނެއް އެބަތިއްބެވެ. ވަރީގެ ސަބަބުން އެކިކަހަލަ އަނިޔާ އަށް ހުށައެޅިފައިވާ ކުދިން އެހާ ގިނައެވެ. ވަރި ގިނަވާ ސަބަބުތައް ވަރަށް ގިނައެވެ. ޅައުމުރުގައި ކައިވެނި ކުރުމެވެ. ފަގީރުކަމުގައި ދިރިއުޅެން ޖެހުމެވެ. ކައިވެންޏަށް ތައްޔާރުނުވެތިބެ ދަރިން ލިބުމެވެ. ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަށް މިގައުމުވެފައިވާ ހިނދު ވަރި މަދު ކުރުމަށް ދައުލަތުން ކުރަންޖެހޭ މަސައްކަތްތަކަކީ އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމެވެ. ނަހަމަކަން ނައްތާލުމެވެ. އާއިލާތައް ބާރުވެރިކުރުމެވެ. ޒުވާނުން ތައުލީމުން މަހުރޫމު ނުކުރުމެވެ. ބަފައިންނަށް ކުދިން ކައިރީގައި ދިރިއުޅެމުން އާމްދަނީ ހޯދޭނެ މަގުތައް ހަމަޖެއްސުމެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް އާއިލާގެ ހައްގު ކަށަވަރުކޮށް ދިނުމެވެ. ހައްތަހާ ވެސް ކުރަން ޖެހިފައިވާ މުހިންމު ކަންކަމެވެ.

 ވީމާ، ގާނޫނެއްގައި ކުޑަކުދިންނަށް ހިލޭ ތައުލީމު ދޭން ވާނެ ކަމަށް ލިޔެލައިގެން، ބޯހިޔާވަހިކަމުގެ ހައްގާއި ސިއްހަތު ރައްކާތެރިކުރުމުގެ ހައްގާއި، އަނިޔާއިން ސަލާމަތްކުރުމަކީ ހައްގެއް ކަމަށް ލިޔެލުމުން ކުދިންގެ ހައްގުތައް ކަށަވަރުވޭތޯއެވެ؟ މިކަންކަން ހައްލުކޮށް، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގޭތެރެއިންނާއި ސްކޫލުން އަދި މުޖުތަމައުގެ ހުރިހާ ހިސާބަކުންވެސް ކަށަވަރު ކުރެވޭނީ ނިޒާމީ މައްސަލަތަކަށް ހައްލު ލިބިގެންނެވެ. ފަގީރު ކަމާއި ތޮއްޖެހުމާއި ކޮރަޕްޝަން ހުއްޓުވިގެންނެވެ.  ކުޑަކުދިންގެ ހައްގުރައްކާތެރި ކުރުމަށްޓަކައި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓު ހުރުމަކުން އަދި ނުފުދެއެވެ. ޖުވެނައިލް ކޯޓަށް ކުދިން ދާން ޖެހި ނުދިނުމަށްޓަކައި އެކުދިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން އެކުދިންނަށް ކަށަވަރުކޮށްދޭން ޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0