ކުޑަކުދިންނާއި ޕެޓްސް: ސަމާލުކަން ދޭންވީ ކަންކަން!

28 ޖޫން 2022 - 10:19

ޕެޓްސްގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅުމަކީ މިހާރަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑަށްވެސް އިތުރުވަމުން އަންނަކަމެކެވެ. ގޭގައި ގެންގުޅުމަށް ޖަނަވާރު ގެންނައިރު އާއިލާއިން އެކަމަށް ތައްޔާރުވެފައިވާނަމަ މިއީ ވަރަށް އުފާވެރިކަމެއްކަމަށްވެސް ބައެއް މީހުން ބުނެއެވެ. ޖަނަވާރުގެ ސަބަބުން ކުދިންނަށް ސޯސިއަލް ސްކިލްސް ދަސްވެގެންދެއެވެ.

ނަމަވެސް ގެއަށް ގެންގުޅެން ޖަނަވާރު ގެންނައިރު ބަލަންޖެހޭ ބައެއް ކަންތައްތައް ހުރެއެވެ. ކުއްޖާއަށް ޕެޓެއް ހޯދަދޭއިރު ކުއްޖާވެސް އަދި ޕެޓްވެސް އުފާވެރިވާނީ އެ ގެންނަ ޖަނަވާރަކީ ސިއްހީ ގޮތުންވެސް ރައްކާތެރި އެއްޗަކަށްވާނަމައެވެ.

advertisement

ޕެޓެއް ގެންނަން ގަސްދުކުރާނަމަ ބަލަންވީ ކަންކަމަކީ ކޮބާ؟

 • އިތުބާރުކުރެވޭ މީހެއްގެ ފުށުން ނުވަތަ ތަނަކުން ޖަނަވާރު ގެނައުން
 • ބޮޑުވާނެ މިންވަރު ބެލުމަށްފަހުގައި ގަތުން. ޖަނަވާރަކީވެސް ގިނަދުވަސްވާ ވަރަކަށް ބޮޑުވަމުން އަންނާނެއެއްޗެކެވެ. އެހެންކަމުން ގަތުމުގެ ކުރިން އެ ޖަނަވާރެއް ބޮޑުވާނެ މިންވަރު އަންދާޒާ ކުރެވޭނެއެވެ. ދަރިފުޅަށް ނުގެންގުޅެވޭ ވަރަށް ޖަނަވާރު ބޮޑުވާނަމަ ގެންގުޅެއް އުނދަގޫވާނެއެވެ.
 • އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނަށްވެސް އެކި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިނޭޝަން ބޭނުންވާނެއެވެ. އެހެންކަމުން ކޮންމެ އަހަރަކު 1 ފަހަރު ޖަނަވާރުންނަށް ޙާއްސަ ކްލިނިކަށް ގެންގޮސް ވެކްސިނޭޝަން ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބަލިވެއްޖެނަމަވެސް ވެޓްއަށް ގެންދާށެވެ.
 • އެހެން ޖަނަވާރުންގެ ކިބައިން ތިބާ ގެންގުޅޭ ޖަނަވާރަށް ބަލި ވާރުތަވިޔަ ނުދިނުމަށް ރަނގަޅަށް ބަލަހައްޓާށެވެ.

ގޭގައި ޕެޓެއް ގެންގުޅޭނަމަ ސަމާލުކަންދޭންވީ ކޮންކަމަކަށް؟

 • ޖަނަވާރުނަށްވެސް އިހްތިރާމާއި އޯގާތެރިކަމާއިއެކު އަޅާލުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ.
 • ކުޑަކުއްޖަކު އެކަނިމާ އެކަނި ޕެޓްއާއިއެކު ދޫނުކޮށްލުން. ކުޑަކުދިން އެކަނި ޕެޓްއާއިއެކު ހުންނައިރު ބައެއްފަހަރު ކުއްޖާއަށްވެސް އަދި ޕެޓްއަށްވެސް އަނިޔާވުމަކީ އެކަށީގެންވާކަމެކެވެ.
 • ޕެޓްއަށް ބޭނުންވާ އަޅާލުންދޭއިރު ދަރިފުޅު ޝާމިލްކުރުން. މީގެ ސަބަބުން ދަރިފުޅަށް ޖަނަވާރުންނަށް އަޅާލުމަށް ދަސްވެގެންދާނެއެވެ. ޕެޓް ފެންވަރުވާއިރުގައާއި، ކާންދޭއިރުގައި ނުވަތަ ކްލިނިކަށް ގެންދާއިރުގައި ދަރިފުޅު ބައިވެރިކުރެވިދާނެއެވެ.
 • ޕެޓްއަށް އަރާމު ހިތްފަސޭހަ މާހައުލެއް ގޭގައި ގާއިމްކޮށްދިނުން
 • ދަރިފުޅާއިއެކު ޕެޓްއަށް ނިދުމުގެ ފުރުސަތު ނުދިނުން
 • ކުޑަކުއްޖާގެ ކޮޓަރީގައި ޕެޓްއަށް އެކަނި ވަނުމުގެ ފުރުސަތު ނުދިނުން
 • ކުޑަކުއްޖާގެ މޫނުގައި ނުވަތަ ހަލާކުވެފައިވާ ތަނެއްގައި ޕެޓް ދޫލައި ހެދުމުގެ ފުރުސަތު ނުދިނުން
 • ޕެޓްއަކީ ކުޅޭ އެއްޗެއް ނޫންކަން ދަރިފުޅަށް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއް

ޕެޓްއާއި އެލާރޖީ

އެލަރޖިކްވާ ދަރިއަކު ހުރިނަމަ ގޭގައި ޕެޓް ގެންގުޅުމަކީ އެންމެ ބުއްދިވެރި ގޮތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ޕެޓްގެ ސަބަބުން ދަރިފުޅުގެ އެލަރޖީ އިތުރަށް ގޯސްވާނަމަ އެ ޕެޓްއަށް ދިރިއުޅޭނެ އެހެން މާހައުލެއް ހޯދައިދިނުން ވާނީ އުނދަގޫކަމަކަށެވެ.

ބުޅާ ގެންގުޅުން

ރާއްޖޭގައި މިހާރު އެންމެ އާންމު ގޮތެއްގައި ގޭގައި ޕެޓްސްގެ ގޮތުގައި ގެންގުޅެނީ ބުޅަލެވެ. ގޭގައި ބުޅާ ގެންގުޅޭއިރުވެސް ސަމާލުކަންދޭންޖެހޭ ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި ބޭރުގައި ގެންގުޅުމުގެ ބަދަލުގައި ގޭތެރޭގައި ބުޅާ ގެންގުޅުން ހިމެނެއެވެ. މީގެ ސަބަބުން އެއްވެސް ގެއްލުމެއް އަދި ބައްޔެއް ޖެހުމުގެ ސަބަބުން ސަލާމަތްވާނެއެވެ. ބުޅާ ގެންގުޅޭ ތަނެއް ވަކިން ހުންނަމަ އެ ތަން ރަނގަޅަށް ސާފުކުރަންވާނެއެވެ. އަދި ސާފުކުރުމަށްފަހު ރަނގަޅަށް އަތް ދޮންނަން ވާނެއެވެ.

ރިއެކްޝަންސް
2
2
0
0
0
0
0