ރިޕޯޓު: ހޯމް މިނިސްޓަރު ކޮބާ؟

28 ޖޫން 2022 - 12:11

ފޮޓޯ ކްރެޑިޑް: ސަން.އެމްވީ

ގައުމުގައި ބޮޑެތި ކަންތައްތަކެއް އެބަ ހިނގައެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ހަފުތާގައި ގަލޮޅު ދަނޑުގައި ބޭއްވި ކަސްރަތު ހަރަކާތް ބަޔަކު ވަނީ ހަމަނުޖެހުން ހިންގައި ހުއްޓުވާފައެވެ. ބޭރުގެ ސަފީރުންނާއި އިއްޒަތްތެރިންނާއި ދައުލަތުގެ ވަޒީރުން ތިއްބެވި އެ ތަނަށް ބަޔަކު ވަދެ މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުން ދިނެވެ. އެކަން ކުރީ އެތަނުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުން ދަނިކޮށެވެ. އެކަން އެހެން ދިމާވީ ފުލުހުންނަށް ހެދުނު ޓެކްޓިކަލް ގޯސްތަކަކުން ކަމަށް ފުލުހުން އެއްބަސްވެއެވެ.

advertisement

އެ ވާހަކަ ރަނގަޅަށް ނުއޮބި އުޅެނިކޮށް ބަރަހަނާ ވީޑިއޯތަކެއްގެ މައްސަލަ މި ވަނީ ފެންމަތިވެފައެވެ. ބިދޭސީއެއްގެ އަވާގައި ޖެހި އެތައް ބަޔަކު ބަރަހަނާވެ އެ ފަރާތްތައް ބްލެކްމެއިލްކުރުމުގެ މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ. މި ހުރިހާ ކަމެއް ހިނގަމުންދާ އިރު އެތައް ބަޔަކު ދަނީ މިފަދަ ދަނޑިވަޅެއްގައި އަމަން ބަލަހައްޓާ ވުޒާރާގެ ވަޒީރު ކޮބައިތޯ ސުވާލުކުރަމުންނެވެ؟ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަކީ ހަމައެކަނި ވަޒީރެއް ނޫނެވެ. އެމަނިކުފާނަކީ ދީނީ އިލްމުވެރިއެކެވެ. އަދި ދީނީ ކަންކަމުގައި އަޑު އުފުލަމުން އަންނަ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ ވެސް އެންމެ އިސް ވެރިޔާއެވެ. ނަމަވެސް މުޅި ގައުމު ކެކިއަރާއިރު ވެސް އެމަނިކުފާނު ވީތަނެއް ނޭނގެއެވެ.

ޔޯގާގެ މައްސަލަ ހޫނުވެގެން އުޅުނު އިރު ވެސް އެތައް ބަޔަކު ވަނީ ޝެއިޚް އިމްރާން މިކަންކަމާ މެެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސުވާލުކޮށްފައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމަކާ ގުޅޭ ގޮތުން އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެއެވެ. އެންމެ ފަހުން ޓްވީޓެއް ވެސް ކުރައްވާފައި ވަނީ މޭ މަހު އޮތް އެމްޑީޕީގެ ޗެއާޕާސަން ހުވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އަށް މަރުހަބާ ދެންނެވުމަށް މޭ މަހުގެ 14 ވަނަ ދުވަހުއެވެ.

އޭގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ބައެެއް ހަފުލާތަކުން އެމަނިކުފާނު ފެނުނެވެ. އަދި އެ މަހުގެ ތެރޭގައި ޓްވީޓްތައް ވެސް ކުރައްވަމުން ގެންދެވިއެވެ. އެ ގޮތުން އީދުގެ ތަހުނިޔާ އާއި މީސްތަކުންގެ ނަފުރަތާއި ނުރުހުމާއި ފާޑުކިޔުން އަމާޒުވާ ކޮންމެ ކަމަކީ ގޯސް ކަންތައްތައް ނޫން ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓްތައް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދިނީ އެކި ކަންކަމުގަޔާއި ގައުމުގެ ސުލްހަ މަސްލަހަތާ ގުޅޭ އެތައް ކަމެއް ހިނގައިފިއެވެ. “އިންޑިއާ އައުޓް” ކެމްޕެއިންގެ މައްސަލަ އާއި އަދި މި ފަހުން ހިނގި އެތައް ކަމެއްގައި ވެސް ޝެއިހް އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނޫސްވެރިންނާ ބައްދަލުނުކުރައްވާތާނގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޔޯގާ ދުވަހާ ދުވަހާ ގުޅިވައިގެން އެކި ފަރާތްތަކުން ކުރި ޓްވީޓްތަކުގައި މިނިސްޓަރު އިމްރާންގެ ބައެއް ފޮޓޯތައް ވެސް އެކި ފަރާތްތަކުން ދައުރުކުރިއެވެ. އެގޮތުން އަންހެން ކުއްޖަކާ އެކު ކޮފީއެއްގައި އިންނެވި ފޮޓޯއެއް އެ ދުވަހު ސޯޝަލް މީޑިއާގައި އާންމުވިއެވެ. ބެލެވޭ ގޮތުގައި އެއީ ކަސްރަތަށް ފަހު ކެފޭއެގެ ބޭރުގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އަށް ކޮމެންޓްކުރި ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވަނީ ފޮޓޯ ކްރޮޕްކޮށްގެން އެޑިޓްކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. އަދި ފޮޓޯގެ ކަނާތް ފަރާތުން ފެންނަނީ އޭނާގެ އުޅަނބޮށި ކަމަށް ވެސް ބުނެފައި ވެއެވެ. ތިން މީހުން ފެންނަ ފޮޓޯއެއް ހަމައެކަނި ވަޒީރާއި އަންހެން ކުއްޖެއް ފެންނަ ގޮތަށް ޕޯސްޓްކުރުމުގެ މަގުސަދާ މެދު ހަފްސީ ސުވާލުކޮށްފައި ވެއެވެ.

މީގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު އިންޑިއާގެ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއަށް މިނިސްޓަރު އިމްރާން ވަންނަވަނިކޮށް ބައެއް ދަރާތްތަކަށް ފެނިފައި ވެއެވެ. މިނިސްޓަރު އިމްރާން ނުރަސްމީ ވަގުތެއްގައި ސަފީރު ދިރިއުޅުއްވާ އިމާރާތަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައިތޯ ވެސް ބައެއް ފަރާތްތަކުން ސުވާލުކޮށްފައި ވެއެވެ. މިނިސްޓަރު އިމްރާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ޖީއެމްއާރަށް ދިން މައްސަލާގައި އޭރުގެ ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައި އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. އެހެންކަމުން އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނާ މެދު މިނިސްޓަރު އިމްރާން ދެކެވަޑައިގަންނަވާ ގޮތެއް އެނގެން ގިނަ ބަޔަކު ބޭނުން ވެއެވެ. އަދި މައްސަލަ ހޫނުވެފައިވާ ދުވަސްވަރެއްގައި ސަފީރާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް އެނގެން ވެސް ބޭނުންވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝައުގުވެރިކަން ފާޅުކުރައްވަމުން ވިދާޅުވީ އެކަން ކުރައްވާނީ ކޯލިޝަނަކާ އެކުގައި ކަމަށެވެ. ގިނަ ޕާޓީތައް ބައިވެރިވާ ގޮތަށް މިހާތަނަށް އުފެދުނު ސަރުކާރުތަކުގައި ކާމިޔާބުކަމާ އެކު ކޯލިޝަން ދެމެހެއްޓެވި ހަމައެކަނި ރައީސަކީ ރައީސް ސޯލިހެވެ. ޝެއިޚް އިމްރާނަކީ އެ ކޯލީޝަންގެ މުހިންމު ބައިވެރިއެކެވެ. ދެ ވަނަ ދައުރެއްގެ ޝައުގުވެރިކަން ރައީސް ހާމަކުރެއްވުމުން ގިނަ ވަޒީރުންތަކެއް ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް އެމްޑީޕީ ފިޔަވައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެންކަމުން އެކަމާ ގުޅިގެން ވެސް ބައެއް ފަރާތްތަކުން ދިޔައީ ރައީސްގެ އެ ނިންމެވުމާ ބެހޭ ގޮތުން މިނިސްޓަރު އިމްރާނާ ސުވާލުކުރަމުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވެސް ވަޒީރު އެއްޗެއް ވިދާޅެއް ނުވެއެވެ. ބެލެވޭ ގޮތުގައި ވަޒީރު އެއްޗެއް ވިދާޅުނުވަނީ ކޯލީޝަންގައި ދެމި އޮންނާނީތޯ ކަނޑައެޅުމަކީ އަދާލަތު ޕާޓީން ނިންމަންޖެހޭ ނިންމުމެއް ކަމަށް ވާތީ އެވެ.

ސިޔާސީ ގޮތުންނާއި ދިނީ އެތައް ކަމެއްގައި ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ހޯމް މިނިސްޓަރު ކޮބައިތޯ ރައްޔިތުން ސުވާލުކުރެވޭނެއެވެ. އަދި އެމަނިކުފާނަކީ ދީނީ އިލްމުވެރިއަކަށްވުމުން މިފަދަ ކަންކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް އެނގެން ގިނަ ބަޔަކު ވެސް ބޭނުން ވެއެވެ. އަދި ގައުމުގެ މަސްލަހަތާއި ސިޔާސީ މަސްރަހާ ބެހޭ ގޮތުން މިފަދަ ދުވަސްވަރެއްގައި ހޯމް މިނިސްޓަރު އެއްޗެއް ވިދާޅުނުވާ ނަމަ ނުވަތަ ނުފެންނަ ނަމަ ގިނަ ބަޔަކު އެ ވާހަކަ ދައްކާނެއެވެ. އަދި ވަޒީރު ކޮބައިތޯ ސުވާލުކުރާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
3