ތާރީހުގެ ތެރެއިން: ހިމަންދޫގައި ހިނގި ބިރުވެރި ހަނގުރާމަ

28 ޖޫން 2022 - 15:15

މީގެ 15 އަހަރު ކުރިން ދީނީ ހަރުކަށި ފިކުރު އޮތް ހިސާބު

“ރަށުގައި ދީނީ ހަމަނުޖެހުންތައް ހިނގި ދުވަސްވަރު، އެ ހަމަނުޖެހުންތަކުގައި ފުލުހުންނަށް މީހުން ދައްކައި، ފުލުހުންނަށް ވަރަށް އެހީތެރިވި މީހެއް އަޅުގަނޑަކީ ވެސް. އޭރު ވެސް އިންޒާރު ދެމުންދޭ. އެހެންވެ އާއިލާއާ ދޭތެރޭ އަންނަ ރުޅިއެއްގެ ސަބަބުން ހިންގި ކަމެއް (އަޅުގަނޑުގެ ކޮއްކޮ ސާޖިދުގެ ގައިގައި ތަޅައިގަނެ، ރޯކޮށްލާފައި އޮތް ދޯންޏަށް އެއްލާލުން) ކަމަށް މި ބެލެވެނީ. އަޅުގަނޑަށް ދޭން އުޅުނު ހަމަލައެއް ސާޖިދަށް ދިން ކަމަށް އަޅުގަނޑަށް ބެލެވެނީ،” 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހު އއ ހިމަންދޫ ގައި މަރާލާފައިވާ ޝަހީމު އޭނާ މަރުވުމުގެ ކުރިން ނޫހަކަށް ކިޔައިދީފައި ވެ އެވެ.

advertisement
ޝަހީމްގެ އާއިލާގެ ވިދާޅުވީ އޭނާ މަރުވެފައި އޮއްވާ ފެނުނީ މަރާލާނެ ކަމުގެ އިންޒާރު ލިބެމުން ދާތާ ދުވަސްތަކެއް ފަހުން ކަމަށް | ފޮޓޯ: ހަވީރު

އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ވެ އެވެ. އަދި އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ޒަހަމްތަކެއް އޭނާގެ މޫނުމަތިންނާއި ފައިގައި ހުރި ކަމަށް ފުލުހުން ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތް ހަދައި ވަރުގަދަވެގެން އައީ އއ. ހިމެންދޫގައެވެ. 2006 ވަނަ އަހަރުން ފެށިގެން އެރަށުގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުންނާއި ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު 2007 ވަނަ އަހަރުގެ ފަހުކޮޅު ހަމަނުޖެހުންތަކެއް ހިނގައި، 53 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަ މީހުންވަނީ ދައުވާ ސާބިތުނުވާތީ ކޯޓުން މިނިވަންކޮށްފައެވެ. 2007 ވަނަ އަހަރު ހިމެންދޫގައި ހިނގައި ދިޔަ އެ ހާދިސާއަކީ ރާއްޖޭގައި މިހާ ފާޅުކަން ބޮޑު ގޮތަކަށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ސަލާމަތީ ބާރުތަކަށް ގޮންޖަހައި ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ގައުމީ ސަލާމަތީ ބާރުތަކާއި ދީނީ ހަރުކަށި ފިކުރުން ކުރިމަތިލުން — ސިފައިންގެ މީހަކު ރަހީނުކުރި

އެދުވަހުގެ މަންޒަރުތައް ޓީވީ އިން ފެނުނު އިރު ބިރުން ފިތްކަނޑައިގެން ދާ ވަރުވިއެވެ. ދީނީ ގޮތުން ހިޔާލު ތަފާތު ފިރިހެނުންގެ ގިނަ ބަޔަކު ތިބީ ހެލްމެޓް އަޅާ، މޫނު ނިވާކޮށް، ލަޓިބުރި ހިފައިގެންނެވެ. 2007 ސެޕްޓެމްބަރު 29 ގައި ސަލްޓަން ޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ބޭނުންވާ ބައެއް މީހުން ހޯދުމުގެ މަސައްކަތަށް އެރަށަށް ދިޔަ 150 ފުލުހުންނާއި ސިފައިން ހިމެނޭ ސަލާމަތީ ބާރާ ދެކޮޅަށް ނިކުމެ ތިބީ ދީނީ ހިޔާލު ތަފާތު މީހުންގެ ފަސްދޮޅަހަކަށް މީހުންނެވެ.

ހިމަންދޫގައި ހަމަނުޖެހުން ހިންގި މީހުން | ފޮޓޯ: ހަވީރު

އެދުވަހު ހަވީރު ހިންގި މިކުރިމަތިލުމުގައި ސަލާމަތީ ބާރުތަކަށް ޖެހުނީ ކާމިޔާބެއް ނުލިބި ފަހަތަށް ޖެހޭށެވެ. ސީރިއަސް ގެއްލުންތަކަކާ އެކު އެތައް ބަޔަކު ޒަހަމްވެގެންނެވެ. އަދި ސިފައިންގެ އެކަކު ރަހީނެއްގެ ގޮތުގައި އެމީހުން ހިފެހެއްޓި އެވެ.

ކޮންމެއަކަސް އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ، ފުރިހަމަ ބާރާ އެކު އަލުން ސިފައިން އެރަށަށް ދިއުމުން ދެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށް ބަލައި ހަރުކަށި މީހުން އަމާންދިނެވެ. ދެން ފެނުނީ އެ ގްރޫޕް މީހުން ހައްޔަރުކޮށް ރަށުން ގެންދިޔަ ތަނެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުތުމުން ގާނޫނީ ގޮތުން ނެގެން އޮތް މައްސަލަތަކުގައި ސަރުކާރުން ވަނީ ހަރުކަށިވިއެވެ. އެވަގުތު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.

ކުރިމަތިލުމުގެ ކުރިން

އޭގެ އަހަރުތަކެއް ކުރިން މަޑުމަޑުން ބަދަލުވަމުން ދިޔަ ހިމަންދޫގެ އާބާދީގެ ތެރޭގައި، އެހެން ރަށްރަށުން އައި ހަރުކަށި ފިކުރުގެ މީހުންވެސް އޭރު އައީ ދިރިއުޅެމުންނެވެ. އެރަށުގެ އަންހެން ކުދިންނާއި ކައިވެނި ކުރުމާއި، ކުދިން ސްކޫލަށް ނުފޮނުވުމާއި، ރަށުގައި ދެން އުޅޭ މީހުންނަކީ ކާފަރުން ކަމަށް ދައުވާކުރަމުން އައި މި ޖަމާއަތުން އައީ ތަފާތު އުޒުރުތައް ދެއްކުމަށް ފަހު އެރަށުގެ މިސްކިތަށް ނަމާދަށް ނޭރުމަށް ގޮވަމުންނެވެ.

އެމީހުން ގަބޫލުކުރާ ގޮތަށް ތިބޭ ބަޔަކަށް ހަމައެކަނި އެރޭ ގޮތަށް ވަކިން ތަނެއް ހަދައިގެން ނަމާދު ކުރަނިކޮށް 2006 ވަނަ އަހަރުގެ ރޯދަމަހު ފުލުހުންގެ ސްޓާ ފޯސް ގޮސް އެ “މިސްކިތް” ރޫޅާލިއެވެ. އެކަމަކު ފަހުން އަނެއްކާ ވެސް އެމީހުން އެތަން ހެދިއެވެ. ނަމަވެސް ދީނީ ހަރުކަށި އުސޫލުގެ ޒުވާނުންތަކެއް ސަލްޓަން ޕާކްގައި އެއްޗެއް ގޮއްވާލުމާ ހަމައަށް ސަރުކާރުން އޮތީ އެ ޖަމާއަތާއި މެދު ފަހުން ފިޔަވަޅެއް ނާޅަ އެވެ.

ހިމަންދޫ ހަމަނުޖެހުމާއި ގުޅިގެން ޖުމްލަ 53 މީހުންނަށް ދައުވާ އުފުލުން | ފޮޓޯ: ހަވީރު

ސަލާމަތީ ބާރުތަކާ ދެކޮޅަށް ތަޅާފޮޅާ ހެދުމުގެ ކުރިން ވެސް ހިމަންދޫގައި ދީނީ ބައިބައިވުން އޮތީ އެންމެ ނާޒުކު ފައްތަރުގަ އެވެ. ރާއްޖޭގައި ތިބި ދީނީ ގިނަ އިލްމުވެރިންގެ ބަސް އެމީހުން ގަބޫލުނުކުރެއެވެ. އެމީހުންނަށް ދީނީ ފަތުވާ ދެނީ، ރަށުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ދީނީ ގޮތުން ތަންދޮރުނުފިލާ ބަޔެކެވެ.

ދީނީގޮތުން ހަރުކަށި ޖަމާއަތަކުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ގަލޮޅު ދަނޑުގައި އިންޑިޔާގެ ރައްޔިތުންތަކެއް ފާހަނގަކުރަމުން ދިޔަ ޔޯގާ ޑޭ ގެ ހަރަކާތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުންތަކުގެ ކުރިން އިސްލާމިކް މިނިސްޓްރީ އިން ވެސް ވަނީ ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ބުނެ ފުލުހުންނަށް ސިޓީ އެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީގެ ވާހަކަ ފެންމަތިވުމުން މިނިސްޓްރީ އިން ބުނެފައިވަނީ އެ ސިޓީ ގައިވާ ފަތުވާ ނެރެފައިވަނީ  ފޮނުވާފައިވަނީ ނެރެފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށާއި އެއީ ޔޯގާ ޑޭ އާއި ގުޅުވައިގެން ފޮނުވާފައިވާ ސިޓީ އެއް ނޫން ކަމަށެވެ. ދައުލަތުގެ އެކި ބާރުތަކުގެ ތެރޭގައި ހަރުކަށީ ފިކުރު އަށަގަނެފައިވާ ކަމަށް އާއްމުން ތުހުމަތުކުރެއެވެ.

ރިއެކްޝަންސް
1
0
0
11
1
1
5