މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 ޖޫން 2022 - 15:57

އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގެންފި

އ.ދ. އޯޝަންސް ކޮންފަރެންސްގައި “އެޑްރެސިންގ މެރިން ޕޮލިއުޝަން” ގެ ނަމުގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރ ޝައުނާ، ޕޯޗުގަލްގެ ލިސްބަންއަށް ވަޑައިގެންފައިވާއިރު އޯޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް މިނިސްޓަރ ޝައުނާ ހުށަހަޅުއްވައި ދެއްވާނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުއްޖެއްގެ ޙައްޤު ރައްކާތެރިކުރުމަށް އިސްކަންދޭން ޖެހޭ: ފަޒްނާ

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލަޔަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން އެފަދަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލައްވާފައި ވަނީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި “ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން” ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އދ. ހަންޏާމީދޫ ބަނދަރު މަޝްރޫއުގެ 86 އިންސައްތަ ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފަ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ މިހާރު ކުރެވެމުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ. މި މަޝްރޫޢަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ‘’ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް” ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ

 ޔޫރަޕުގައި ރާއްޖެ އިސްތިހާރުކުރަނީ

އެމްއެމްޕީއާރުސީން ޔޫރަޕް މާކެޓްގައި ރާއްޖެ އިސްތިހާރުކުރުމަށް ރިސޯޓް ލައިފް ޓްރެވަލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ، އެކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުހައްމަދެވެ. އަދި ރިސޯޓް ލައިފް ޓްރެވަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒެވެ.

ރިއެކްޝަންސް
0
0
0
0
0
0
0