ގުރުދާ، ނުވަތަ ކިޑްނީ އަށް ޖެހޭ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް

29 ޖޫން 2022 - 18:00

ގުރުދާ (ކިޑްނީ) އަކީ އިންސާނާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ގުރުދާގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑަށް ބޭނުންނުވާ އަދި ބޭނުންވާ މިންވަރަށްވުރެ އިތުރުވާ ފްލުއިޑް ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުކުރުމާއި، ހަށިގަނޑުގައި ހުންނަ އިލެކްޓްރޮލައިޓްގެ މިންވަރު ކޮންޓްރޯލްކުރުމުގެ އިތުރުން ހަށިގަނޑުގެ އެސިޑް-ބޭސްގެ ހަމަ ހިފެހެއްޓެވުމެވެ. ހަށިގަނޑުގެ ޓިޝޫތަކާއި މަސްތަކާއި އަދި ނާރުތައް ރަނގަޅަށް މަސައްކަތްކުރާނީ އިސްވެ މިބަޔާންކުރެވުނު މަޢުދަންތަކުގެ ރަނގަޅު ބެލެންސެއް ހަށިގަނޑުގައި ޤާއިމްކުރެވިގެންނެވެ. އެހެންކަމުން ގުރުދާގެ ސިއްޙަތު ރަނގަޅުވުމަކީ ކޮންމެހެންވެސް ބޭނުންހުރި ކަމެކެވެ.

މިބަލާލަނީ ޢާންމު ދިރިއުޅުމުގައި ގުރުދާއަށް ގެއްލުންވާގޮތަށް ނޭނގި ނަމަވެސް އަހަރެމެންނަށް ކުރެވޭ ބައެއް ކަންކަމަށެވެ.

advertisement

އެކަށީގެންވާ މިންވަރަށް ފެން ނުބުއިން.

ހަށިގަނޑު ހައިޑްރޭޓްކޮށްގެން ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ގުރުދާގެ އެއް ބޭނުމަކީ ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތަށް ވޭސްޓްގެ ގޮތުގައި ބޭރުކުރުމެވެ. ގުރުދާގައި އުފެދޭ ހިލައާއި ގުރުދާގެ އެހެނިހެން މައްސަލަތައް ދިމާވުމުގެ މައިގަނޑު ސަބަބަކީ ވޭސްޓް މާއްދާތައް މަދު ފްލުއިޑްކޮޅެއްގެ ތެރޭގައި އިންތިހާއަށް ގިނަވުމެވެ. އެއަށް އޮތް ހައްލަކީ ގިނައިން ފެން ބުއިމެވެ. ދުވާލަކަށް މަދުވެގެން 12 ތަށި ފެންބޯން ސިއްޙީ މާހިރުން ރިކޮމެންޑް ކުރެއެވެ.

ޕެއިންކިލަރތައް ގިނަގިނައިން ބޭނުންކުރުން

ބޮލެއްގައި ހަމަ ރިއްސާލާއިރަށް ޕެއިންކިލަރ ބޭނުންކޮށްލަން އަހަރެމެންނަށް ވަރަށް ފަސޭހައެވެ. ރަނގަޅެވެ. މިފަދަ ބޭސްތަކުގެ އެންމެ މޮޅު އެއްކަމަކީ ބޮލުގައި ރިހުން ވަރަށް އަވަހަށް ފަސޭހަކޮށްދޭކަމެވެ. އެކަމަކު ޕެއިންކިލަރތައް ސުމާރެއްނެތި ބޭނުންކުރުމަކީ ގުރުދާއަށް ހުރި ބޮޑޫ ނުރައްކަލެކެވެ. މިފަދަ ބޭސްތައް ގިނައިން ބޭނުންކުރާނަމަ ގުރުދާގެ ކެންސަރަށް މަގުފަހިކޮށްދެއެވެ. ބޭސް ބޭނުން ކުރާއިރު އަބަދުވެސް ސިއްޚީ އެހީތެރިއެއްގެ ލަފަޔާއިއެކު ބޭނުން ކުރާށެވެ.

ގިނަގިނައިން ތައްޔާރީ ކާނާ ބޭނުންކުރުން

މިވެސް އަހަރެމެންގެ ތެރޭގައި ވަރަށް ޢާންމުވެފައިވާ ނުބައި އާދައެކެވެ. ތައްޔާރީ އަވަސް ކާނާ އެއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޓްރެންޑަކަށް ވަނީ ވެފައެވެ. ތައްޔާރީ ކާނާއަކީ އޭގައި ގިނައިން ސޯޑިއަމް އަދި ފޮސްފަރަސް އެކުލެވޭ ތަކެއްޗެވެ. ހަށިގަނޑުގައި ސޯޑިއަމް އަދި ފޮސްފަރަސް ލެވެލް މަތިވުމަކީ ގުރުދާ ބަލިކަށިކޮށް ގުރުދާއަށް ގެއްލުންދެނިވި ކަމެކެވެ.

ކަސްރަތު މަދުވުން

ހަފްތާއެއްގެ ތެރޭގައި މަދުވެގެން 3 ފަހަރު ހަރަކާތްތެރި ކަސްރަތެއް ކުރާ މީހެއްގެ ގުރުދާގައި ހިލަ އުފެދުމަކީ ނާދިރުކަމެއް ކަމަށް ސިއްޙީމާހިރުން ބުނެއެވެ. ގުރުދާގެ މައްސަލަތައް ޖެހިފައިވާ ފަރާތްތަށްވެސް ހަފްތާއަކު 5 ދުވަހު 30 މިނެޓަށް ހިނގާލުމަށް ސިއްޙީ މާހިރުން ރިކޮމެންޑް ކުރެއެވެ. ހިނގުމަކީ ހިތުގެ އެކި މައްސަލަތަކުން ދުރުކޮށްދޭ ކަސްރަތަކަށް ވާއިރު ގުރުދާގެ ބަލިތައް ތަޙައްމަލު ކުރާ ފަރާތަކަށް ހިތުގެ މައްސަލަތައް ކުރިމަތިވުމަކީ މޭޖަރ ހެލްތް ރިސްކެކެވެ.

ކެއުމުގައި އިންތިހާއަށް ލޮނު ބޭނުންކުރުން

ލޭގެ ޕްރެޝަރު ކޮންޓްރޯލުން ނެއްޓުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކެއުމުގައި ލޮނު ބޭނުންކުރެވޭ މިންވަރު ގިނަވުމެވެ. ލޭގެ ޕްރެޝަރު މަތިވުމުން ގުރުދާއަށް އިންތިހާއަށް ގެއްލުންވެއެވެ. އެހެންކަމުން ކާއެއްޗެހީގައި ރަހަ ހެޔޮވަރުކުރުމަށް ސީދާ ލޮނު އެޅުމުގެ ބަދަލުގައި އެކި ކަހަލަ އާބްސް ބޭނުންކުރުން ރަނގަޅުވާނެއެވެ.

ރިއެކްޝަންސް
2
0
1
7
1
1
1