ޑެންގީ ހުމުން ކުދިން ރައްކާތެރި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

30 ޖޫން 2022 - 16:12

ޑެންގީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ވައިރަލް އިންފެކްޝަނެކެވެ. ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ 50 އިންސައްތަ މީހުންނަކީ މަދިރީގެ ޒަރީއާއިން ފެތުރޭ މިބަލި ޖެހުމުގެ ރިސްކް އޮތް މީހުންނެވެ. މަދިރީގެ ތެރެއިން މިބަލި ޖައްސަނީ އަންހެން އީޑީސް މަދިރިއެވެ. ބަލީގެ ޢަލާމާތްތައް ފެންނަން ފަށަނީ އިންފެކްޓްވުމުގެ ހައެއްކަ ދުވަސް ފަހުންނެވެ. ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި ކުއްލިއަކަށް ގަދައަށް ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑު އެކަށް ވަރުބަލިކޮށްލުމާއި، ބޯއެނބުރުމާއި އަދި ގަދައަށް ހޮޑުލުން ހިމެނެއެވެ. ބަލީގެ ތުރާލާއި ވޭނުގެ ނުރައްކާ އެންމެ ބޮޑުވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށި މީހުންނަށެވެ. ޚާއްސަކޮށް ކުޑަ ކުދިންނަށެވެ. މިބައްޔަކީ ވެކްސިނެއް ހޯދިފައިނުވާ ބައްޔެއްކަމުން، ބަލިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން މުހިންމެވެ.

ތިރީގައި މިބަޔާންކޮށްލަނީ ޑެންގީ ހުމުން ކުދިން ރައްކާތެރި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

advertisement

ގެއާއި ގޯތޮތެރެ ސާފުކޮށް ބަހައްޓާށެވެ.

ޢާންމު ގޮތެއްގައި މަދިރި އުފެދެނީ ފެން ހަރުލާފައި ހުންނަ ތަންތަނުގައި ކަމަށްވުމުން ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް އުކާލެވިފައި ހުންނަ ތަކެތި ހޯދައި އެތަކެތި ނައްތާލުމުން މަދިރި އުފެދޭ މިންވަރު މަދުކުރެވޭނެއެވެ. ޚާއްސަކޮށް ގޯތިތެރެއަށް ވާގޮތަށް ހައްދާފައި ހުންނަ ބަގީޗާ ގަސްތައް ހައްދަން ގެންގުޅޭ އާލާތްތަކާއި މިނޫނަސް ފަސޭހައިން ފެން ހަރުލާގޮތަށް ހުންނަ ތަންތަން އެއީ ދަތި ދޭތެރެތަކުގައި ކަމަށް ވިޔަސް ޤަވާޢިދުން ބަލައި ސާފުކުރުމުން އެއީ ތިބާއާއި ތިބާގެ ދަރިންނަށް ލިބިދޭ ރައްކަލަކަށް ނޫނީ ނުވެއެވެ.

ކެއުމުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ މާއްދާތައް ހިމަނާށެވެ.

އޮރެންޖު، ބްރޮކޮލީ، ޔޯގަޓް، ބޯވެލި، އިނގުރު އަދި އާމަންޑް ފގަދަ ތަކެއްޗަކީ އިމިއުނިޓީ ބޫސްޓްކުރުމަށް މަޝްހޫރު ބާވަތްތަކެވެ. މިފަދަ ބާވަތްތަކަކީ ރާއްޖޭގައިވެސް ފަސޭހައިން ލިބެން ހުންނަ ތަކެއްޗަށްވެފައި، މިބާވަތްތަށް ދަރިންގެ ކެއުމުގައި ޤަވާޢިދުން ހިމަނާލެވޭނަމަ ޑެންގީ ވައިރަހާއި މިނޫނަސް އެތައް ވައިރަސްތަކާއި ހަނގުރާމަ ކުރުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ފަސޭހަވެއެވެ. ބަލިތަކުން އަވަހަށް ފަސޭހަވެވެނީ ހަށިގަނޑުގެ ދިފާޢީ ނިޒާމުން ބަލި އަވަހަށް ދެނެގަނެ ބައްޔާއި ދެކޮޅަށް އަވަހަށް މަސައްކަތްކުރަން ފެށުމުންނެވެ.

ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާކުރެވޭ ހެދުން ބޭނުންކުރާށެވެ.

ކުދިން ގޯތިތެރޭގައި އުޅޭއިރު ހަށީގަނޑު ވީހާވެސް ބޮޑަށް ނިވާކުރެވޭ ޒާތުގެ ހެދުން އެޅުވުމުން ހަށިގަނޑަށް ބަލި ވާޞިލުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުން ރައްކާތެރި ވެވިދާނެއެވެ. އަތްފައި ހާމައަށް ހުންނަ ހެދުން އަޅައިގެން ގޯތިތެރެއަށް ކުދިން ދޫކޮށްލެވޭނަމަ މަދިރިހަފަން ފުރުޞަތު ދެވެނީއެވެ. ކޮންމެ ގޮތެއްވިއަސް ކުދިން އަބަދުމެ ކޮޓަރިތެރޭގައި ބަންދުކޮށްގެން ނުއެއް ގެންގުޅެވޭނެއެވެ. މީގެ އިތުރުން ކުދިން ތަންތަނަށް ނުފޮނުވައެއްވެސް ނުވާނެއެވެ. އެހެންކަމުން މަދިރީގެ އުނދަގުލުން ކުދިން ސަލާމަތްކުރުމަށް ބެލެނިވެރިންނަށް އޮތް އެންމެ ފަސޭހަ އެއް ހައްލަކީ މިއެވެ.

މަދިރި ރިޕެލެންޓް ބޭނުންކުރުން.

ބާޒާރުގައި މަދިރި ރިޕެލެންޓްގެ އެކި ބާވަތްބާވަތް މިހާރު ވަރަށް ޢާންމެވެ. އެބައެއްގެ ދިރިއުޅުން ބިނާވެފައިވާ ހިސާބެއްގައި ލިބެންހުރި ރިޕެލެންޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ރިޕެލެންޓް ހޯދައިބަލާލުން ބުއްދިވެރިއެވެ. ކުދިންގެ ހަށިގަނޑާއި ގުޅޭ ރަނގަޅު ރިޕެލެންޓެއް ބޭނުންކުރުމުން ވެސް މަދިރިހެފުމުން ރައްކާތެރި ކުރެވޭނެއެވެ. ޕެޕަރމިންޓް ތެލަކީ ޤުދުރަތީ މަދިރި ރިޕެލެންޓެކެވެ. މިތެޔޮ އުނގުޅުމުން 150 މިނިޓަށް މަދިރިން ރައްކާތެރިކޮށްދޭ ކަމަށްވެއެވެ. މީގެ އިތުރުންވެސް މަދިރިން ރައްކާތެރިކޮށްދޭ ގަސްތައް ބަގީޗާގައި ހެއްދިދާނެއެވެ. މިސާލަކަށް ރާއްޖޭގައި ވަރަށް ޢާންމުކޮށް ހެދޭ އަދި ހެއްދިދާނެ ބާވަތްތަށް ކަމަށްވާ ލެމަންގްރާސް އަދި މިންޓަކީވެސް މަދިރި ރިޕެލްކޮށްދޭ ގަސްގަހެވެ.

ރިއެކްޝަންސް
0
0
0
0
0
0
0