އަންހެނުންގެ ޖިންސީ ގުނަވަން “ދޮން” ކުުރުމަށް އުފެއްދުންތައް ބޭނުންކުރަން ޖެހޭތަ؟ ރާއްޖޭގައި މީގެ އިޝްތިހާރުތައް ގިނަވެއްޖެ

3 ޖުލައި 2022 - 10:46

ދުނިޔޭގެ ބިއުޓީ ސިނާއަތުގެ އަގަކީ 511 ބިލިޔަން އެމެރިކާ ޑޮލަރެވެ. ސްކިން ޕްރޮޑަކްޓްތަކުގެ މާކެޓް ވެލިއު 2020 ގައި ހުރީ 140.92 ބިލިޔަން ޑޮލަރުގައެވެ. ބިއުޓީ އިންޑަސްޓްރީގައި ގިނައީ އަންހެނުންނަށް ހާއްސަކޮށް އުފައްދައި މާކެޓް ކުރާ އުފެއްދުންތަކެވެ. ރީތިވެ ސާފުތާހިރުކޮށް އުޅުމަށް އަންހެނުންނަށް ބޭނުންވަނީ ކިހާ އުފެއްދުންތަކެއް ހެއްޔެވެ؟

“އިންޓިމެޓް ކްލެންސާސް” ވައިޕްސް، ޖެނިޓަލް ޑިއޮޑަރަންޓް، ދޮންކުރާ ކޮލާޖަން ފަދަ ތަކެތިވެސް އަންހެނުންގެ ޖިންސީ ގުނުވަނަށް ހާއްސަކޮށް ވިއްކަން ހުރެއެވެ.

advertisement

މީރުވަސް ދުއްވުމަށާއި، ފްރެޝް ކޮށް ހުރުމަށް އެހީވެދޭ ކަމަށް އެފަދަ ޕްރޮޑަކްޓް ތައް މާކެޓް ކުރާ އިރު ބުނާތީ، އަންހެނުން މިފަދަ އުފެއްދުންތައް ބޭނުން ކުރެއެވެ. ފައިވަޅާއި އުކުޅު ވަޅު ގެ ސަރަހައްދު ގެ ހަން ދޮން ކުރުމަށް ކޮލާޖަން ކްރީމްތައް ވެސް ރާއްޖޭގެ ބާޒާރުން ވެސް ލިބެން ހުރެއެވެ.

ރާއްޖެގައި، މިފަދަ ޕްރޮޑަކްޓެއްގެ އިޝްތިހާރެއް

ނަމަވެސް މިއީ ކިހާ ނުރައްކާތެރި ކަމެއް ކަން އެނގޭތޯއެވެ؟ ނަސްލުގެ ގޮތުން އަންހެނުންގެ މިގުނަވަނުގެ ކުލަ ކަޅު ވުމަކީ ނުތާހިރު ކަމެއް ނޫނެވެ. އެއީ އިންސާނާގެ ޖެނެޓިކްސްގެ ގޮތުން ވާ ކަމެކެވެ. ކިތަންމެ ވަރަކަށް ކްރީމް އުނގުޅައި ދޮވުނަކަސް އެހިސާބުގެ ހަން ދޮން ކުލައަށް ބަދަލެއް ނުވާނެއެވެ. އަންހެނުންގެ ހަށިގަނޑާއި މެދު އެމީހުން މާޔޫސްކުރުވުމަށް ފަހު، މިފަދަ އުފެއްދުންތައް ބާޒާރުގައި ވިއްކައި މިލިޔަނުން ފައިދާ ނެރޭ އިރު، އެއްވެސް ނަތީޖާ އެއް ނުނެރެވޭނެ، ސައިންޓިފިކް އަދި މެޑިކަލް މިންތަކުން ބަލާއިރުވެސް އެއްވެސް ބުރަދަނެއް ހަމައެއް މާނައެއް ނެތް އެތައް އުފެއްދުން ތަކެއް ބާޒާރުގައި އެބަ ވިއްކައެވެ.

ހިކޭ ސައިފަތާއި ލޯޝަނާއި ދޮންވާ ކްރީމާއި ފޫކޮޅާއި މޭމަތި ބޮޑު ކުރާ ކްރީމާއި ބޭސްފަދަ އުފެއްދުންތަކަކީ މިތަކެތީގެ ގެއްލުމުގެ ވާހަކަ ޑޮކްޓަރުންނާއި މެޑިކަލް ޕްރޮފެސަރުން ދައްކާތާ ޒަމާންތަކެއް ވެއްޖެއެވެ.

އަންހެނުންގެ ކުރިމަތި ފަރާތުގައި އަމިއްލައަށް ސާފުވާ ނިޒާމެއް ވޭ

މެޑިކަލް އަދި ވެލްނެސް ކޮމިއުނިޓީގެ ތެރޭގައި މިވާހަކަ ދައްކާތާ އެތަކެއް ގަރުނުތަކެއް ވެއްޖެއެވެ. އަންހެނުންގެ ކުރިމަތިފަރާތުގައިވާ ޑެޑް ސެލްސްތައް މަރުވުމުން ޑިސްޗާޖުގެ ގޮތުގައި ބޭރުވެއެވެ. އެހެން ކަމުން ސައިބޯންނި ފަދަ ބާރުގަދަ ކެމިކަލް ހުންނަ އެއްޗެހިން ސާފުކުރުމަކީ އޭގެ ސަބަބުން އިންފެކްޝަން ހެދުމަށް މަގުފަހިވާނެ ކަމެކެވެ.

އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ކުރިމަތިފަރާތުގައި ހުންނަން ޖެހޭ ޕީއެޗް ލެވެލް އަކީ 3.8 އާއި 4.4 އާއި ދެމެދުގައެވެ. މި މިންގަނޑުން ޕީއެޗް ލެވެލް ދަށްވެ ނުވަތަ މަތި ވެއްޖެ ނަމަ އެ ހިސާބުން ބަލަނީ އިންފެކްޝަން އެއް ހުރީ ކަމަށެވެ. ކުރިމަތިފަރާތުގެ އެތެރެ ސާފުކުރުމުގެ ބޭނުމުގައި ބައެއް މީހުން ގޭގައި ވިނިގާ ސޮލިއުޝަން އެތެރެއަށް ޕްރެޝަރުގައި ފޮނުވައި އެތެރެ ދޮވެއެވެ. މިގޮތަށް އެތަން ދޮތުމަކީ ގުދުރަތީ ގޮތުން އެތަނުގައި އުފެދިފައި ހުންނަ ގުޑް ބެކްޓީރިއާ ބެލެންސް ގެއްލި ބާރުގަދަ ބެކްޓީރިއާ އުފެދި، އަދި އެސްޓީޑީ ތަކަށް ވެސް މީހާ މާބޮޑަށް ހުށައެޅޭ ސަބަބެކެވެ.

އެއީ ޕީއެޗް ލެވެލް ދަށްވެ މަތި ވުމުގެ ސަބަބުން އެސްޓީޑީ ތަކުން ދިފާއުވުމުގެ ބާރު ކުޑަވާތީއެވެ. ކެނެޑާގެ ޔުނިވާސިޓީ އަކުން 2018 ވަނަ އަހަރު ހަދާފައިވާ ދިރާސާ އަކުން ދައްކާ ގިތުން ޖެލް ސެނިޓައިޒާފަދަ ތަކެތިން ކުރިމަތި ފަރާތް ސާފު ކުރުމަކީ ޔީސްޓް އިންފެކްޝަން އާއި ބެކްޓީރިއަލް އިންފެކްޝަން ޖެހޭ ސަބަބެކެވެ. އަި މި ނޫނަސް މީރުވަސް ދުވާ އެކި ކަހަލަ ވީ ވޮޝް ތަކާއި ލޯޝަންތައް ބޭނުން ކުރުމަކީ ކުރިމަތި ފަރާތަށް ގެއްލުން ވެ އަބަދު އިންފެކްޝަންތަކުން އަރައި ނުގަނެވިގެން އުޅެން ޖެހިދާނެ ކަމެކެވެ. މިފަދަ އިންފެކްޝަންތައް އަބަދު ޖެހުމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ޕްލްވިކް އިންފްލެމޭޓަރީ ޑިޒީޒް އަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތައް ދައްކައެވެ. 

އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ސިއްހީ މާހިރުން ބުނާ ގޮތުން އަންހެނުން އެމީހުންގެ ޖިންސީ ގުނަވަން ސާފުކުރުމަށް އޮތް އެންމެ ރަނގަޅު ގިތަކީ އެތަނުގައިވާ ގުދުރަތީ ނިޒާމުގެ ތެރެއިން ސާފުވެ ޑިސްޗާޖު އައިސް ސާފުވާން ދޫކޮށްލުމެވެ.

 އަންހެނާގެ ކުރިމަތިފަރާތުގައި މަސްކީ ވަހެއް ހުރުމަކީ ނޯމަލް ކަމެކެވެ. އެތަނުގެ ޕީއެޗް ލެވެލް ހުންނަން ވާ ވަރަށް ހުންނަނަމަ ކޮންމެވެސް ވަރެއްގެ މަސްކީ ވަހެއް ހުންނަން ޖެހޭނެއެވެ.

އާއްމު ހާލަތްތަކާއި ހިލާފަށް ޑިސްޗާޖު އަންނަނަމަ ނުވަތަ އެހެން ވަހެއް ހުންނަނަމަ އެއީ ޖައިނޮކޮލޮޖިކަލް ކަމެކެވެ. ޑޮކްޓަރަކަށް ދައްކާށެވެ. ފިހާރަކުން ގަންނަން ލިބެން ހުންނަ ފާޑުފާޑުގެ ވޮށް ސޮލިއުޝަންސް އަކީ ގައިނޮކޮލޮޖިކަލް ކަންކަމަށް ހުރި މެޑިކަލް ފަރުވާއެއް ނޫނެވެ.

ރިއެކްޝަންސް
65
27
13
3
3
1
2