މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 ޖުލައި 2022 - 18:00

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މާދަމާ ފުރާވަޑައިގަންނަވާނެ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

advertisement

ދިވެހި ރުފިޔާގެ ނިޝާން ތައާރަފްކޮށްފި

ދިވެހި ރުފިޔާގެ ނިޝާނާއި އެ ނިޝާން ބޭނުންކުރުމުގެ މިންގަނޑު މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން ތައާރަފްކޮށްފި އެވެ.

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ. އަދި މިހާރު ކުރިއަށްދަނީ ސެޓްލެމެންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތްތައް ކަމަށްވެސް މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ( ޤާނޫނު ނަމްބަރު: (02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ

ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓު އަޅަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފި އެވެ. 45،998،170.00 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0