އައިޖީއެމްއެޗް ޑޮކްޓަރުންގެ އަމިއްލަ ކްލިނިކުތަކުގެ ވާހަކަ

4 ޖުލައި 2022 - 10:11

އައިޖީއެމްއެޗް އިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުން ދަތިވާހަކަ އަކީ އާއްމު ވާހަކައެކެވެ. ދައުލަތުގެ ސިއްހީ ނިޒާމު ބަލިކަށިކަމުން ބަލިމީހުންނަށް މަޖުބޫރުވަނީ ޕްރައިވެޓް ކްލިނިކުތަކުން ބޭސްފަރުވާ ހޯދުމަށެވެ. މިއީ އާއްމުންނަށް އަތްފޯރާ ހިސާބުގައި ހިދުމަތް ލިބޭ ތަންތަނެއް ނޫނެވެ.

ނަމަވެސް ސަރުކާރު ހޮސްޕިޓަލްތަކުގައި ބަލި މީހުން ބަލާ ޑޮކްޓަރުން ބަލިމީހުން ގާތު މިވެނި ކްލިނިކަކަށް އަންނާށޭ ބުނާ ކަމީ ސީރިއަސް މައްސަލައެކެވެ. އާސަންދަ ނިޒާމާއި އެކު މާލޭގައި ގިނަވެގެން އައި ގިނަ ޕްރައިވެޓް ކްލިނިކުތަކަކީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ހިއްސާ އޮންނަ ތަންތަނެވެ. އެހެން ކަމުން ޑޮކްޓަރުން އެމީހުންގެ ކްލިނިކުތަކަށް ބަލި މީހުން ރިފަރ ކުރެއެވެ. އަދި ފޮލޯ އަޕަށް އެ ކްލިނިކުތަކަށް އައުމަށް ބުނެއެވެ.

advertisement

ތިމާ އަށް ފަރުވާ ކުރާ މީހާއަށް ދައްކަންޏާ ބަލި މީހާއަށް މަޖުބޫރު ވަނީ ޕްރައިވެޓް ކްލިނިކަށް ދެއްކުމަށެވެ. މިގޮތަށް ކްލިނިކުތަކަށް ދެވޭނެ ފައިސާ ނެތް މީހެއް ނަމަ އެމީހެއްގެ ބޭސްފަރުވާގެ ކަންކަން ދިގުލައިގެން ގޮސް ބަލި އިތުރަށް ބޮޑުވެ، އަތުން އެތަކެއް ފައިސާއެއް ހޭދަވެއެވެ. މިއީ ބޮޑު ބޭއިންސާފެކެވެ.

ދައުލަތުގެ ސިއްހީ ނިޒާމުގެ ތެރެއިން ބަލިމީހާއަށް ފަރުވާ ލިބެންޖެހެއެވެ. އަތުގައި އޮންނަ ފައިސާކޮޅު ކްލިނިކުތަކަށް ދޭންޖެހޭ ނިޒާމަކީ ވަކިބައެއްގެ ފައިދާއަށް ދަމަހައްޓާ ނިޒާމެއް ނޫންތޯއެވެ.

މިކަމަށް ހައްލެއް އެބައޮތް ތަ؟

ޑޮކްޓަރުން އެހެން ކްލިނިކުތަކުގައި ފަރުވާ ދެނީ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ. ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައިތޯއެވެ. ޑޮކްޓަރުންނެއް ކަމަކު ގިނަ ވަގުތު މަސައްކަތް ކުރުމަކީ މެޑިކަލް މެލްޕްރެކްޓިސް އަށް މަގުފަހިވެ ވަރުބަލިކަމުގެ ސަބަބުން ގޯސް ހެދިދާނެ މީހުންނެވެ. ވަރުބަލިކަންމަތީ ޑޮކްޓަރުން ބަލިމީހުންނަށް އެޓެންޑްވުމުގެ ސަބަބުން އޮޕަރޭޝަންކުރުމުގެ ތެރޭގައާއި ވިއްސުމުގެ ތެރޭގައި ގޯސް ހެދިފައިވެސް އެބަހުރިމެއެވެ.

އެކިތަންތަނުގައި ބަލިމީހުން ބަލަން ގިނަ ވަގުތު ތިބޭ ޑޮކްޓަރުން ފަރުވާކުޑަ ކަން ވެސް ބަލިމީހުން ފާހަނގަ ކުރެއެވެ. ދައުލަތުގެ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަ ވުމުގެ އަގު ރައްޔިތުން ހިތި ގޮތަކަށް ދައްކަން ޖެހުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން ޑޮކްޓަރުންނަށް ރަނގަޅު މުސާރަ ދިނުމަށްފަހު، މަސްލަހަތު ފުށުއަރާ ގޮތަށް އަމިއްލަ ކްލިނިކުތަކުގައި ބަލިމީހުން ބެލުން މަނާކުރެވިދާނެއެވެ. އޭރުން މިހާރު ދުވާލަކު 8 މީހުން ބަލާ ޑޮކްޓަރުން އެ އަދަދު އިތުރުކޮށް ގިނަ ބަލިމީހުން ބަލާނެއެވެ. ނަމަވެސް މިއީ މައްސަލައިގެ އެއްކޮޅެވެ.

ސިއްހީ ނިޒާމުގައި އެތަކެއް މައްސަލަތަކެއް އެބަހުއްޓެވެ. ބަލި މީހުންނަށް އަވަހަށް ރަނގަޅު ފަރުވާ ދެވޭނޭ ގޮތްތަކެއް ގާއިމުކުރަން އަބަދުވެސް ދައުލަތުން މަސައްކަތްކުރާ ކަމަށް ބުނެއެވެ. ނަމަވެސް މާލޭގެ ހޮސްޕިޓަލުތައް ކިތަންމެ ރަނގަޅު ކުރިއަސްވެސް ރާއްޖެތެރޭގެ ސިއްހީ ނިޒާމު ފޫ ވެއްޓިފައި އޮތުމުގެ ސަބަބުން މާލޭގެ ހޮސްޕިޓަލުތަކަށް ކުރާ ބާރު ކުޑައެއް ނުކުރެވެއެވެ. ބަލިމީޙުން ގިނަވެ ނިޒާމަށް އޮބިނޯވެ އަތުން އެތައް ކަމެއް ދޫވެއެވެ. ސިއްހީ ނިޒާމު ހަރުދަނާ ކުރެވޭނީ ރާއްޖެތެރޭގެ ސިއްހީ ނިޒާމު ވެސް ހަރުދަނާކޮށްގެންނެވެ. އެއްކޮޅަށް އެކަނި ހަރަދު ކުރީމާ އަނެއް ކޮޅު ވާނީ ނިކަމެއްޗެވެ.

އަހަރެމެންގެ ތެރޭގައި ފަގީރުކަން ތަހައްމަލުކުރަން ޖެހިފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ އަކީ ސިއްހީ ސަބަބުތަކާހުރެ ފަގީރުކަމަށް ހުށަހެޅިފައިވާ މީހުންނެވެ. އާސަންދަ ތައާރަފްވުމުގެ ކުރިން މީހުން ބޭހަށް ފައިސާހަމަކުރަނީ މޮނީޓަރުފޮތަކާއި ޑޮކްޓަރުގެ ބޭސް ސިޓީ ހިފައިގެން ފައިސާވެރިންގެ ގޭގެއަށް ހިނގަމުންނެވެ. އާސަންދަ ތައާރަފްކުރުމަށްފަހު ވެސް ބޭސްފަރުވާއަށް ސަލާންޖެހުމުގެ ސަގާފަތަށް ބަދަލެއް ނާދެއެވެ. ބަދަލުވީ ބޭހުގެ އަގުތަކާ ސިއްހީ ފަރުވާގެ އަގުތަކެވެ. ބޮޑުވެގެން ދިޔައީ ވިޔަފާރިވެރިންގެ ފައިދާއެވެ. އުފުލިގެން ދިޔަ އަގުތައް ކޮންޓްރޯލްކޮށް ވިޔަފާރިވެރިން މި ނިޒާމުގެ ތެރެއިން ނަގަމުން އަންނަ ނާޖާއިޒު ފައިދާ އަދިއަދަށް ވެސް ހުއްޓުވިފައެއް ނެތެވެ. މިކަމުގެ ސަބަބުން ދެން ބޮޑުވީ ދައުލަތުގެ ހަރަދެވެ.އިސްރާފުވަމުން ދަނީ ރައްޔިތުންގެ ބައިތުލްމާލެވެ.

ރިއެކްޝަންސް
1
0
3
11
2
3
2