މާބަނޑު ދުވަސްވަރުގައި ހަމަނިދި ނުލިބޭނަމަ ސިއްހީ މައްސަލަތަކެއް!

5 ޖުލައި 2022 - 9:51

މާބަނޑު ދުވަސްވަރު ރަނގަޅަށް ނުނިދާ ނަމަ، މާބަނޑު މީހުންނަށް އާއްމު ގޮތެއްގައި ޖެހޭ ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ދައްކާފަ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި އަންހެނުންނާއި 16 ޕަސެންޓް ފިރިހެނުން އެކަށީގެންވާ މިންވަރަކަށް ކޮންމެ ދުވަހަކު ނުނިދަ އެވެ. މާބަނޑު ނޫން މީހުންނަށް ވެސް ނިދި މަދުވުމާއި ހަކުރުބަލި ޖެހުމާ ވަރަށް ބޮޑު ގުޅުމެއް އޮންނަކަން މީގެ ކުރީގެ ވަރަށް ގިނަ ހޯދުންތަކުން ވެސް ވަނީ ސާބިތުވެފަ އެވެ.

advertisement

މި ދިރާސާގައިވާ ގޮތުން މާބަނޑު މީހުން ވެސް ނިދާފައި އޮންނަ ވަގުތުކޮޅު މަދުވުމުން އެމީހުންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވާން މެދުވެރިވެ އެވެ. މިކަމާއި ގުޅޭގޮތުން އިތުރަށް ހޯދުންތައް ހޯދަން ޖެހޭކަމަށް ސައިންސްވެެރިން ބުނެއެވެ.

މާބަނޑު މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ބަނޑުބޮޑު ދުވަސްވަރު ހަކުރު މައްޗަށްދާ ގޮތް މެދުވެރިވެ އެވެ. މިކަން އާއްމުގޮތެއްގައި ދިމާވަނީ ބަލިވެ އިނދެ ދެ ވަނަ ޓްރައިމިސްޓާގެ ތެރޭގަ އެވެ. އެހެންވެ މާބަނޑު މީހުންގެ ބަނޑަށް 24 ހަފުތާ އާއި 28 ހަފުތާއާ ދޭތެރޭ، ލޭގައި ހަކުރު ހުރި ވަރު ޓެސްޓްކުރަން ސިއްހީ މާހިރުން ލަފާ ދެ އެވެ.

މާބަނޑު ދުވަސްވަރު ހަކުރު މައްޗަަށްދާ މައިންގެ ދަރިންގެ ބަރުދަން އިތުރުވެ ވިހަން އުނދަގޫވާ ގޮތް މެދުވެރިވެ އެވެ. އަދި ގެސްޓޭޝަނަލް ޑައިބެޓީސް ހުންނަ މީހުންނަށް އުމުރުން ދުވަސް ވުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދަ މީހުންނަށް ލިބޭ ދަރިން ބޮޑެތިވެ އެ މީހުންގެ އުމުރުން ދުވަސްވުމުން ހަކުރުބައްޔާއި ފަލަބަލި ޖެހުމުގެ ނުރައްކާ ވެސް އޮވެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0