އަވަސް ނިޔާ މައްސަލައަށް އެއް އަހަރު. އަދިވެސް ގަދަ އަޑާއި ވައިބްރޭޝަން ނުހުއްޓުވޭ.

5 ޖުލައި 2022 - 13:46

ސްޓެލްކޯގެ އިންޖީނުތަކުން އާއްމުންނަށް އުނދަގޫވާތީ އެކަމާއި ކުރި ޝަކުވާ ތަކަކާއި ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު ޔުޓިލިޓީ އޮތޯރިޓީ އިން ވަނީ ވަގުތީ ޖަނެރޭޓަރުތައް ހަމަ މިދިޔަ އަހަރުގެ އޮގަސްޓް 15 ގެ ކުރިން ބޭނުންކުރުން ހުއްޓާލުމަށް ސްޓެލްކޯ އަށް އަންގާފައެވެ. މި މައްސަލައިގައި އަވަސް ނިޔާ އެއް ނެރެ ދިނުމަށް އެދި ޕަބްލިކް އިންޓްރެސްޓް ލޯ ފާމް (ޕިލްކް) އިން ވެސް ވަނީ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް އެ މައްސަލައަށް އަހަރު ދުވަސް ވީ އިރުވެސް ކޯޓުން އަވަސް ނިޔާ ނެރެފައެއް ނުވެއެވެ. އަދިވެސް ސްޓެލްކޯ އިން އެ ޖަނަރޭޓަރުތައް ދޭތެރެދޭތެރެއިން ޖައްސައެވެ.

އެކަމުގައި އެޗްއާރުސީއެމުން ވެސް ނިންމާފައިވަނީ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމްވެފައިވާތީ، އެ ތަނުގައި އުޅޭ މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ގެންނަން ސައުންޑް އެޓެނުއޭޝަން މެޓީރިއަލް ބޭނުންކޮށްގެން، ވަގުތީ އިންޖީނުތައް ހުރި ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭރު ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަދިވެސް ގަދަ އަޑާއި ވައިބްރޭޝަންގެ އުނދަގޫ ފޯރާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ. “މިހާރުވެސް ދޭތެރެ ދޭތެރެއިން ވަގުތީ އިންޖީނު ޖައްސާ. އަޑުވެސް ގަދަ. ވައިބްރޭޝަން ވެސް ހުރޭ. އެ ޖެއްސީމަ އެކި ތަންތަނަށް އަޅުގަނޑުމެން ގުޅައިގަތީމަ ބައެއް ފަހަރު ނިއްވާލާ” އެފަރާތުން މައުލޫމާތި ދެމުން ބުނެފައިވެއެވެ.

މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް ގާކޮށިތެރޭގައި ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ މާލޭއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުންދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ.

ޔުޓިލިޓީ އޮތޯރިޓީގެ ބަޔާނުގައި ވާގޮތުން އިންޖީނުގޭގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުންނެވެ. އެހެން ހެދުމުން، ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖަނަރޭޓަރުތައް ނިއްވާލެވޭނެ ކަމަށް ސްޓެލްކޯއާ ހަވާލަދީ އެ އޮތޯރިޓީން ބުންޏެވެ. ޔުޓިލިޓީ އޮތޯރިޓީ އިން ވަނީ – މާލެ-ހުޅުމާލެ އިންޓަކަނެކްޝަންގެ މަސައްކަތް ޖުލައި 31، 2021 ގެ ނިޔަލަށް ނިންމައި ކަރަންޓު ދޭން ފެށުމަށް ވެސް ސްޓެލްކޯ އަށް މިދިޔަ އަހަރު އަންގާފައެވެ. ނަމަވެސް މި މަސައްކަތް އަދިވެސް ވަނީ ނުނިމިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަރަންޓު ޖަނެރޭޓަރުތައް ނުހިންގައެވެ. އިންސާނުންގެ ސިއްހަތަށް ގެއްލުންވާ މިންވަރަށް އަޑާއި ވައިބްރޭޝަން ހުރުމުގެ ސަބަބުން މިއީ ސިއްހީ ސަބަބުތަކަށްޓަކައި މުޅި ދުނިޔޭގައި ވެސް ކަންކުރާ އުސޫލެވެ. އަދި މިއީ އިންސާނީ ހައްގާއި ގުޅިފައިވާ ބޮޑު މައްސަލައެއް ނަމަވެސް މި މައްސަލައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ހައްލު ހޯދައިދީފައި ނުވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0