ރިޕޯޓް: ޓީޖީއެސްޓީ ބޮޑުކޮށްގެން ލިބޭ ޓޫރިޒަމް އާމްދަނީ ދަށްވެދާނެ

6 ޖުލައި 2022 - 16:21

ސަރުކާރުގެ ހަރަދުތައް ބޮޑުވެ، ދަރަނި ބޮޑުވެގެން އެންމެފަހުން ޓީޖީއެސްޓީ ބޮޑުކުރާނެކަމަށް ސަރުކާރުން މިހާރު މިވަނީ އިއުލާންކޮށްފައެވެ. މިއަންނަ އަހަރުން ފެށިގެން މިހާރު 12% ނަގާ ޓީޖީއެސްޓީ 16% ބޮޑުކުރާނެކަމަށް ސަރުކާރުން އިއުލާންކުރުމާއެކު، މިކަމާމެދު ގިނަ ބައެއްގެ ހިޔާލު ވަނީ ކަފިވެފައެވެ. ގިނަ މީހުން ދެކޭގޮތުގައި މިކަމަށް ދެވިފައިވާ މުއްދަތު މާކުޑަ ވެފައި، މިކަމުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އެތަށް އަސަރެއް ކުރާނެއެވެ.

ރާއްޖޭގެ ޓުއަރިޒަމް މާކެޓް ދުނިޔޭގައި މަޝްހޫރުވެފައި ވަނީ ލަގްޒަރީ ނުވަތަ މަތީ ފަންތީގެ މާކެޓެއްގެ ގޮތުގައެވެ. މިހާތަނާ ޖެހެންދެން ވެސް ދުނިޔޭގެ ނަން މަޝްހޫރު ގިނަ މަންޒިލްތަކަށް ވުރެ ރާއްޖެ ސިފަވެފައި އޮތީ އަގު ބޮޑު ތަނެއްގެ ގޮތުގައެވެ. ނަމަވެސް ސުވާލަކީ ދުނިޔޭގެ މާކެޓްގައި ހުރި އަގުތަކާ ބަލާއިރު ދައުލަތަށް އެކަށީގެންވާ ފައިދާ ކުރޭ ހެއްޔެވެ؟ ބޭރުގެ އެކި ވެބްސައިޓްތަކާއި ޓެރެވެލް އެޖެންޓުން ވިއްކާ އަގުތަކާ އަޅާބަލާއިރު ދައުލަތަށް ލިބޭ ޓެކްސް އެކަށީގެންވޭ ހެއްޔެވެ؟

ރިސޯޓުތަކުން ޓެކުހަށް މަކަރުހެދުން

މިއަހަރު ތެރޭގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ ޓުއަރިޒަމް ދާއިރާ އިން ރާއްޖެ އަށް ނުވަތަ ޖުމްލަ ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިދާއާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. ފެންނަންހުރި ބައެއް ކަންކަމާއި ހެކިތަކަށް ރިއާޔަތްކުރައްވައި ނާޝިޒް ވިދާޅުވެފައި ވަނީ ބައެއް ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްގައި މަކަރާއި ހީލަތް ހަދާކަން ފާހަގަކުރެއްވޭ ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ބައެއް ރިސޯޓްތަކުގެ ބީޕީޓީ ބަޔާނުގައި އެއް ޕަސެންޓް ވެސް ފައިދާނުވާ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް މިއީ ގަބޫލުކުރަން އުނދަގޫ ކަމެކެވެ.

ޓުއަރިޒަމްގެ ދާއިރާ އިން ރާއްޖެ ވަންނަ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މަސްލަހަތު ހިމެނޭ ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ މާކެޓްގައި ހުރި އަގުތަކާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ދައުލަތަށް އާމްދަނީ ނުވަނުމެވެ. މިސާލަކަށް ބައިނަލްއަގުވާމީ މާކެޓްގައި ރެއަކަށް 2،000-4،000 ޑޮލަރަށް ވިއްކާ ލަގްޒަރީ ކޮޓަރިތަކުން ޓެކްސްގެ ގޮތުގައި އެއާ ގާތްކުރާ މިންވަރަށް ވެސް ދައުލަތަށް ޓެކްސް ލިބިފައި ނުވާ މައްސަލަ ފާހަގަކޮށްލެވެއެވެ.

ޓުއަރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވަމުން އަންނަ ބޭފުޅަކު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓްގައި ރާއްޖޭގެ ރިސޯޓްތައް ހުރި އަގާ އަޅާބަލާއިރު ދައުލަތަށް ޓެކްސް ލިބޭ މިންވަރު މަދުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ އެތެރޭގައި ވަކި ރޭޓެއް ގެންގުޅުން ކަމަށެވެ. އަދި ސަރުކާރަށް ޓޫރިޒަމް އިންޑަސްޓްރީގެ ހަމައަގުން ލިބެންޖެހޭ ބޮޑުބައެއް މިހާރުވެސް ނުލިބޭކަން ފާހަގަ ކުރެއްވިއެވެ.

“ގިނަ ރިސޯޓްތައް ބޭރުގައި މި ވަނީ ކޮންމެވެސް ބޮޑު އޭޖެންޓެއް މެދުވެރިކޮށް އެޖެންޓަށް ރޫމް މި ވިއްކަނީ ވަރަށް ކުޑަ ރޭޓެއްގައި. ޓެކްސް މި ނަގަނީ އެ ރޭޓުން. މިސާލަކަށް ބޭރު މާކެޓްގައި އެޖެންޓް އެއް ހާސް ޑޮލަރަށް ވިއްކާ ކޮޓަރި ރިސޯޓުން އެގްރީމެންޓް މިހަދަނީ ތިންސަތޭކަ ޑޮލަރަށް. ޓެކްސް މި ނަގަނީ ތިންސަތޭކަ ޑޮލަރުން. އެހެންވީމާ ދައުލަތަށް ލިބޭ މިންވަރު މަދުވާނެ ނޫންތޯ؟” އޭނާ ވިދާޅުވިއެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

މިވަގުތު ގާނޫނާއި ގަވާއިދުތައް އޮތްގޮތުން ޓެކްސްގެ އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސް ނެގުމުގައި ބުރަވަނީ ރިސޯޓަކުން ނުވަތަ ވިޔަފާރިއަކުން ހުށަހަޅާ އަގެއްގެ މައްޗަށެވެ. ނަމަވެސް މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް މީރާ އިން ވެސް ގަބޫލުކުރެއެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުން މި މައްސަލަ އަށް އޮތް ހައްލަކީ މާކެޓް ވެލިއު ކަނޑައެޅުމެވެ. ނުވަތަ ކަސްޓަމްސް ފަދަ ތަންތަނުގައި އަމަލުކުރާ ގޮތަކަށް މާކެޓްގައި ހުންނަ އަގަށް ނުވަތަ އެކަށިގެންވާ އަގެއް ކަނޑައެޅިފައި އޮތުމެވެ. ރާއްޖޭގެ ރިސޯޓްތަކުގައި ކޮޓަރި ވިއްކާ އަގުތައް ވެސް މި ގޮތުން ކަނޑައެޅިދާނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

“ރިސޯޓްތައް މި ހުންނަނީ ފަންތިކުރެވިފައި. އަގުތައް ކަނޑައެޅުމުގައި އެކަމަށް ބިނާކޮށް ރޭންޖްތަކެއް ކަނޑައެޅިދާނެ. މިސާލަކަށް ހަތަރު ތަރީގެ ހޮޓަލެއް ނަމަ ރޫމް ވިއްކާނެ ރޭޓްތަކެއް ކަނޑައެޅިދާނެ. ނޫނީ ވަސީލަތްތައް ހުނަން މިންވަރާއި، މިސާލަކަށް ކޮޓަރިއާ އެކު ސްވިމިންޕޫލް ނޫނީ ވޯޓާ ވިލާގައި ހުންނަ ވަސީލްތައް ފުރިހަމަ ވެފައި ހުރުން. އަދި އޭގެ ފެންވަރުގެ މައްޗަށް ބިނާކޮށް ރޭންޖްތަކެއް ކަނޑައެޅިދާނެ. ނަމަވެސް އެ އަގު ވާންޖެހޭނީ ގަބޫލުކުރެވޭ އަދި ރަނގަޅު ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ އަގުތަކަކަށް،” ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ބައެއް ފަރާތްތަކަށް ގަބޫލުކުރަން ދަތި ކަމަކަށް ވެސް ވެދާނެ ކަމަށެވެ. އެ ގޮތުން ދައުލަތުން މާކެޓް ޕްރައިސް ކޮންޓްރޯލްކުރުމަކީ ޓުއަރިޒަމް ދާއިރާގެ ބޭފުޅުން އެހާ ގަޔާވާނެ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ޓެކްސް އަށް މަކަރު ހެދުން ހުއްޓުވުމަށް ރަނގަޅު ނިޒާމެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ވެސް އަމާޒަކީ ކެޕިޓަލް ކޮންޓްރޯލެއް ނެތި އެ ކަމަށް ހައްލެއް ހޯދުމެވެ.

ޓެކްސް އަށް އޮޅުވާލުމުގެ އަނެއް އުކުޅެއްގެ ގޮތުން ބައެއް ފަރާތްތަކުން ރާއްޖޭގެ މާލީ ނިޒާމުގެ ބޭރުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ވެސް ފާހަގަކޮށްލެވޭ ބޮޑު މައްސަލައެކެވެ. މަޖިލީހުގައި ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ޓުއަރިޒަމް ދާއިރާ އަށް ވަންނަ ފައިސާ ރާއްޖޭގެ އެއްވެސް ބޭންކަކަށް ނުވަތަ ބޭކިން ނިޒާމުގެ ތެރެއަށް ނުވަންނަ މައްސަލަ ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އަށް ވަންނަ ޑޮލަރުން ޓެކްސްގެ ގޮތުގައި ހަމައަގު ނުލިބުމާއި ރާއްޖެ އަށް ވަންނަންޖެހޭ މިންވަރަށް ޑޮލަރު ނުވަންނަ މައްސަލައަށް އަވަސް ހައްލެއް ބޭނުވެއެވެ. ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ބާރު މިހާރު ފެންނަ މިންވަރަށް ވުރެ ބޮޑުކަން އެންމެން ވެސް ގަބޫލުކުރެއެވެ. އެކަންކުރެވޭނީ ދައުލަތަށް ވަންނަ ޓެކްސް އިތުރު ވާނެ ގޮތަކަށް ނިޒާމުތައް ބައްޓަންކުރެވި މަކަރު ހެދުމަށް އޮތް ބާގަނޑު ބައްދައިގެންނެވެ. ރިސޯޓްތަކުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމަށް ނުވަދެ ބޭރުގެ ގައުމުތަކުގެ ބޭންކްތަކަށް ޖަމާވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދިގެންނެވެ. ޓިޖީއެސްޓީ ދެގުނަޔަށް ބޮޑުކުރިއަސް މިކަންކަން ހައްލުނުކޮށް ލިބޭނެ މާބޮޑު ފައިދާއެއް އޮތްކަމަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި މަކަރު ހެދުން އިންތިހާއަށް ބޮޑުވެ ލިބޭ ޓެކްސް މަދުވުން މާގާތެވެ..

ރިއެކްޝަންސް
0
0
0
0
0
0
0