ރިޕޯޓު: ސަލާމަތްވާން އޮތީ ހަރަދު ކުޑަކޮށްގެން!

7 ޖުލައި 2022 - 15:23

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދު ކަމަށްވާ އެމެރިކާގެ އިންފްލޭޝަން ރޭޓް މިހާރު ހުރީ 8.6 ޕަސެންޓްގައެވެ. މިއީ 1981 ވަނަ އަހަރަށް ފަހު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެނީއެވެ. ހަކަތައިގެ ބާވަތްތަކުގެ އަގު 34.6 ޕަސެންޓް އުފުލިއްޖެއެވެ. މިއީ 2005 އަށް ފަހު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. ތެލުގެ އަގު އެކަނި ބަލައިލިޔަސް 106 ޕަސެންޓް މަތިވެއްޖެއެވެ.

މިއީ ހަމައެކަނި އެމެރިކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ރަޝިޔާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތާއި ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުގެ ހާލަތަކީ ވެސް މިއީ އެވެ. ދުނިޔޭގެ ސަޕްލައި ޗެއިން އަށް ބުރޫއަރައި ތަކެތީގެ އަގު އިންތިހާ އަށް އުފުލެނީއެވެ. މީގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް އެބަކުރެއެވެ. މި އޮއިވަރުން އެއްވެސް ބަޔަކަށް ސަލާމަތެއް ނެތެވެ. ނަމަވެސް ސަލާމަތުގެ އައްސޭރި އޮތީ އެ ގައުމެއްގެ ސަރުކާރަކުން އަޅާ ފިޔަވަޅުތަކެއްގެ މައްޗަށެވެ. ރާއްޖެ އަށް ވެސް އޮތީ މި މަގެވެ.

advertisement

ކޮވިޑްގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ހީނަރުކަމެއް އައެވެ. ނަމަވެސް ސަރަހައްދީ ގައުމުތަކަށް ވުރެ އަވަހަށް ރާއްޖޭގެ އިގްތިސާދު ކުރިއަރަން ފެށިއެވެ. އަދި މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ހަލުވި ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ. ނަމަވެސް އަހަރު ފެށުމާ އެކު ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ އާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވާން ފެށި މައްސަލަތަކާ އެކު ރާއްޖެ އަށް ވެސް މި ވަނީ އިގްތިސާދީ ހީނަރުކަމަކާ ކުރިމަތިލާންޖެހިފައެވެ. ލިބޭ އާމްދަނީ އިތުރުވަމުން އައި ނަމަވެސް ހޭދަތައް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ހަކަތަކައިގެ ބާވަތްތަކާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހޭދަ ވަނީ އިންތިހާ އާށް ބޮޑުވެފައެވެ. ބާޒާރުގައި ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ދަނީ އުފުލެމުންނެވެ.

ފެންނަނީ ހަރަދުތައް ކުޑަކުރުމަށް ވުރެ ސަރުކާރަށް ވަންނަ އާމްދަނީ ބޮޑު ކުރަން އުޅޭތަން

މިކަންކަން މެދުވެރިވަނީ ރާއްޖެއިން ކުރާ ކަމަކުން ނޫނެވެ. މިއީ މުޅި ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް މި ހާލަތުން ލިބޭ ގެއްލުން ކުޑަކުރުމާއި ހާލަތުން އަރައިގަތުމުގެ ލަގަން އަދިވެސް އޮތީ ދިވެހިންގެ އަތުގައެވެ. ނުވަތަ ސަރުކާރުގެ އަތުގައެވެ. ކުރަންޖެހޭ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ. ނަމަވެސް ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަށް ވުރެ ބޮޑަށް ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ވިސްނުން އިސްކުރާކަން ފާހަގަކުރެވެއެވެ. ނުވަތަ ކުރަންޖެހެނީ ކޮންކަމެއްކަން ނޭނގިގެން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި މިކަމުގައި ސަރުކާރުގެ ނިޔަތާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ސަބަބުތައް ގިނައެވެ.

އިގްތިސާދީ މި ހާލަތަކީ ނޭނގި ތިއްބާ ކުރިމަތިވި ކަމެއް ނޫނެވެ. ރަސްމީކޮށް ވިޔަސް ނުރަސްމީކޮށް ވިޔަސް ބައިނަލްއަގުވާމީ އިދާރާތަކުން ދިޔައީ މި އިންޒާރުތައް ދެމުންނެވެ. ނަމަވެސް މީގެ ދެ މަހެއްހާ ދުވަސްކުރިން ސަރުކާރުން ވަނީ ދައުލަތަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އުނިވާނެ ފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައެވެ.

ޓުއަރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުން ނަގާ ބިމު ކުލި ކުޑަކުރަން ހުށަހެޅި އިރު ވެސް ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރަށް ހޭދަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވަމުން އަންނަކަން އެނގެއެވެ. އެކަމުގެ އިންޒާރުތައް ދިޔައީ ދެމުންނެވެ. ނަމަވެސް އެފަދަ ނިންމުމެއް ސަރުކާރުން ނިންމީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެއެވެ. ފާޑުކިޔުންތަކާ އެކު އެ ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ އާމްދަނީ ދަށްވާ ފަދަ ގާނޫނީ އިސްލާހެއް ގެނައުމަށް މަސައްކަތް ކުރީ ކީއްވެބާއެވެ؟

ޓުއަރިޒަމް ސެކްޓާ އިން ލިބެން އޮތް 600 މިލިއަނެއްހާ ރުފިޔާ ދޫކޮށްލަން މޭ މަހުގެ ފަހުކޮޅު ސަރުކާރުން ތައްޔާރަށް އޮތް ނަމަވެސް ޖުލައި ފެށުމާ އެކު އެ ވިސްނުމާ ސީދާ ދެކޮޅަށް ޓުއަރިޒަމް ދާއިރާއިންނާއި އާންމުން އަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ސަރުކާރުން ވަނީ ވިސްނާފައެވެ. އެ ގޮތުން ޖީއޭސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އިތުރުކުރުމާއި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އިތުރުކުރަން ވަނީ މަސައްކަތް ފަށައިފައެވެ.

ސަރުކާރުގެ މި ނިންމުންތަކުން އިގްތިސާދު މެނޭޖްކުރުމުގެ ސިޔާސަތަކީ ކޮބައިކަން ވަނީ އޮޅޭ ގޮތް ވެފައެވެ. އެއްފަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ދޫކޮށްލުމަކުން މައްސަލައެއް ނެތް ކަމަށް ބަލާއިރު އޭގެ މަހެއް ފަހުން އާންމު ރައްޔިތުންނަށް ބުރަ ބޮޑުވާނެ ގޮތަށް ކަންކަން ބަދަލުކުރަން ނިންމަނީ ކޮން ވިސްނުމެއްގައިބާއެވެ؟

އަނެއްކޮޅުން އިގްތިސާދީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރައްޔިތުންނަށް ބުރަ ބޮޑުވާނެ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވިސްނަންވީ ދަނޑިވަޅެއް ނޫނެވެ. ސަރުކާރަށް ކުރިމަތިވާ އިގްތިސާދީ ހީނަރުކަން ރައްޔިތުންނާއި ޓުއަރިޒަމް ދާއިރާ އަށް ވެސް ދަނީ ކުރިމަތިވަމުންނެވެ. އާންމު ރައްޔިތު މީހާ ކުރަންޖެހޭ ހަރަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ވެސް އެ ދަތި އެބަ އޮތެވެ. އެހެންކަމުން ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވާތީ އެތަން ފޫބައްދަން އަނެއްކާ ވެސް އާންމު ރައްޔިތު މީހާ ފެލުމަކީ ރިހޭ ފައި މައްޗަށް ފޮއިވެއްޓުން ކަހަލަ ކަމެކެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރާތަނެއް ނުފެނޭ

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނި ނަމަވެސް އެތަނެއް ނުފެނެއެވެ. އާ މަގާމްތައް އުފެއްދުން ހުއްޓާލުމާއި އިތުރު ގަޑީގެ ފައިސާ ހަރަދު ނުވާނެ ގޮތަށް މަސައްކަތްތައް ރޭވުމާއި އޮފީސްތަކުގެ ހަރަދުތައް ކުޑަކުރުމަށް ސާކިއުލާއެއް ނެރުމަކުން އޭގެ ނިޔަތް ސާފު ކަމަކަށް ބުނެވޭކަށް ނެތެވެ.

ހަރަދުތައް ކުޑަކުރެވެން އޮތީ މުޅި ދައުލަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސިޔާސީ މަގާމުތައް ވެސް މަދުކުރަންޖެހެއެވެ. ކޮންޓްރޯލްކުރަންވީ ހަމައެކަނި ސިވިލް ސާވިސް އޮފީސްތަކެއް ނޫނެވެ. ސަރުކާރުގެ ބާރު ފޯރާ ކުންފުނިތަކުން ކުރާ ހޭދަތައް ވެސް މަޑުޖައްސާލަންޖެހެއެވެ. ކައުންސިލްތަކުން ވެސް އެކަން ކުރަންޖެހެއެވެ. އީދު ފާހަގަކުރަން ކުރާ ހަރަދުތައް މަޑުޖައްސާލުމަކީ ކުރެވިދާނެ ކަމެކެވެ. ސަރުކާރުގެ ވެރިން އަދި ސިޔާސީ ފަރާތްތައް ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކުރާ ދަތުރުތައް ވެސް މި ވަގުތަށް ހުއްޓާލަންޖެހެއެވެ. ތަންތަން ހުޅުވުމަށް ބާއްވާ ހަރަދު ބޮޑު ރަސްމިއްޔާތުތަކާއި އެ ނޫން ވެސް ހަފުލާތައް ވެސް މި ވަގުތަށް ހުއްޓަލަންޖެހެއެވެ.

ނަމަވެސް ގިނަ ފަރާތްތަކުން ދެކޭ ގޮތުން ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު އިގްތިސާދު މެނޭޖްކުރުމުގައި ސަރުކާރުގެ ނިޔަތް އެހާ ސާފެއް ނޫނެވެ. އެއްކޮޅުން ހަރަދު ކުޑަކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް ހަފުލާތައް ވެސް ބާއްވަނީއެވެ. ސަރުކާރުގެ ވެރިން ބޭރު ގައުމުތަކަށް ދަތުރުތައް ވެސް ކުރަނީއެވެ. ސިޔާސީ މަގާމުތަކަށް ވެސް ހުއްޓުމެއް ނެތެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސް ބޭކާރު އެތައް ހަރަދެއް އެބަ ކުރެއެވެ. އާހިރުގައި އޭގެ އަސަރު ކުރާނީ ސަރުކާރަށް ލިބޭ އާމްދަނީއަށެވެ.

ހަރަދުތައް ކުޑަކުރުމުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކޭ އިރު ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމަކީ ބޭއިންސާފެކެވެ. ސަރުކާރުން ކުރާ ހޭދަތައް ފޫބައްދަން ރައްޔިތުން ފެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިހުލާސްތެރިކަމެއް ހުރި ނަމަ، ހަރަދުތައް ކުޑަކޮށްގެން އެބައި ފޫބައްދަންވީއެވެ. އެމެރިކާ އާއި ޔޫރަޕާއި އޭޝިޔާގެ ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް  ސަލާމަތުގެ އައްސޭރިއަށް ވާސިލްވާން އޮތީ ހަރަދުތައް ކުޑަކޮށްގެންނެވެ. ލިބޭ އާމްދަނީއަކުން ދެކޮޅު ޖެއްސޭނެ ދުވަހެއް ހޯދިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0