ފުރާވަރުގެ ކުދިން ޑައިޓްކުރުމުގައި މިކަންކަމަށް ސަމާލުވޭ

13 ޖުލައި 2022 - 9:50

މީހާ ހުންނަ ސައިޒަށް ވަރަށް ގިނަފަހަރު ޖަޖް ކުރެވޭ ފަހަރު އާދެއެވެ. އަހަރެމެންގެ ހަށިގަނޑު ހުންނަ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވަރަށް ގިނަ ފަހަރު އަޑުއިވެއެވެ. މެގަޒިންތަކާއި، ސޯސަލް މީޑިއާއާއި، ފިލްމުތަކާއި، ޓީވީއާއި ޕޯސްޓަރުތަކުގެ އިތުރުން އާއިލާ ތެރާގައިވެސް ކުދިންގެ ސައިޒަށް ވާހަކަދެކެވޭ ފަހަރު އާދެއެވެ.

މުޖްތަމައު ގަބޫލުކުރާ ގޮތުގައި “ޕާފެކްޓް ފިގަރ” އަކީ ހިކިކޮށް ތިބޭ މީހުންނެވެ. ފަލަކޮށް ހުންނަނަމަ މުޖްތަމައުގައި ދިމާކުރުންތައްވެސް އަމާޒުވާ ފަހަރު އާދެއެވެ. ނަމަވެސް ކާމިޔާބު މީހަކަށް ވުމަށް ހަށިގަނޑު ވަކި ސައިޒަކަށް ހުންނާކަށް ނުޖެހެއެވެ.

advertisement

ޕާފެކްޓް ބޮޑީގެ ވާހަކަ ދައްކާއިރު ބަރުދަން ލުއިކޮށް ހަށިގަނޑަށް ބަދަލު ގެންނަން މީހުން ބުނެއެވެ. އަދި ޑައިޓްކޮށް މަދުން ކެއުމަށް ނުވަތަ ކެއުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ބުނެއެވެ.

ފުރާވަރުގެ ކުދިންނާއި ޑައިޓްކުރުން:

 • ފުރާވަރުގެ ކޮންމެ 2 އަންހެން ކުއްޖަކުން 1 އަންހެން ކުއްޖަކު އަދި ކޮންމެ 4 ފިރެހެން ކުއްޖަކުން 1 ފިރެހެން ކުއްޖަކު އެކުދިންގެ ހަށިގަނޑު ހުންނަ ސައިޒް ބަދަލުކުރުމަށް ޑައިޓްކުރެއެވެ.
 • ހަށިގަނޑުގެ ބަރުދަން އުމުރާއި އެއްވަރަށް ރަނގަޅަށް ހުރިނަމަވެސް ކޮންމެ 3 އަންހެން ކުއްޖަކުން 1 އަންހެން ކުއްޖަކު އެކުދިންގެ ބަރުދަން ބަދަލުކުރުމަށް ޑައެޓް ކުރެއެވެ.
 • ފުރާވަރުގެ ކުދިން ޑައިޓްކުރުމުގެ ސަބަބުން އީޓީން ޑިސްއޯޑަރ ނުވަތަ ނުކެވުމުގެ މައްސަަލަތަކާއި ކުރިމަތިލާންޖެހެއެވެ.

ފުރާވަރުގެ ކުދިންގެ ތެރެއިން ޑައިޓް ކުރާ ކުދިންނާއި ޑައިޓް ނުކުރާ ކުދިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ތަފާތެއް ހުރިކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ޑައިޓްކުރާ ކުދިންގެ ކިބައިން މިކަންކަން ވަނީ ފެނިފައެވެ.

 • ބޮޑުވުމަށްފަހު ބަރުދަން އިތުރުވުމަށް މަގުފަހިވުން
 • ބަރުދަނާއި މެދު ހިތްހަމަނުޖެހުން
 • ފަލަ ނޫންނަމަވެސް ފަލަކަމަށް ހިތައްއެރުން
 • އަމިއްލަ ނަފްސާއިމެދު އޮންނަ އިތުބާރާއި ޔަޤީންކަން ކުޑަވުން
 • އާއިލާއާއި ރަހުމަތްތެރިންނާއި ސްކޫލާއި އޮންނަ ގުޅުން ކުޑަވުން
 • ދިރިއުޅުމުގައި އެމީހުންގެ ކޮންޓްރޯލެއް ނެތްކަމުގެ އިހްސާސް ވުން
 • ބަރުދަނާއި ބެހޭގޮތުން އަޅާކިޔާ މައިންބަފައިން ތިބުން

ޑައިޓްކުރުމުގެ ސަބަބުން ކުއްޖާއަށް އެހެނިހެން ބަދަލުތައްވެސް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން:

 • އަބަދު ބަނޑުހައިވެފައި ހުރުން
 • ކަންކަމަށް ސަމާލުކަން ނުދެވުން އަދި އަބަދު ވަރުބަލިވެފައި ހުރުން
 • ދެރަވެ އެއްވެސް މޯޓިވޭޝަނެއް ނެތުން
 • އަވަސްއަވަހަށް ބަލިވުން

ގިނަ ފުރާވަރުގެ ކުދިން ޑައިޓްކުރުމުގެ ވާހަކަދައްކާ މިއީ ކަންބޮޑުވާންޖެހޭ ކަމެެއްތަ؟

މިހާރަކަށްއައިސް ފުރާވަރުގެ ކުދިން އެކުދިންގެ ހަށިގަނޑުގެ ސައިޒާއިމެދު ހިތްހަމަނުޖެހި ވަރަށް ގިނަ ކުދިން ޑައިޓްކުރެއެވެ. ނަމަވެސް ޑައިޓްކުރުމަކީ ސިއްހީގޮތުން ފުރާވަރުގެ ކުދިންނަށް އެހާ ރަނގަޅު ކަމެއްނޫނެވެ. އޭގެ ބަދަލުގައި ބަލަންވީ ހަށިގަނޑު އެއްވަރެއްގައި ހިފެހެއްޓުމަށް ރަނގަޅު ކާނާ ކެއުމަށެވެ. އެއިރުން އުފާވެރިކަންވެސް ލިބޭނެއެވެ. ރަނގަޅު ކާނާ ކެއުމުގައި ބެލިދާނެ ކަންކަން:

 • ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭތޯ ބެލުން
 • ކޮންމެ ދުވަހަކުވެސް ހެނދުނާއި މެންދުރު ކެއުން
 • ބަނޑުހައިވުމުން ކެއުން އަދި ބަނޑު ބޮޑުވުމުން ކެއުން ހުއްޓާލުން
 • ސޮފްޓް ޑްރިންގެ ބަދަލުގައި ފެން ބުއިން
 • ފައިބަރ ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރުން
 • ބޭރުން ކާއިރުވެސް ބަނޑު ފުރުމުން ކެއުން ހުއްޓާލުން. ރެސްޓޯރަންޓް ތަކުގައި ގެންނަ ކެއުންތަކަކީ އާންމުކޮށް އެއްފަހަރާ ހުސްކުރެވޭ ވަރަށްވުރެ ގިނައިން ހުންނަ ކެއުންތަކެކެވެ.
 • ދެރަވެ ފޫހިވުމުން ކެއުން އާދައަކަށް ނެހެދުން
ރިއެކްޝަންސް
0
1
0
0
0
0
0