ފިރެހެނެއްގެ އަގު ވަޒަންކުރާ މީޒާނަކީ ފައިސާތަ؟

14 ޖުލައި 2022 - 10:14

ފައިސާއަކީ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެކެވެ. ޙާއްސަކޮށް މި ޒަމާނުގައި ފައިސާ ނެތްނަމަ ވަރަށް ގިނަ ކަންތައްތަކަށް ދަތިވެއެވެ. ޒަރޫރީ ގިނަ ކަންކަން ފުއްދުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

މިކަން މިފަހުން އެންމެ ގިނަ މީހުންނަށް ތަޖުރިބާ ކުރެވުނު ހާލަތަކަށް ކޯވިޑް19 ގެ ހާލަތު ވާނެއެވެ. ކޯވިޑާއި ގުޅިގެން މުޅި ދުނިޔެ ހުއްޓި މީހުން ވަޒީފާތަކުން ވަކިކޮށް އަދި އަނެއްބަޔަކު ނޯޕޭގައި ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމުން މިކަން ގިނަ ބަޔަކަށް ވަޒަންކުރެވުނެވެ.

advertisement

އެހެންނަމަވެސް ދިރިއުޅުމުގައި ހަމައެކަނި އެއްޗަކީ ފައިސާއެއްވެސް ނޫނެވެ. އެކަން އެހެން އޮތްނަމަ ފައިސާހުރި އަތްމަތި ތަނަވަސް މީހުން އުޅޭނީ އުފަލުގައެވެ. އަދި އެމީހުންގެ ދިރިއުޅުމުގައި ވިސްނާ ފިކުރު ކުރަންޖެހޭނެ އެހެން ކަމެއް ނޯންނާނެއެވެ. ނަމަވެސް ކަންވެގެންދަނީ މިފަދައަކުން ނޫނެވެ.

އާއިލާގެ ޙާރަދުތައް ބަލަހައްޓާ އިސްމީހަކީ ފިރިމީހާއެވެ. ފައިސާ ހޯދުމުގެ ޒިންމާވެސް ގިނަ ފަހަރު އެޅިފައި އޮންނަނީ ފިރެހެން މީހާގެ ބޮލުގައެވެ. އެހެންކަމުން ގިނަ ފަހަރު ފިރެހެނެއްގެ އަގު ވަޒަންކުރާ މީޒާނަކަށް ފައިސާ ވާފަހަރުވެސް އާދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މީހަކު ސޯސިއަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުރަމުންއައި މަސައްކަތް ހުއްޓި ފައިސާ ލިބުން ދަތިވެއްޖެނަމަ ފިރެހެނެއްގެ އަގެއް އަނބިންނަށް ނޯންނަކަމަށެވެ. ބަފައެއްގެ އަގެއް ދަރިންނަކަށް ނޯންނަކަމަށެވެ. އަދި އެކުވެރިއެއްގެ އަގެއް ރަހުމަތްތެރިންނަށް ނޯންނަކަމަށެވެ.

މިއީ ވަރަށްވެސް ބޮޑު ހަޤީގަތެކެވެ. ފައިސާ ނެތްނަމަ އެ ފިރެހެނަކީ ބާކީވެފައިވާ އެއްވެސް އަގެއްނެތް މީހެއްކަމަށް އާއިލާ ތެރޭގައާއި އަދި މުޖްތަމައުގައިވެސް ދެކެއެވެ. އެއީ އަދި އެހެންގޮތްގޮތުން ކިތަންމެ ރަނގަޅު ފިރެހެނެއްކަމުގައިވީނަމަވެސްއެވެ.

މި ކަންބޮޑުވުން ފާޅުކުރި މީހާ އިތުރަށް ބުނެފައިވަނީ ފިރެހެނެއްގެ އަގު މިނެކިރުން ބިނާވެފައިމިވަނީ އޭނާއަށް ލިބޭ ފައިސާގެ މައްޗަށް ކަމަށެވެ. ހުއްދަނޫން ވިޔަފާރިއެއް ކޮށްގެން ނަމަވެސް އިންތިހާއަށް ފައިސާ ލިބޭނަމަ އެފިރެހެނަކީ އަގުހުރި މީހެއްކަމަށްވެގެންދާކަމަށެވެ. މަންމައަކުވެސް އަދި އަތްބަކުވެސް މިފަދަ ކަންކަމަށް މިހާރު ޝަކުވާ ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

މިއީހަމަ ހަޤީގަތުގައިވެސް ވަރަށް ތެދުހުރި ވާހަކައެކެވެ. މިހާރަކަށް އައިސް ހުއްދަ ނޫން ގޮތްގޮތައް ފައިސާ ހޯދާ މުއްސަނދިވެފައިވާ މީހުން ވަރަށް ގިނައެވެ. އެމީހުންގެ އަނބިންވެސް އެއީ އެމީހުން ކިހިނެތް ހޯދި ލާރިއެއްތޯ ނާހައެވެ. އަދި އިނގުނު ނަމަވެސް އަޅައެެއް ނުލައެވެ.

އިސްލާމް ދީން ބާރުއަޅަނީ ހަލާލުގޮތުގައި ފައިސާ ހޯދުމަށެވެ. އަދި ތިމާގެ އަނބިދަރިންނަށް ހަލާލު ފައިސާއިން ކާންބޯންދިނުމަށެވެ. ހަރާމް ގޮތުގައި ހޯދާ ފައިސާއަކީ ހުއްދަ ވެގެންވާ ފައިސާއެއް ނޫނެވެ.

ރިއެކްޝަންސް
0
1
0
4
0
0
0