ދަރިން ހޯދާށޭ ބުނާއިރު، ކުދިން ވިހައިގެން ބަލައި ބޮޑު ކުރަންވީ ކޮންތާކު ތޯއެވެ؟

14 ޖުލައި 2022 - 10:47

މީގެ ދެދުވަހެއް ކުރިން އެސް.ޓީ.އޯ ގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވަނީ ރާއްޖޭގެ އާބާދީ ބޮޑު ކުރަން ޖެހޭ ކަމަށާއި، މީހުން ގިނައިން ކުދިން ހޯދަންޖެހޭ ކަމަށް ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ ޓުވީޓަކުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް ވަނީ މިކަމާއި ބެހޭ ގޮތުން މީގެކުރިން ވާހަކަ ދައްކާފައެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފައްޔާޒް ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ދާންވީ ބާރުމިނުގައި ކުރިއަށް ގެންދިޔުމަށްޓަކައި އާބާދީ ބޮޑުވާން ޖެހޭ ކަމަށެވެ. ސަރުކާރުގެ ވަޒީރުންނާއި ވިޔަފާރި ކުންފުނިތަކާ ހަވާލުވެތިބި ސިޔާސީ ފަރާތްތަކުން އާއްމު ރައްޔިތުންގެ ކިބައިން ދަރިން ގިނައިން ހޯދަން އިލްތިމާސް ކޮށް ބާރުއަޅާއިރު މިކަމާއި މެދު ޒުވާނުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މީހުން ކުދިން ނުހޯދަނީ ކީއްވެ؟

ޒުވާނުންނާއި، މެދު އުމުރުފުރައިގެ މީހުންގެ ވާހަކަތަކުން ދޭހަވަނީ އެއް ކަމެކެވެ. އެއީ އެމީހުން ތިބީ މާލީ ގޮތުންވެސް، ނަފްސާނީ ގޮތުންވެސް އަދި ދިރިއުޅޭ ތަނުގެ ޖާގައިގެ ގޮތުންވެސް ކުދިން ވިހައި ބޮޑުކުރުމަށް ތައްޔާރަށް ނޫންކަމެވެ. ދަރިން ވިހައި އާބާދީ ބޮޑު ކުރަން ސިޔާސީ ފަރާތްތަކުން ގޮވާލާ އިރު، އާއްމުންނާއި އެމީހުންގެ ނުއުފަންނަ ދަރިންނަކީ ދައުލަތުގެ ދަރަންޏަށް ޒިންމާ ނަގައި، ދައުލަތާއި ވިޔަފާރިވެރިންގެ ފީސިބިލިޓީ ދިރާސާތަކުގައި ޖަހާލާ އަދަދުތަކެއްގެ ގޮތުގައި އިހުސާސްވާ މޭރުމަކުން އެފަރާތްތަކުން ވާހަކަދެއްކުމަކީ އިންސާނާގެ ދިރިހުރުމާއި ދިރިއުޅުމަށް އެމީހުން އިހުތިރާމު ނުކުރާ ކަން ހާމަވާ ކަމެއް ކަމަށް ބުނެ ބައެއް މީހުން ހިޔާލުފާޅުކޮށްފައިވެއެވެ.

ގެދޮރުގެ ދަތިކަން އިންތިހާ އަށް އޮތް މާލޭގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން އަންނަ އިރު އެ މާހައުލަކީ ކުޑަކުދިން ބޮޑުވާން އެންމެ ރަނގަޅު މާހައުލެއް ތޯ އެވެ؟ ތޮއްޖެހިފައިވާ މާލޭގެ ކުދިކުދި ކޮޓަރިތަކުގައި ކުދިން ގެންގުޅުމަކީ އިހުމާލެކެވެ. އެއީ އަނިޔާއެކެވެ. ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ އާއިލާތަކުންވެސް ދިރިއުޅެމުން އަންނަނީ ނުހަނު ނުތަނަވަސްކަންމަތީގައެވެ. އާމްދަނީ އިންތިހާ އަށް ކުޑަވެ، ދިރިއުޅުމުގެ ހަރަދުތައް ހުއްޓުމެއް ނެތި މަތިވަމުން އަންނަ އިރު މަސައްކަތު ފަންތީގެ އާއިލާތައް ތިބީ ދަރިން ވިހައިގެން ރަނގަޅުގޮތުގައި އެދަރިން ތަރުބިއްޔަތުކޮށް ބޮޑު ކުރެވޭނެ މާހައުލެއް ފަހިކޮށްދެވޭނެ ހާލަތުގައި ނޫން ކަން ބޯހިމެނުން ފަދަ ގައުމީ ބޮޑެތި ދިރާސާތަކުން ހާމަވެއެވެ. ވީއިރު، މިފަދަ ކަންކަމަށް ފަރުވާލެއް ނެތި ކުދިން ހޯދުން ވާނީ ކުދިންނަށް ދެވޭ އަނިޔާއަކަށް ނޫންތޯއެވެ؟ މަސައްކަތު އާބާދީގެ 40 ހާހަށްވުރެ ގިނަ ޒުވާނުން ތިބީ ރިޒޯޓުތަކުގެ ވަޒީފާގައެވެ. ދަރިންނަށް ވަގުތާއި ލޮތްބާއި އަޅާލުން ދެވޭހާ ގާތުގައި ދިރިއުޅެވެން ނެތް އިރު، ސިޔާސީ މީހުން ގޮވާލާއިރަށް ހަމަ ދަރިން ވިހައި މުޖުތަމައަށް ދޫކުރަންވީތޯއެވެ؟

ދަރިމައިނުވާ ގިނަ ބަޔަކު އެބަތިބި

ދަރިމައިވުމާއި ގުޅޭ ގިނަ މައްސަލަތަކެއް ތަހައްމަލުކުރަމުން އަންނަ އަންހެނުންނާއި ފިރިހެނުން ރާއްޖޭގައި މިހާރު ވަރަށް ގިނަ ކަން ފާހަނގަ ކުރެވެއެވެ. ޅަޒުވާން އުމުރުން ފެށިގެން ހާސްކަމާއި މާޔޫސްކަމުގައި ދިރިއުޅޭ ޖީލަކަށް މި ޖީލިވެފައިވާއިރު، އަމިއްލަ ސަބަބުތަކަށްޓަކައި ކުދިން ހޯދަން ބޭނުން ނުވާ މީހުންނާއި އެއްވަރަށް ކުދިން ނުލިބިގެން އެކަމަށް ފަރުވާ ހޯދާ މީހުންވެސް ގިނައެވެ. ނަމަވެސް ރާއްޖޭގައި ފާޓިލިޓީ ކްލިނިކެއް ވެސް ނެތެވެ. ކުދިން ނުލިބުން ނުވަތަ އިންފާޓިލިޓީގެ ފަރުވާތަކަށް އާސަންދައިން ބޭސްފަރުވާ ނުލިބޭކަމީ ފާހަނގަކޮށްލަން ޖެހޭ ކަމެކެވެ.

އުމުރުން ދުވަސްވީ މީހުން އާބާދީގައި ގިނަވަނީ ރާއްޖޭގެ ކޮންމެ 100 މީހަކުން 3 މީހަކީ 65 އަހަރުން މަތީގެ މީހުންނެވެ. ޒުވާނުން މިހާރު ގިނަ ކަމުގައި ވިޔަސް މީގެ 20 އަހަރު ފަހުން ކޮންމެ 100 މީހަކުން 14 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނަށް ވާނެ ކަމަށް ޔޫއެންއެފްޕީއޭ ގެ ޕްރޮޖެކްޝަންތަކުން ދައްކައެވެ. މިއީ އިގްތިސާދަށާއި އިފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް އަސަރުކުރާނެ ކަމެކެވެ. ނަމަވެސް ސުވާލަކީ، ކޮންޒިއުމަރުން ތަކަކާއި، މަސައްކަތްތެރިން ތަކެއް އުފެއްދުމުގެ ބޭނުމުގައި މިއަދުގެ ޒުވާނުން އެމީހުންގެ ނުއުފަންނަ ދަރިން ގުރުބާންކޮށް ނިކަމެތިކަމަށް ހުށައަޅަން ޖެހޭތޯއެވެ؟ ނުވަތަ އުފާވެރި އާއިލާއެއް (ކުޑަކުދިން) ބިނާ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ގެދޮރާއި، އާމްދަނީ އާއި، ސިއްހީފަރުވާ ފަދަ ކަންކަން އެންމެނަށް ވެސް ހަމަހަމަ އަށް ފޯރުކޮށްދިނުން އަވަސް ވާންވީތޯއެވެ؟

ރިއެކްޝަންސް
1
0
0
0
0
0
0