ހަކުރު ނާޅާ ސައިބުއިމުން ލިބޭ ހިތްހަމަޖެހުން ބޮޑު

14 ޖުލައި 2022 - 14:23

އަހަރެމެންގެ ތެރޭގައި ސައިބޯމީހުން ވަރަށް ގިނައެވެ. ކޮންމެ ދުވަހަކުވެސް ސައިތައްޓެއް ބޯނުލާ ހިތްހަމަ ނުޖެހޭ މީހުންވެސް އުޅެއެވެ. އާންމުގޮތެއްގައި ގިނަ މީހުން ސައިބޮނީ ހަކުރު އަޅައިގެންނެވެ. ހަކުރަކީ ސަޔަށް އެއްވެސް ވަރަކަށް މުހިއްމު އެއްޗެއް ނޫން ކަމަށާއި ސައި ބޯންވީ ހަކުރު ނާޅައިކަން ފަހުގެ ދިރާސާއެއްގައި ވަނީ ހޯދާފައެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަނާއި ލީޑްސް ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ ސައިގެ ހަގީގީ ރަހަ ތަޖުރިބާކުރަން ބޭނުން ނަމަ ސައި ބޯން ޖެހެނީ ހަކުރު ނާޅައި ކަމަށެވެ. އަދި ސަޔަށް ހަކުރު އަޅަން ނުޖެހޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ.

advertisement

ދިރާސާ ހެދުމަށް ބޭނުންކުރި މީހުންނަށް ސައިންސްޓިންސްޓުންގެ ޓީމުން ތިން އިހުތިޔާރެއް ދިނެވެ. އެއް ގޮތަކީ ސަޔަށް ހަކުރު އަޅައިގެން ބުއިން ހަތަރު ހަފުތާ ވަންދެން އެއްކޮށް ހުއްޓައިލުމެވެ. އަނެއް ގޮތަކީ މަޑުމަޑުން ހަކުރު މަދުކުރަމުން ދިއުމެވެ. ތިން ވަނަ ގޮތަކީ ހަމަ އާދައިގެ ވަރަކަށް ހަކުރު އަޅައިގެން ސައި ބުއިމެވެ.

މި ތިން ގޮތް ތަޖުރިބާކުރި މީހުންގެ ނަތީޖާތަކަށް ރިއާޔަތްކޮށް ދިރާސާ ޓީމުން ބުނީ ގިނަ މީހުންނަށް ވަނީ ހަކުރު މަދު ކުރަމުން ގޮސް، ހަކުރު ނާޅައި ސައި ބޯން އާދަވެ، ހަކުރު އަޅައިގެން ސައި ބުއިމާ އެއްކޮށް ދުރުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ސައި ބުއިމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު ކަމަށް ދިރާސާ އިން ދެއްކި އެވެ.

އެގޮތުން ހަކުރު މަދު ކުރަމުން ގޮސް، ހަކުރު ހުއްޓައިލި މީހުންގެ ނިސްބަތް 42 ޕަސަންޓަށް އެރި އިރު، ހަކުރު އަޅައިގެން ސައި ބުއިން ކުއްލިއަކަށް ހުއްޓައިލި މީހުންގެ ނިސްބަތް ހުރީ 36 ޕަސަންޓްގަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0