ރޯގާއާއި ހުމަށް ގޭގައި ދެވޭނެ ފަރުވާތައް

17 ޖުލައި 2022 - 9:45

މޫސުމީ ގޮތެއްގައި ވަރަށް ގިނައިން އަރިދަފުސް ރޯގާ ފެތުރެއެވެ. އަދި އަރިދަފުސް ރޯގާއާއި ހުން އައުމުން ބައެއް މީހުންނަށް ވަރަށް ބޮޑުވަރުވެސްވެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް ފަރުވާއަށެވެ.

ޗިކަން ސޫޕް

މިއީ ބަލިވީމާ ބޯން އެންމެ ރަނގަޅު އެކައްޗެވެ. ހޫނު ހޫނު ސޫޕް ބޯނަމަ ނޭވާލުމުގެ ނިޒާމުގެ މަތީ ބައިގައި ހުންނަ ދަވަތައް ސާފު ވާނެ އެވެ.

advertisement

ދިޔާ އެއްޗެތި ބުއިން

ކޮންމެ ވައްތަރެއްގެ ރޯގާއެއް ޖެހުނަސް އަރިދަފުސް ރޯގާ އަކީ މީހާގެ ގައިން ފެން މަދުކޮށްލާ ބައްޔެކެވެ. އެހެންވެ ވީހާވެސް ގިނައިން ދިޔާ އެއްޗެތި ބޯން ޖެހެ އެވެ. ހާބަލް ޓީ، ފެން، މޭވާގެ ޖޫސް ރަނގަޅު ވާނެ އެވެ. ނަމަވެސް ކެފެއިން އެކުލެވޭ ބުއިންތައް ކަމަކު ނުދާނެ އެވެ.

އަރާމުކުރުން

ރޯގާ ޖެހުމުން ގިނަ ބޭސްތައް ކައިގެން އަވަހަށް ރަނގަޅުވާން މަސައްކަތް ނުކުރާށެވެ. ރޯގާ ފަސޭހަވާން ވަގުތު ބޭނުންވާނެ އެވެ. ބޭނުން ނަމަ އެނދުގައި އޮވެ އެއް ދުވަހު އަރާމު ކޮށްލިޔަސް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ.

އާވި އެރުވުން

ފެން ކައްކައިގެން އެއިން ނޭފަތަށް އާވި އެރުވުމަކީ ނޭފަތް ބެދިފައިވާ ނަމަ އަލުން ނޭފަތް ހުޅުވާލަން ވަރަށް ރަނގަޅު ގޮތެކެވެ. ނިދާ ކޮޓަރީގައި ހިއުމިޑްފަޔައެއް ބެހެއްޓުން ވެސް ރަނގަޅުވާނެ އެވެ.

ހޫނު ފެނަށް ލޮނު އަޅައިގެން ކަރު ދޮވުން

ރޯގާގެ ސަބަބުން ކަރުތެރެ ހިރުވުމާއި ރިއްސުން އަދި އެނޫންވެސް ކަރުތެރޭގައި ހުންނަ އުނދަގޫތަކަށް އެންމެ ރަނގަޅު ފަރުވާ އަކީ ހޫނުފެނަށް ލޮނުކޮޅެއް އަޅައިގެން އެ ފެނުން ގާގްލް ކުރުން ނުވަތަ ކަރުތެރެ ދޮވުމެވެ. ދުވާލަކު ދެތިން ފަހަރަކު މި ފަރުވާ ނެގިދާނެ އެވެ.

ލުނބޯ

ލުނބޮއަކީ ވިޓަމިންސީ އެކުލެވޭ އެއްޗެކެވެ. އަދި މިއީ ދިފާއީ ނިޒާމު ވަރުގަދަކުރާ އެއްޗަކަށް ވާތީ މިއީ އަރިދަފުސް ރޯގާގެ ތަފާތު ވައްތަރުތަކާ ހަނގުރާމަކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ލުނބޯހުތް ފޮދެއް ހޫނު ފެނަށް އަޅައިގެން ބޯލުމުން މޭގައި ހިފާފައި ހުންނަ ދަވަތައް ދެ އެވެ. އަދި މާމުޔާއި އިނގުރު ދިޔައިގެ ތެރެއަށް ލުނބޯހުތް ޖަހައިގެން ބޭނުންކުރުމުން ވެސް ވަރަށް ގިނަ ބަޔަކަށް ލުއި ލިބެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0