މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

18 ޖުލައި 2022 - 18:25

ރައީސުލްޖުމްހޫރިއްޔާ، ހެއްކާބެހޭ ބިލު މިއަދު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހެއްކާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/11) މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

advertisement

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލު (ޤާނޫނު ނަމްބަރު:12/2022) ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް ޢާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ ޢުމުރުފުރާތަކަށް ކަނޑައެޅޭ ގިންތިތަކަށް ފެތޭގޮތަށް ޢާންމުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް ޢާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ ޢުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭގޮތަށް ޢާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު “އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަނާ މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ތީމަކީ “މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ” އެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެން ޞިއްޙީ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާނެއެވެ.

ބ. ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެ

ބ. ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ. މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް މައުލޫމާތުދެއްވި އެވެ.

މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރ. އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ރ. އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ކޮންޓްރެކްޓަރ އެލްޓެކް މޯލްޑިވްސް އާއި މިނިސްޓްރީ ގުޅިގެން ވަނީ 30 ޖޫން 2022 އިން 02 ޖުލައި 2202 އަށް ސިސްޓަމް ޓެސްޓުކޮށްފައި ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0