ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ: ރައީސް

19 ޖުލައި 2022 - 15:28

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމެއް އެމަނިކުފާނު ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ކަސްޓަމްސްގެ އޮފިސަރުންނަށް ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަން ދެއްވީ، ރޭ ދަރުބާރުގޭގައި ބޭއްވެވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

advertisement

އަދި ކަސްޓަމްގެ މުވައްޒަފުންނަށްވެސް ހެލްތް އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަކީ މުހިއްމު ކަމެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި، އެއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަސްޓަމްސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަންވެސް ކުރެވޭނެ މަގެއް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސް އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް ކަމަށެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި، އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، އެމުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަ ކޮށްދެވިގެން ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ނޮވެންބަރު 2018އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި ކަމާއި އެއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައިގެ އިތުރުވުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ކަސްޓަމްސްގެ 6 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ޙަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މި ޙަފްލާގައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0