ރިޕޯޓު: ސަރުކާރު ކުންފުނިތަކުގެ ފްލެޓްތައް ދިނުމުގައި ބޮޑު ބޭއިންސާފެއް!

23 ޖުލައި 2022 - 9:55

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި މަޝްރޫއެއްގެ ދަށުން ސަރުކާރުގެ ގިނަ އަދަދެއްގެ ކުންފުނިތަކަކަށް ފްލެޓް އެޅުމަށް ހުޅުމާލެ ދެ ވަނަ ވިޔަވަހިން ބިން ދޫކޮށްފައި ވެއެވެ. ބައެއް ކުންފުނިތަކުން ވަރަށް ފޯރީގައި އެ މަސައްކަތްކޮށް ފްލެޓްތައް މިހާރު ހުރީ ނިމިފައެވެ. އެއްބަޔަކަށް ކިރިޔާ ފައުންޑޭޝަން އެޅުނީއެވެ. އަނެއް ބަޔަކަށް މަޝްރޫއުތައް ކަރުދާހަށް ތިރިކޮށްލެވުން ފިޔަވައި އިތުރު ކަމެއް ނުކުރެވެއެވެ. ދައްކަން މިއުޅެނީ އެ ވާހަކައެވެ. ފްލެޓްތައް ދިނުމުގައި އެކި ކުންފުނިން ގެންގުޅޭ އުސޫލްތަކުގެ ވާހަކައެވެ.

ސަރުކާރު ކުންފުނިތަކުގައި ތިބި ސިޔާސީ މަގާމުތަކުގެ ބޭފުޅުން ފްލެޓް ދެވިގެން ނުވާނެ

އެ މަޝްރޫއު އިއުލާންކުރި އިރު އޭރުގެ ސަރުކާރުން ވަކި އުސޫލެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން ފްލެޓްތައް ދިނުމަށް އުސޫލްތައް ކަނޑައެޅީ އެ ކުންފުނިތަކުންނެވެ. އެކި ކުންފުނިތަކުން އެކި ގޮތަށެވެ. އެ އުސޫލްތަކުގައި ހަމަނުޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމާއި އަދި އެއިރެއްގައި ކުންފުނިތަކުގުގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ވެސް ފްލެޓް ލިބޭ ގޮތަށް އުސޫލްތައް ހަދާފައި އޮތުމުން ގިނަ ޝަކުވާތަކެއް ފެންމަތިވިއެވެ. އަދި އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީތަކާ ބެހޭ ކޮމިޓީން ވެސް ބެލިއެވެ.

advertisement

ކޮމިޓީން ބެލި މައްސަލަތަކުގެ ތެރޭގައި އެސްޓީއޯގެ ފްލެޓްތައް ދިނުމަށް އެކުލަވައިލި އުސޫލްގައި ހުރި ކަންކަން ފާހަގަކޮށް އިސްލާހުކުރުމަށް އަންގާފައި ވެއެވެ. އެ ގޮތުން ކުންފުނީގެ ބޯޑުގެ މެންބަރުންނަށް ވެސް ފްލެޓް ލިބޭ ގޮތަށް އޮތުމާއި މާލޭގައި ގެދޮރު ހުރި މީހުންނަށާއި ކުރިން މިހާރު ވެސް އެކި މަޝްރޫއުތަކުން ފްލެޓް ލިބިފައި ހުރި ފަރާތްތަކަށް ކުންފުނީގެ ފްލެޓް ލިބޭ ގޮތަށް ނުވަތަ ކުރިމަތިލާ ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ލިބޭ ގޮތަށް އޮތުން ފާހަގަކޮށްފައި ވެއެވެ.

ފްލެޓްގެ މަސައްކަތް ފެށި ފަހުން ވެސް ސްޓެލްކޯގެ ބޯޑަށް ބަދަލުތައް އަތުވެއްޖެއެވެ. އަދި މެނޭޖިންގ ޑިރެކްޓަރުން ވެސް ތިން ފަހަރެއްގެ މަތިން ބަދަލުވެއްޖެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށް އެމްޑީކަމާއި ބޮޑުގައި ހިމެނުނު ކަމަށްޓަކައި ސްޓެލްކޯގެ ފްލެޓް ލިބިފައި ވެއެވެ. އެތައް ދުވަހެއް ވަންދެން ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނެކޭ އެއްގޮތަށް ކުޑަ ދުވަސްކޮޅަކު ސިޔާސީ މަގާމެއްގެ ގޮތުގައި އޮންނަ ބޯޑު މެންބަރުންނަށް ފްލެޓް ލިބޭ ގޮތަށް އޮތުމާއި ބިންވެރިންނަށް ލިބޭ ގޮތަށް އޮތުމުން ގިނަ ބަޔަކު އެކަމާ މެދު ޝަކުވާ ކުރިއެވެ.

ނަމަވެސް ކޮމިޓީ މަރުހަލާގައި ސްޓެލްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެފައި ވަނީ މިހާރު އޮތް ގޮތަށް އުސޫލަށް ބަދަލުތަކެއް ކުރިން ގެނެސްފައި ވަނީ ކުރިން އުސޫލް އޮތް ގޮތުން ފްލެޓްތަކަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބުމުން ކަމަށެވެ. ފަހުން އުސޫލް ބަދަލުކުރީ ވަކި ތަފާތު ކުރުމެއް ނެތި ބޯޑުގެ މެންބަރުން ވެސް ހިމެނޭހެން ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ގަނެވޭ ގޮތަށެވެ. ފަހުން އިތުރު ބަދަލެއް ނުގެނައީ އެ އުސޫލްގެ ދަށުން ފްލެޓް ގަންނަން ބޭނުންވި ފަރާތްތަކާ އެކު އެގްރީމެންޓްތަކެއް ހެދިފައިވާތީ ކަމަށާއި ބަދަލެއް ގެންނަނ ނަމަ ގާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ކުންފުންޏަށް ވެސް ބޮޑު ގެއްލުންތަކެއް ކުރިމަތިވެދާނެތީ ކަމަށް ފްލެޓެއް ބައްލަވައިގެންނެވިި މުޣުނީ ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ވަކި ވަޒީފާއެއްގައި ހުރުމުން ބޯހިޔާވަހިކަން ލިބޭނެކަމީ ބަލައިގަނެވޭނެ ކަމެއްނޫން

ސަރުކާރުގެ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އޭރުގެ ސަރުކާރުން ނިންމުމުގެ މައިގަނޑު މަގުސަދަކަށް އޮތީ ކުންފުނިތަކުގެ މުވައްޒަފުންނަށް ފަސޭހަކަމާ އެކު ބޯހިޔާވަހިކަމެއް ލިބޭނެ މަގު ތަނަވަސްކުރުމާއި ސަރުކާރުން އޭރު ހިންގި ހިޔާ މަޝްރޫއަށް އެ ފްލެޓްތަކުން ބައެއް ހޯދުމެވެ. ނަމަވެސް ފަހުން ގެނެވުނު ބަދަލުތަކާ އެކު އެ ދެ މަގުސަދު ވެސް ހާސިލްވެފައެއް ނުވެއެވެ. އެތަންތަނުން ލިބުނު އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ސަރުކާރުން ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން ބައެއް ކުންފުނިތަކުން މިހާރު ވަނީ އެ ފްލެޓްތައް ވެސް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ގަނެވޭ ގޮތަށް ބަދަލުކޮށްފައެވެ. ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލާފައެވެ. އެސްއޯއީ ކޮމިޓީގެ ބައެއް ހުށަހެޅުންތަކާ އެއްގޮތަށް މި ފަހަރު ފްލެޓް ވިއްކުމުގައި ބައެއް ކަންކަން ހިމަނާފައި ވެއެވެ. އެގޮތުން މަދުވެގެން ދެ އަހަރު ދުވަހު ކުންފުނީގައި ވަޒީފާ އަދާކޮށްފައިވުމާއި މާލޭ ސަރަހައްދުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުން ހިމަނާފައި ވެއެވެ.

ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި ކުރިން ހިމެނިވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ ކުރަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެކުލަވައިލެވޭ އެއް އުސޫލަކުން އަމަލުކުރެވޭ ގޮތަށް ކަމަށެވެ.

“އިންވެސްޓްކުރެވޭނެ ގޮތެއް އޮތް ނަމަ ކުރަންވީ. ނަމަވެސް ފްލެޓް ދޫކުރުމުގައި އެކި ކުންފުނި އެކި އުސޫލް ގެންގުޅުމަކީ ނާއިންސާފެއް. އެކަން ކުރާނަމަ ކުރަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ވެސް އެލައިންވާ ގޮތަށް ހުރިހާ ކުންފުންޏަކުން ވެސް އެއް އުސޫލަކުން. މުޅި މަޝރޫއު ގޯސްވެގެން ދިޔައީ ކުންފުނިތަކުން އަމިއްލަ އަށް އަދި ހާއްސަކޮށް އެއިރެއްގައި ތިބޭ އިސްވެރިން އަދި ބޯޑުގެ މެންބަރުންނަށް މަންފާ ލިބޭ ގޮތަށް އެކަން ކުރުމުން،” އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަނީ އެކަމުގައި ބޮޑެތި މައްސަލަތެއް ވެސް ހުރުމުންނެވެ. އެ ގޮތުން އެއް ކުންފުންޏެއްގެ ބަޔަކު އެއްތަނެއްގައި ދިރިއުޅުމުން ދިމާވާ ތަފާތު އެތައް މައްސަލަތަކާއި ކުންފުނީގައި ކުޑަ ދުވަސްކޮޅަކު އުޅުނަސް ފްލެޓް އަތުލެވޭނެ ގޮތެއް ނެތުމާއި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ވެސް ފްލެޓްތައް ލިބޭ ގޮތަށް ކަންކަން ހުރުމުންނެނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0