ރާއްޖެތެރޭގެ ރައްޔިތުން — ހުރިހާ ސަރުކާރަކަށްވެސް ދެވަނަ ދަރަޖައިގެ ރައްޔިތުން

25 ޖުލައި 2022 - 17:20

ރަނގަޅު ފެންވަރެއްގެ ސްކޫލެއް އެޅިޔަސް މާލެ ސަރަހައްދަުގައެވެ. ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އެޅިޔަސް މާލެ ސަރަހައްދުގައެެވެ. ހުރިހާ ބޮޑެތި އިޤްތިޞާދީ ހަރަކާތެއް މާލެ ސަރަހައްދުގައެވެ. ހަމައެކަނި ބުރިޖު އަޅަންވެސް 15 ބިލިއަން ރުފިޔާ ޙަރަދުކުރަމުން އެބަދެއެވެ. ސަރުކާރުގެ އޮފީހެއްވިޔަސް ސަރުކާރު ކުންފުންޏެއްގެ އޮފީހެއް ވިޔަސް މާލެ ސަރަހައްދުގައެވެ. ދާދި މިދާކަށް ޖެހެންދެން ނަރުދަމާ އާއި ބޯފެންވެސް މާލެ ސަރަހައްދަށް އޮތީ ހާއްސަވެފައެވެ.

މުޅި ރާއްޖެއިން ލިބޭ ޓެކްސް ފައިސާ މާލެ ސަރަހައްދަށް އޮއްސުމަށްފަހު، މާލެ އަތޮޅުން ހިއްކާ ކޮންމެ ފަޅެއް މާލޭގެ އެންމެ 3،000 މީހަކަށް ހާއްސަކުރުމުކީ ނަސްލީ އިމްތިޔާޒުގެ ތަފާތުކުރުން ނޫން ދެންކޮންކަމެއްތޯ އެވެ؟

advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް މާލެ ގެއްލި އިދިކޮޅުން ކާމިޔާބު ކުރުން ވެގެން ދިޔައީ ސަރުކާރަށް ހަޖަމުކުރުންދަތި ހިތި ބޭހަކަށެވެ. ކޮންމެ ގޮތަކުންވެސް ވޯޓު ހޯދުމަށް ސަރުކާރުން ނިންމި ގޮތަކީ މާލޭގެ އެންމެ 3،000 މީހަކަށް 30 ބިލިއަން ރުފިޔާއަށް ވުރެ އަގުހުރި ގޯތި އިންސާފެއްނެތި މާލެ އަތޮޅުން ހިއްކާ ކޮންމެ ބިމަކުން ހިލޭ ބަހާލުމެވެ.

މަދު ބަޔަކަށް ހިލޭ ބިން ބެހުމުން ގެދޮރުގެ ދަތިކަމެއް ހައްލެއް ނުވާނެ

ނާއިންސާފާ، ނަސްލީ އިމްތިޔާޒާއި، ދަރަޖަތަކުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދި ހެދުމަކީ، ފަހުގެ ތާރީހެއްގައި ސަރުކާރަކުން ހިންގާ ލަދުވެތި ނާތަހުޒީބު ސިޔާސީ ޖަރީމާއެއްކަމަށް މިކަމާ ދެކޮޅަށް އަޑު އުފުލާ ރައްޔިތުން ބުނެއެވެ.

މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟ ހަޤީގަތަކީ މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ އެތަށް ބަޔަކު އުޅޭކަމެވެ. މިފަދަ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯއެވެ؟

އެފަދަ ފަރާތްތަކަށް ސަރުކާރުން ހެޔޮއަގެއްގައި ފްލެޓް ދިނުމުން ބޯހިޔާވަހިކަމަށް ވަގުތުން ހައްލު ލިބިގެންދާނެކަން ޔަޤީނެވެ. ބިންދިނުމަކީ ބޯހިޔާވަހިކަމަށް ލިބޭ ހައްލަކަށް ވުރެ އަނެއްކާވެސް ގިނަ ބަޔަކު މަދު ބަޔަކަށް ކުލި ދައްކާ ބަޔަކަށް ވާން ހުޅުވިގެންދާ ދޮރެކެވެ. މަދު ބަޔަކު އެއްވެސް ކަމެއް ނުކޮށް މުއްސަނދިކޮށް ދިނުމެވެ.

ސަރުކާރުތަކުން ރާއްޖެތެރޭ މީހުންގެ އިގްތިސާދީ ކުރިއެރުމަށް އެޅި ގޮންޖެހުންތައް

ކުޑަ ސިޓީ އާއި ވާރު ޓެކްސް ދައްކައިގެން ރާއްޖެތެރޭގެ ރައްޔިތުން މާލެ އަންނަންޖެހުނީ މާކުރީ ޒަމާނަކު ނޫނެވެ. އިބްރާހިމް ނާސިރު ވެރިކަމުގައި ވާރު ޓެކްސް އުވާލުމާއި މައުމޫން ވެރިކަމުގެ 2 ދައުރު ހަމަވުމުން ކުޑަ ސިޓީ އުވާލުމާ ހަމަޔަށް ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަކީ ފަސްކުޅަދު މަދު އަޅުންގެ ގޮތުގައި ކަންކުރެވުމުގެ ނަތީޖާއަކީ މާލޭގެ ވެރިކަމާ ދެކޮޅަށް އުތުރާއި ދެކުނުގައި ހިނގި ގަޑުބަޑު ތަކެވެ.

ތިލަދުންމަތީ ބޮޑު ގަޑުބަޑާއި ދެކުނުގައި އުފެދުނު ސުވާދިވް ރިޕަބްލިކް އަކީވެސް ބޭއިންސާފާއި، ނާޖާއިޒް ޓެކްސް ތަކާއި، އިންސާނީ ކަރާމާތް ގެއްލުވާލައި ހިންގި ލާއިންސާނީ އަނިޔާއާއި ދެކޮޅަށް ތެދުވި ހަރަކާތްތަކެވެ.

ހަވަރު ތެނަދޫ

އަދި މިފަދަ ހަރަކާތްތައް ނިމުމަކަށް ގެންނަށް މާލޭގެ މައިސަރުކާރުތަކުން ހިންގި ހަނގުރާމަވެރި ޖަރީމާތަކުގެ ތެރެއިން ގދ ތިނަދޫފަދަ ރަށްތަކުގައި ރޯކޮށްލައި، ބަޑިޖަހައި މީހުން މަރައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އެތަށް ބަޔަކު މިކަމުގެ ސަބަބުން ބަލިވެ އިނދެ، ގެތަށް ލޫޓުވައި ހެދިކަން ތާރީހަކުން ނުފޮހޮވޭނެއެވެ.

1997 ގައި މިހާދިސާއާ ގުޅޭގޮތުން ދީފައިވާ ބަޔާތަކުން އެނގޭގޮތުގައި، މަސްތުވުމަށް ބޭނުންވާތަކެތި ބޮއެ އަންހެނުން ރޭޕްކޮށް ބަލިވެ ބައިންދައި ފޮށެ ހެދުމުގައި މާލެއިން ގެންދެވުނު ސިފައިންގެ އަމަލުތައް ހުރީ އިންސާނުންގެ ދަރަޖައިގައި ނޫން ކަމެވެ. އަދި މިފަދަ އެއްވެސްކަމަކަށް އެކަށީގެންވާ ތަހުގީގެއް ނުހިންގި އިންސާފު އަދިވެސް ލިބިފައިނުވާކަން ފާހަނގަކުރެވެއެވެ. ބޮޑުތިލަދުންމަތިން މިކަމާ ދެކޮޅަށް ތެދުވި ފަރާތްތަކަށް ދެވުނު ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ދައްކަން ފަށާނެ މެދެއް ކޮޅެއްވެސް ނޭނގެއެވެ.

ދީނާއި ގައުމިއްޔަތު ބޭނުންކުރަނީ އިގްތިސާދީ އަޅުވެތިކަމުގެ ތެރޭގައި ބައިތިއްބުމަށް

އިޤްތިސާދީ އަޅުވެތިކަމާއި ދެކޮޅަށް ތެދުވެ އުތުރާއި ދެކުނުގައި ހިނގާދިޔަ ގަޑުބަޑުތަކަށް ފަހު، ސަރުކާރުތަކުން ރައްޔިތުން ކޮންޓްރޯލްކުރުމަށް ބޭނުންކުރަންފެށީ ޤައުމިއްޔަތާއި، ވަތަނާއި، ދީނާ، ސަޤާފަތެވެ. ދައުލަތުގެ މީޑީއާ ނުވަތަ ރޭޑީއޯ މެދުވެރިކޮށް ޤައުމިއްޔަތު ދިރުވައި ޤައުމީލަވަ ހަދައި އެފަދަ ދުވަސްތައް އިންތިހާބޮޑުކޮށް ފާހަނގަކޮށް، އިޤްތިސާދީ ވޭނާއި ދަތިކަމުގެ ފޯކަސް މުޅިން އަނބުރާލެވުނެވެ.

ގިނަ ބަޔަކަށް ދިވެހި ޤައުމަކީ ވަސީލަތްމަދު ފަޤީރު ޤައުމެއްގެ ގޮތުގައި ވިސްނައިދީ، މިންވަރަށް އީމާންުވުމުގެ ނަމުގައި ރައްޔިތުންނަށް ލިބެންޖެހޭ އެތަށް އަސާސީ ހައްޤަކުން މަހުރޫމްކުރެވުނެވެ.

ގިނައަދަދެއްގެ ދިވެހިން އިޤްތިސާދީ އަޅުވެތިކަމެއްގެތެރޭގައި ތިއްބުމަށްޓަކައި، ސަރުކާރުގެ ވަޒީފާ ނޫން އެހެން އާމްދަނީ ލިބޭނެ ގިނަ ދޮރުތަށް ބަންދުކުރެވުނެވެ. މިގޮތުން 1984 ގައި މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ލޯކަލް ޓޫރިޒަމް މަނާކުރުން ވެގެންދިޔައީ ރަށު ޢިޤްތިސާދު މުޅިން ބަންދުކޮށްލެވުނު ދޮރަކަށެވެ. އުތުރުރާއި ދެކުނުގެ ތަރައްޤީ ހުއްޓާލައި، މާލެ ސަރައްހައްދަށް އެންމެން ޖަމާކުރުމުގެ ޜޫހެއް އުފެދިގެން ގޮސް، އައްޑޫ ސަރަހައްދުގެ އިޤްތިސާދީ ހުރިހާ ހަރާކާތެއް ހުއްޓާލެވުނެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މާލެއަަށް ހަރަދުކޮށް ރައްޔިތުން މާލެ ހިޖުރަކުރަން މަޖުބޫރުކުރެވުނު ހާލަތެއް އުފަންވެގެން ދިޔައެވެ.

އިޖްތިމާއީ މައްސަލަތައް އުފެދިގެން އައީ މަޖުބޫރީ ހިޖުރައިގެ ސަބަބުން

މަޖުބޫރީ ހިޖުރައިގެ ސަބަބުން މާލޭގައި އިޖްތިމާއީ އެތަށް މައްސަލަތަކެއް އުފެދި މިއަދު މިފެންނަ ޑްރަގުގެ ވަބާއާއި، ކުށްކުރުމާއި، ނަފްސާނީ މައްސަލަތަކާއި، އިންތިހާއަށް ފަގީރުކަން މިއީ މިކަމުގެ ހިތި ނަތީޖާއެވެ. އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު ކުލީގެ އަޅުންނަށްވެ، މަދު ބަޔަކު އިންތިހާއަށް މުއްސަދި ވެގެން ދިޔުމުގެ ނަތީޖާއަކީ، މިއަދު މިފެންނަ އިޖްތިމާއީ މައްސަލަތަކެވެ. އާއިލާތަށް ރޫޅި، ޖަލު އާބާދީ ބޮޑުވެ، ކުށްކުރުން ބޮޑުވެގެން ދިޔައީ އިއްތިފާގަކުން ނޫނެވެ. ގެދޮރުގެ ދަތިކަމާއި، ތައުލީމީ ނިޒާމުގެ ދޯހަޅިކަން އަދި ފަޤީރުންނާއި މުއްސަދިންގެ ފަރަޤުގެ ބޮޑުކަމެއް ނެތި، މިފަދަ ކަންކަން ކުރިމަތިވާނެ ހެއްޔެވެ؟ އަދި ޖަލުތޭރިއާއި ގަދަފަދަ އަދަބުދީގެން މިފަދަ އިޖްތިމާއީ މައްސަލަތަށް ހުއްޓޭނެ ހެއްޔެވެ؟

ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ، ފަގީރުކަމަކީ ރޭވިގެން ހިންގާ ސިޔާސަތުގެ ނަތީޖާކެމެވެ. ހަމައެކަނި މަދު ބައެއްގެ ބޭނުމަށް ސިޔާސަތު ހަދައި ރާވައި ހިންގުމުގެ ނަތީޖާއަކަށް ވާނީ، ޤައުމެއްގެ އިޖްތިމާއީ ފޭރަން ވީދި ފުޑުފުޑުވެގެން ދިއުމެވެ. ހަޤީޤީ މިނިވަންކަމަކީ ވިހުރޭ ދިދައަކާއި ސިޔާސީ މިނިވަންކަން ލިބުނު ދުވަހު ކުލަބޮކި ދިއްލައި ބޭންޖަހައި ދިދަ ވިހުރުވުން އެކަންޏެއް ނޫނެވެ. އިޤްތިސާދީ މިނިވަންކަން ވަކިވަކި ފަރުދުންނަށް ނުލިބި، ނަޖިސް ފެނުން ފެންވަރައި، ޑިއުޓީ ބަހައިގެން ނިދައި، ބޭސް ފަރުވާއަށް އާދޭސްކުރާ ރައްޔިތުން އުޅެންޖެހޭ ޤައުމެއްގައި އޮންނަ ސިޔާސީ މިނިވަންކަމެއް އޮތުމުގެ މާނައެއް ނެތެވެ. ރައްޔިތުން ބައިބައިކޮށް, މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންގެ މެދުގައި ފިތުނައާއި ބައިބައި އުފައްދައިގެން ސިޔާސީ މަންފާއެއް ހާސިލްކުރަން އުޅުމަށްވުރެ ވަކީން ހުތުރު ލަދުވެތިކަމެއް ކޮބައި ހެއްޔެވެ? މިއީ އަމިއްލަ ފައިދާއަށް ލިބިދާނެ ގެވަޅެއްގެ ބަދަލުގައި, މުޅި ދިވެހި ރައްޔިތުންގެ ހައްގުގައި އަޑު އުފުލައި, އެންމެނަށް ގެދޮރުގެ ދަތިކަން ފިލުވުމަށް ވަކާލާތު ކުރަންވީ ވަގުތެވެ.

ރިއެކްޝަންސް
0
3
0
0
0
0
1