ރިޕޯޓު: ސަބްސިޑީގެ ނިޒާމް — ދެ ވަނަ ވިސްނުމަކަށް ދާންޖެހޭ!

30 ޖުލައި 2022 - 13:33

ރާއްޖެއަކީ ސަބްސިޑީ ދިނުމުގައި ތަރައްގީވަމުން އަންނަ އަދި ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ގެންގުޅޭ ޔުނިވާސަލް ސަބްސިޑީ ނުވަތަ އެންމެންނަށް އެއް ހަމައެއްގައި ސަބްސިޑީ ދޭ ނިޒާމެއް އޮތް ގައުމެކެވެ. ތައުލީމާއި ސިއްހަތާއި އަދި ކާބޯތަކެއްޗާއި ތެލުގެ ސްބަސިޑީގައި ވެސް ފަގީރުންނާއި މުއްސަދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތެވެ. ޕެންޝަންގެ ނިޒާމު ވެސް ބައްޓަންކޮށްފައި ވަނީ ޔުނިވާސަލް ނިޒާމެއްގެ ތެރެއިން އެންމެންނަށް އެއް ހަމައަކުން ޕެންޝަން ލިބޭ ގޮތަށެވެ. މިއީ މެނޭޖްކުރަން ފަސޭހަ ނިޒާމެކެވެ. ނަމަވެސް މިއީ ދައުލަތަށް ބުރަ ބޮޑު ނިޒާމެކެވެ.

ރާއްޖެ ފަދަ އުފެއްދުންތެރިކަން ކުޑަ ގައުމެއްގައި މިފަދަ ނިޒާމަކަށް އަމަލުކުރާތީ ބޭރުގެ ބައެއް ތަޖުރިބާކާރުން ވަރަށް ބޮޑަށް ސުވާލު ވެސް އުފައްދައެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ރިޕޯޓްތަކުގައި ވެސް މި ނިޒާމާ ގުޅޭ ގޮތުން ވަރަށް ގިނަ ސުވާލުތައް އުފައްދާފައި ވެއެވެ.

advertisement

ސަބްސިޑީ ހައްގުވާ ފަރާތްތަކަށް އެހީ ލިބޭ ގޮތަށް ނިޒާމު ބައްޓަންކުރުމުގެ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައި ވެއެވެ. އަދި ގިނަ ކަންކަން ސަބްސިޑައިޒްކުރުމުގައި އެންމެ ފުރަތަމަ އަމަލުކުރީ ވެސް ހައްގުވާ ފަރާތްތައް ދެނެގަނެގެން އެ ފަރާތްތަކަށް އަމާޒުކޮށް ދޭ ގޮތަށެވެ. އެ ގޮތުން ސިއްހީ ނިޒާމާއި ކަރަންޓް ބިލަށް ދޭ ސަބްސިޑީ ފަދަ ކަންކަން ވެސް އޭގެ ހައްގު ވެރިންނަށް ލިބޭނެ ގޮތަށް ކުރިން އޮތެވެ. ނަމަވެސް އެއީ މެނޭޖްކުރަން އުނދަގޫ ނިޒާމަކަށް ވުމާއި އެ ނޫން ވެސް އެތައް ސަބަބުތަކަކާ ގުޅިގެން ތަފާތުކުރުމެއް ނެތި އެންމެންނަށް ވެސް އެއް ހަމައަކުން ސަބްސިޑީ ލިބޭ ގޮތަށް ސަރުކާރުން ހުރިހާ ނިޒާމެއް ބައްޓަންކުރިއެވެ.

މިއަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް ސަރުކާރުން ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ

ތެލުގެ ސަބްސިޑީ އަށް ކުރަންޖެހޭ ހޭދަ ދުވަހެއް ދުވަހަކަށް ބޮޑުވެފައިވާ ކަމަށާއި އޭގެ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އުސޫލް ބަދަލުކުރުމަށް ސަރުކާރު މަސައްކަތް ފަށާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބްކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ތެލުގެ ސަބްސިޑީ އަށް ކުރަންޖެހޭ ހަރަދު ސަރުކާރުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އެތައް ގުނައެއް އިތުރުވެއްޖެ ކަމަށާއި އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިންމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ބަޖެޓް އެކުލަވައިލި އިރު މި އަހަރު ތެލަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ހޭދަކުރަންޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 341.5 މިލިއަން ރުފިޔާއެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ އާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެ ދުނިޔޭގެ އިގްތިސާދީ ހާލަތު ހީނަރުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ތެލުގެ އަގު ހިފެހެއްޓުމަށް ކުރަންޖެހޭ ހޭދަ ވަނީ ތިން ގުނަ ބޮޑުވެފައެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް ވެސް 910 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ އިރު މި އަހަރު ނިމޭ އިރު މި އަދަދު ދެ ބިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.

ތެލުގެ ސަބްސިޑީ އިތުރުން، އެހެނިހެން ހިދުމަތްތަކަށްވެސް ހަރަދު ބޮޑުވާނެ

ހަމައެކަނި ތެލުގެ ސަބްސިޑީއެއް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އިންފްލޭޝަން ރޭޓް މައްޗަށް ދާ ނަމަ ސިއްހަތާއި ތައުލީމަށް ސަރުކާރުން ކުރާ ހޭދަ އާއި ކާބޯތަކެތީގެ އަސާސީ ބައެއް ބާވަތްތަކުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރާ ހޭދަ ވެސް އިތުރުވެގެންދާނެއެވެ. އެގޮތުން ހަނޑޫ ހަކުރު ފުށުގެ އަގު ކޮންޓްރޯލްކުރުމަށް ކުރާ ހޭދަ ވެސް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ.

އެހެންކަމުން ސަބްސިޑީ އެންމެ ހައްގުވާ ފަރާތްތަކަށް ދިނުމަށް ބައިނަލްއަގުވާމީ އިދާރާތަކުން އަބަދު ވެސް ބާރު އަޅައެވެ. އަދި ތެލުގެ ސަބްސިޑީ އަށް ގެންނަން މަސައްކަތްކުރާ ބަދަލާ ގުޅިގެން އައިއެމްއެފް އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ރާއްޖޭގައި އެންމެ ނިކަމެތި މީހާއެކޭ އެއްގޮތަށް އެންމެ މުއްސަނދި މީހާ އަށް ވެސް ހިލޭ ބޭސްފަރުވާ ކުރެވެއެވެ. އެއްވެސް ތަފާތުކުރުމެއް ނެތި ހިލޭ ތައުލީމާއި ފޮތް ފަންސޫރު ލިބެއެވެ. ފުރަތަމަ ޑިގްރީ ހިލޭ ހެދުމުގެ ފުރުސަތު އެބަ އޮތެވެ. އުމުރުން 65 އަހަރު ވުމުން ކޮންމެ މީހަކަށް ވެސް ޕެންޝަން ލިބެއެވެ. ގާސިމެއް އަފީފެއް ތަފާތުކުރުމެއް ނެތިއެވެ.

ހަނޑޫ، ހަކުރު އަދި ފުށް ވިއްކަނީ ސަރުކާރުން ކަނޑައަޅާ ރޭޓެއްގައެވެ. ބިދޭސީއެއް މުއްސަންޖެއް ތަފާތުކުރުމެއް ނެތިއެވެ. އެހެންކަމުން މިއީ އެންމެ ހަމަޖެހޭ ގޮތް ނޫން ކަމަށް އަބަދު ވެސް ވާހަކަ ދެކެވެއެވެ.

މުއްސަނދިންނާއި ފަގީރުންނަށް އެއް ހަމައެއްގައި ސަބްސިޑީ ދިނުމަކީ އިގްތިމާއީ ހަމަހަމަކަމެއް ނޫން

ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ “ފްރޮމް ޔުނިވާސަލް ޕްރައިސް ސަބްސިޑީސް ޓު މޮޑާން ސޯޝަލް އެސިސްޓެންސް: ދި ޕޮލިޓިކަލް އިކޮނޮމީ އޮފް ރިފޯމް” ރިޕޯޓްގައި ބުނެފައިވާ ގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެންމެންނަށް ހަމަހަމަ އުސޫލުން ސަބްސިޑީ ދިނުމުގެ ނިޒާމުން ލިބޭ މަންފާއާ މެދު އެތައް ސުވާލުތަކެއް އުފެދިފައި ވެއެވެ. އަދި މިފަދަ ނިޒާމެއްގެ ސަބަބުން ހަގީގަތުގައި ސަބްސިޑީގެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ނުލިބެއެވެ. މުއްސަނދިން ނުވަތަ ފޯރުންތެރިކަން ހުންނަ މީހުން އުނިކޮށް ހަމައެކަނި ފަންތިތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދިނުމުން ދައުލަތަށް އުފުލަންޖެހޭ ބުރަ ކުޑަވެ ހައްގުވެރިންނަށް ލިބޭ މިންވަރު އިތުރުކުރުމަށް ވެސް ފުރުސަތު ހުޅުވިގެންދާ ކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. 

ވަކި ފަންތިއަކަށް އަމާޒުކޮށްގެން ސަބްސިޑީ ދިނުމުގެ ނިޒާމަކީ ދައުލަތުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ނިޒާމެއް ކަމަށް ވިޔަސް ނުވަތަ ހައްގުވެރިންނަށް ލިބޭ މިންވަރު އިތުރުވާނެ ނިޒާމަކަށް ވިޔަސް މިއީ މެނޭޖްކުރުމަށް އުނދަގޫ އަދި އެޑްމިނިސްޓްރޭޓިވް ހަރަދު ބޮޑު އަދި ކޮރަޕްޝަނަށް ވެސް މަގުފަހިވާ ނިޒާމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ ގޮތުން ސަބްސިޑީ ދޭނެ ފަންތިތައް ނުވަތަ ސަބްސިޑީ ހައްގުވާ މީހުން ކަނޑައެޅުމުގައި ނުފޫޒު ބޭނުންކުރުން ފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. އަދި މިހާރު ވެސް އެފަދަ ކަންކަން ހިނގާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ގޮތުން ދާއިރާގެ މެންބަރެއް ނުވަތަ ނުފޫޒު ގަދަ ސިޔާސީ މީހުން މެދުވެރިކޮަށް އެންސްޕާ އިން އެހީ ހޯދުން ފަދަ ކަންކަމަކީ މިހާރު ވެސް ހިނގާ ކަންކަމަށް ވުމުން ކަރަންޓް ސަބްސިޑީ ދިނުމުގައި ވެސް މިފަދަ ކަމެއް ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ސަބްސިޑީ ދިނުމުގައި ހައްގުވާ ފަރާތްތަކަށް އަމާޒުކުރުމުގެ ވިސްނުމަކާ އެކު ސަރުކާރުން މަސައްކަތް ފަށާފައިވާ އިރު މީގެ ކުރިން ކަރަންޓް ބިލަށް ސަބްސިޑީ ދިނުމުގައި ވެސް ވަކި ޝަރުތުތަކެއް ހަމަވާ އަދި އެކަމަށް އެދޭ މީހުންނަށް ދިނުމުގެ ނިޒާމެއް އޮތެވެ. އެ ގޮތަށް ހެދުމުން ކަރަންޓް ސަބްސިޑީ އަށް އެދުމަށް ބޮޑެތި ކިޔުތައް ހެދުމާއި އެކަން މެނޭޖްކުރުން ސަރުކާރަށް ވީ ބޮޑު ބުރައަކަށެވެ. އެހެންކަމުން އެދެވިގެންވާ ގޮތެއްގައި އެކަން ނުކުރެވި އެންމެނަށް ވެސް ތެލުން ސަބްސިޑީ ދޭ ގޮތަށް ސަރުކާރުން ނިންމީއެވެ.

މީގެ ކުރިން ކުރެވުނު ތަޖުރިބާއާ އެކީ މި ފަހަރު ތެލުން ސަބްސިޑީ ދޭނެ ގޮތެއް އަދި ސަރުކާރުން އިއުލާންކޮށްފައެއް ނުވެއެވެ. މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އިގްތިސާދު މިހާރު އޮތް ގޮތަށް ބަލާއިރު ސަރުކާރުން އަޅަން މަޖުބޫރު ފިޔަވަޅެކެވެ. ދާއިމީ ގޮތެއްގައި ނޫން ނަމަވެސް އިގްތިސާދު ހަމައަކަށް އެޅެންދެން ހަރަދު ކުޑަކުރާނެ ގޮތްތަކެއް ހޯދަންޖެހެއެވެ. އަދި ސަބްސިޑީ ދިނުމުގައި އޭގެ އެންމެ ހައްގުވެރިން ދެނެގަނެވިއްޖެ ނަމަ ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ތަނަކުން ކުޑަވެގެންދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0