ހާޓްއެޓޭކްޖެހޭ ޒުވާނުން އިތުރުވަނީ، ސަމާލުވާންވީ ކަންކަން

30 ޖުލައި 2022 - 12:20

ހާޓް އެޓޭކަކީ މިހާރު ވަރަށް އާންމު ސިއްހީ މައްސަލައެކެވެ. ހާޓްއެޓޭކް ޖެހުމަށް މެދުވެރިވާ ސަބަބަކީ ހިތުގައިވާ މަސްތަކަށް ލޭދައުރުކުރާ މިންވަރު މަދުވުމެވެ. ހާޓްއެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، ހިތުގެ ވަކި ހިސާބަކަށް ލޭދިއުން މަދުވުމުން އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ.

ހާޓްއެޓޭކް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން ނުވަތަ ބޯ އެނބުރުން، ކަރުގައި ރިއްސުން، ހޫނުވެ ދާހިއްލުން، ނޭވާކުރުވުން އަދި މޭގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ.

advertisement

ހާޓްއެޓޭކް ޖެހޭ ގިނަ ހާލަތްތަކުގައި، މޭގެ ވައަތް ފަޅިއަށް ތަދުވާނެއެވެ. އަދި އެ ތަދު ކުޑަ ވަގުތުކޮޅަކަށް ހުރެއެވެ. ނުވަތަ ކުޑަ ވަގުތުކޮޅަކަށް ތަދުވުމަށް ފަހު، ރަނގަޅުވެ، އަނެއްކާވެސް ތަދުވާން ފަށާނެއެވެ.

ހާޓްއެޓޭކް ޖެހުމަށްފަހު ހިތަށް ގިނަގުނަ ގެއްލުންތަކެއް ލިބެއެވެ. އެގޮތުން، ހިތުގެ ވިންދު ޖެހުމަށާއި ލޭދައުރުކުރުމަށް މި ކަމުގެ ސަބަބުން އަސަރު ކުރެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހާޓް އެޓޭކަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާން ދިމާވާ އެއް މައްސަލަ އެވެ. ހިތުގެ ބަލިތަކުގައި ދުނިޔޭގެ 17 މިލިއަން މީހުން ކޮންމެ އަހަރަކު މަރުވެ އެވެ. ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ ތެރޭގައި ޒުވާނުންގެ އަދަދު އުޅެނީ ކަންބޮޑުވާންޖެހޭ ވަރަށް މަތީގައެވެ. މިކަން މިގޮތައް ދިމާވަނީ މިހާރު ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަތައް ހުންނަ ގޮތުގެ ސަބަބުންނެވެ.

ޅަ އުމުރުގައި ހާޓް އެޓޭކް ޖެހެން ދިމާވާ ސަބަބަކީ ކޮބާ؟

ދިރާސާތަކުން ދައްކާގޮތުގައި ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މައިގަނޑު ތިން ސަބަބެއްވެއެވެ. އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން، އާއިލާގައި މިފަދަ މީހުން ތިބުން، އަދި ހަގު އުމުރުގައި ހިތުގެ މައްސަލަތައް ދިމާވެފައި ހުރުން ހިމެނެއެވެ.

ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަންވެސް އެބަހުއްޓެވެ. އޭގެތެރޭގައި ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސްތަކާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަރަށް ވާދަވެރި އެހާމެ ބުރަކޮށް މަސައްކަތްކުރާ މާހައުލެއްގައި އުޅެން ޖެހުމަކީ ވެސް ސްޓްރެސް މަތިވެ ހަކުރު މައްޗަށް ދިއުމާއި ލޭ މަތިވުން އަދި ހިތުގެ މައްސަލަތައް ދިމާވުން އިތުރުވާ ކަމެކެވެ. އެހެންކަމުން ޒުވާން އުމުރުގައި ހިތުގެ މައްސަލަތައް ކުޑަކުރުމަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ބަނގުރާ ނުބުއިން އަދި ގަވައިދުން ކަސްރަތުކޮށް ހަމަނިދި ހޯދުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަންކަމެވެ.  މީގެއިތުރުން ޖަންކް ފުޑްގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުވުމަށް ޑޮކްޓަރު އިރުޝާދު ދެއްވައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0