ކޮންޓެކްޓް ލެންސްއަށް ސަމާލުނުވާނަމަ ލޮލަށް އެތައް ގެއްލުމެއް

31 ޖުލައި 2022 - 11:49

ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ފަރުވާ ކުޑަކުރެވޭތީ ލޮލަށް ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.  އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފާއިތުވި 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންޓެކްޓް ލެންސް ބޭނުންކުރާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންގެ ލޮލަށް، ލެންސް ބޭނުންކުރުމުގައި ފަރުވާ ކުޑަކުރެވިފައިވާތީ ލޮލަށް ގެއްލުންވެ ފަރުވާ ހޯދަންޖެހިފައިވާކަމަށެވެ.

ކޮންޓެކްޓް ލެންސް ބޭނުންކުރާ އެމެރިކާ މީހުންގެ ތެރޭގައި ގިނައީ ލެންސްގެ ސާފުތާހިރުކަން ފަދަ މުހިންމު ކަންކަމާ މެދު ފަރުވާ ކުޑަކުރާ މީހުންނެވެ. 1100 މީހަކު ބޭނުންކޮށްގެން ކުރި މި ދިރާސާގައި ބުނެފައިވަނީ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ވަނީ ކޯނިއާ ހަލާކުވެގެން އެކި ވަރުގެ ފަރުވާ ހޯދާފައިކަމަށެވެ. މީގެ ތެރެއިން 10 ޕަސެންޓް މީހުން ވަނީ ކޮންޓެކްޓް ލެންސްގެ ސަބަބުން ލޮލަށް ގެއްލުންވެ އިމަޖެންސީން ފަރުވާ ހޯދައިފަ އެވެ.

advertisement

ލެންސްގެ ސަބަބުން އާންމުކޮށް ކުރިމަތިވަނީ އާދައިގެ އިންފެކްޝަން ނަމަވެސް މި އިންފެކްޝަންތަކުގެ ސަބަބުން ގިނަ ދުވަހު ފަރުވާ ހޯދަންޖެހޭ މައްސަލަތައްވެސް ކުރިމަތިވާކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

ލެންސުގެ ސަބަބުން އެންމެ ގިނަ މީހުންނަށް ގެއްލުން ވެފައި ވަނީ ލެންސް ނުނަގައި ލެންސާ އެކު ނިދުމުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި ގިނައީ ވަރަށް އާދައިގެ ކަމަކުން ސަލާމަތް ވެވިދާނެ މައްސަލަތައް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0