ރާއްޖޭގެ އެއްވެސް ރަށަކުން މަދު މީހަކަށް ހިލޭ ބިންދިނުން ހުއްޓާލަންޖެހޭ

2 އޯގަސްޓް 2022 - 16:50

ދިވެހިރާއްޖޭގެ ރަށްރަށުން މަދު މީހަކަށް ނޫނީ ހިލޭ ގެދޮރު ނުދޭތާ ލައްކަ ޒަމާންވެއްޖެއެވެ. ގިނަ ރަށްރަށުގެ ހާލަތަކީ ރަށްރަށުގެ ބިންފުރި ގޯތި ގެދޮރު އިތުރަށް ބޭނުންވެފައިވާ ކަމެވެ. މިހާރު އުފެދޭ ބަހުސްއަކީ މަދު ބަޔަކަށް ހިލޭ ރަށްރަށުން ބިންދިނުމަކީ އިންސާފެއްތޯއެވެ؟

މާލޭ މީހުންގެ މައިގަނޑު ވާހަކައަކީ އަހަރެމެންގެ ރަށަކީ މާލެ ކަމުން މާލެ އަތޮޅުން ހިއްކާ ކޮންމެ ފަޅަކުން ހިލޭ ގޯތި ލިބެންޖެހޭނެ ވާހަކައެވެ. ރާއްޖެތެރޭގެ އެހެން ރަށްރަށުންވެސް އެރަށެއްގެ މީހުންނަށް ހިލޭ ގޯތި ކަނޑާދޭގޮތަށް މާލޭ މީހުންނަށް މާލެއިން ގޯތި ލިބެން ޖެހޭނެ ވާހަކައެވެ. އަދި މާލޭގެ ރައްޔިތަކަށްް ވީތީ އެރަށްރަށުން ގޯތި ނުލިބޭ ވާހަކައެވެ.

advertisement

ހަޤީޤަތަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން މާލެ މީހާއަށް ހުޅުމާލެއިން 2011 ވަނަ އަހަރު ހިލޭ ދޫކުރި ގެދޮރު ލިބި، ރާއްޖެތެރޭގެ މީހާއަށް ރަށުން ހިލޭގެދޮރު ލިބިފައިވާ ދެމަފިރިން އުޅޭކަމެވެ. އަދި މާލެއިން ގެދޮރަށް ޝަރުުތު ހަމަނުވާ ރާއްޖެތެރޭގެ ރައްޔިތުން ރަށުގެ ބިމަށްވެސް ރަށުގައި ނޫޅޭތީ ޕޮއިންޓް ނުލިބި ޝަރުތު ހަމަނުވާކަމެވެ. އަދި މާލެއިން ގެދޮރު ނުލިބި ރާއްޖެތެރެއިން ގެދޮރު ނުލިބޭ މާލޭގެ ނިކަމެތިންގެ އަދަދުވެސް މަދެއް ނޫނެވެ. މިއީ މާލެ ރާއްޖެތެރޭ ބަހުސްއަކަށް ވުރެ ގެދޮރު ނެތް ރާއްޖެތެރެ މާލެ މީހުން ގެދޮރުވެރި ކުރުވާނެގޮތެއްގެ ބަހުސްއެކެވެ.

މާލެ ސަރަހައްދު މާލެގެ މަދު ބަޔަކަށް ހާއްސަކުރެވިދާނެތަ؟

ސުވާލަކީ ސަރުކާރުން މިހާރު ގޯތި ދޭން އުޅެނީ މާލެ އިންތޯއެވެ؟ ގުޅީފަޅާއި ހުޅުމާލެ އަކީ ދައުލަތުން އުފައްދާފައިވާ ދެރަށެވެ. އެ ދެ ރަށް މާލޭގެމަދު ބަޔަކަށް އެކަނި ހާއްސަކުރުމަކީ މާލެ އަތޮޅުގެ ރައްޔިތުން ހިމެނޭގޮތަށް ދިވެހި ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއްކަަމަށް ގިނަ ރައްޔިތުންދެކެއެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމުވެފައިވާ ހަމައެކަނި އާބަން ސެންޓަރުގެ ރަށްވެހިންގެ ބަދަލުގައި “މާލޭ މަދު ބައެއްގެ” އެކަނި ބިމެއްކަމުގައި ސަރުކާރުންވެސް ދެކޭ ދެކުމަކީ ބޮޑު ބޭއިންސާފެކެވެ.

ރާއްޖޭގެ އެންމެނަށް ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި މި ތަންތަން ހިއްކި ނަމަވެސް ހަގީގަތުގައި އެތަންތަނުން ބިން ހޯދައި، މުއްސަނދިވަމުން އަންނަނީ މަދު ބައެކެވެ.

”މާލެ އަކީ ހަމައެކަނި މާލޭ ރައްޔިތުންގެ ބިމެއް ނޫން، އެއީ ދިވެހި ހުރިހާ ރައްޔިތުންގެ ބިމެއް“ ހުޅުމާލެ އަށް ނިސްބަތްކުރައްވައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޭސްތިރިޔާ، ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ހިލޭ އެންމެ ތިންހާސް މީހަކަށް ދޫކުރާ ގެދޮރުގެ ބަދަލުގައި ބައިލައްކަ މީހުންނަށް ފްލެޓްއަޅައި ސަރުކާރަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ގެދޮރުގެ ދަތިކަން ފިލުވައިދެވޭނެއެވެ. 2011 ވަނަ އަހަރު ހުޅުމާލެ ފޭސް އެކަކުން ހިލޭ ދެވުނު ގެދޮރު ހާއްސަކުރެވުނީ އަދި ހިޔާ ފްލެޓް މަޝްރޫއިންވެސް 2،000 އަށް ވުރެ ގިނަ ފްލެޓް ހާއްސަކުރެވުނީ މާލެ ސަރައްހަދުގެ ރަޖިސްޓްރީ އޮންނަ ރައްޔިތުންނަށެވެ. މިއީ އެންމެ ނިކަމެތިންނަށް ހާއްސަކޮށްގެން ހިންގުނު މަޝްރޫތަކަށްވާއިރު، މާލޭގެ ނިކަމަތިންނަށް ހުންނަންވާނީ ގެދޮރު ލިބިފައެވެ.

އަވަސް އަރުވާލައިގެން ހާލަތު ވަޒަންނުކޮށް މަދު ބަޔަކަށް ހިލޭ ގެދޮރު ދޭން މިއުޅެނީ ކޮންބަޔަކަށްތޯ ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.

ބިންދޭންވީ ދާއިމީ އެޑްރެސްއަށް ބަލައިގެންތަ؟

ދެވަނަ ސުވާލަކީ، ދިރިއުޅުމަށް ބިން ލިބެން ޖެހެނީ ހަމަ އެކަނި އުފަންވީ ރަށުން ތޯއެވެ؟ ނުވަތަ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ، ކޮންމެ މީހަކަށްމެ އެމީހަކު ބޭނުން ރަށެއްގައި ވަޒަން ވެރި ވުމުގެ ހައްގު އެންމެނަށް ހަމަހަމައަށް އެބަ ދެވޭތޯއެވެ؟ ގުޅީފަޅަށް ނުވަތަ ހުޅުމާލެ ފަޅަށް އުފަން ކިތައް “މާލޭ މީހުން” އެބަތިބި ބާއެވެ؟ މާލެއަށް އުފަންވެފައިތިބި ކިތަށް “ރާއްޖެތެރޭ” މީހުން އެބަތިބި ބާއެވެ؟ ވީމާ، އުފަންވީ ތަނަށް ނުވަތަ ދާއިމީ އެޑްރެހަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާ ކަމެކެވެ.

އުފަންވީއްސުރެން މާލޭގައި ދިރިއުޅެމުން އަންނަ އެހެން ނަމަވެސް ދާއިމީ އެޑްރެސް އެހެން ރަށަކަށް ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކު މާލޭގައި އެބަ ދިރިއުޅެއެވެ. އެމީހުންނަކީ މާލޭގެ ރަށްވެހިން ނުވަތަ ވަޒަންވެރިން ކަމުގައި ސަރުކާރުން ބަލައިނުގަންނަނީ ކީއްވެތޯއެވެ؟ މިހުރިހާ ކަމެއް މިހެން އޮތް އިރު، ދާއިމީ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް އޮންނަ ކޮންމެ މީހަކަށް ގުޅީފަޅާއި ހުޅުމާލެއިން ބިން ހައްގުވެފައި މާލޭގައި ވަޒަންވެރި އުޅޭ އެހެން ދިވެހި ރައްޔިތުންނަށް މާލެއިން ބިން ހައްގުނުވާ މައްސަލައަކީ ގާނޫނީ ބޮޑު މައްސަލައެކެވެ. ނަސްލީ ތަފާތުކުރުމެކެވެ. މިއީ ދުނިޔޭގެ އެއްވެސް ތަހުޒީބު މުޖުތަމައެއްގައި ކޮށްއުޅޭ ކަމެއްނޫނެވެ.

މާލެ ސަަރައްހަދު ތަރައްޤީކުރުމުގައި ރާއްޖެތެރޭ މީހުންގެ ރޯލެއް ނެތްތަ؟

ރާއްޖެއިން ހުރިހާ ސަރައްހަދަކުން ލިބޭ އާމްދަނީ މާލެ ސަރަހައްދަށް އެކަނި އޮއްސުމަކީ ދައުލަތުގެ ހާލަތެވެ. މާލެ ތަރައްގީ ކުރުމަށްޓަކައި، ނުވަތަ މާލެއިން މިހާރު ފެންނަ އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި މާލޭގެ ވަޒަންވެރިން އަމިއްލަ ހައިސިއްޔަތުން މަސައްކަތް ކުރިކަން އެނގޭކަށް ނެތެވެ.

ނަމަވެސް ރާއްޖެތެރޭ ރައްޔިތުންނަކީ ފެށުނީއްސުރެންވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ފަރުދީ ފެންވަރުގައި މަސައްކަތް ކުރާ ބައެކެވެ. ރަށްރަށުގެސްކޫލު އެޅުމަށްޓަކައި އަކިރިއާއި ވެލި ހޯދައި އަމިއްލައަށް ސްކޫލު ރޭނުމުން ފެށިގެން، އިންޖީނުގެއާއި، ބޭސްފިހާރައާއި، ބަނދަރު ހެދުންވެސް މިއީ ރަށްރަށު ރައްޔިތުން ނިކުމެ ރައްޔިތުންގެ މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ ގިނަ އަގުހުރި މަސައްކަތްތަކެވެ.

ހުޅުލޭ އެއާޕޯޓު ހެދުމަށްޓަކައި ވެސް މާލޭ މީހުން ނިކުމެފައި ނުވެއެވެ. ނަމަވެސް ރާއްޖެތެރޭ ރަށްރަށުން ވެއްޔާއި އަކިރި ހިފައިގެން ފިރިހެނުން މާލެދިޔުމަށް އޭރު ސަރުކާރުން އެންގުމާއި އެކު އެތައް ބަޔަކު އާއިލާ ދޫކޮށް އެއާޕޯޓުގެ މަސައްކަތަށް މާލެއަށް ގޮސްފައިވާ ކަން ތާރީހީ ފޮތްތަކުން އެނގެއެވެ. ވީމާ، ރާއްޖެތެރެ ތަރައްގީ ނުވެ އޮތީ ރާއްޖެތެރޭ މީހުން ރަށުގައި ތިބެ މަސައްކަތް ނުކުރާތީ ތޯއެވެ؟

ރާއްޖެތެރޭގެ މީހުން ފަސްކުޅަނދު މަދު؟

ދެކެވެމުން މިއަންނަ ވާހަކަތަކުން ހާމަވާ އެއްކަމަކީ މާލޭގެ ގިނަ ބަޔަކު ރާއްޖެތެރޭ މީހުންނާއި މެދު ދެކޭ ގޮތެވެ. ފެށުނީއްސުރެންވެސް ރާއްޖެތެރޭ މީހުންނަކީ ދެވަނަ ދަރަޖައިގެ މީހުން ކަމުގައި ދެކެމުން އަންނަ މާލޭ މީހުން އަދިވެސް އެގޮތުގައި ތިބިކަމެވެ.

މިފްކޯގެ ކުރީގެ ޗެއާމަން، އަދި މިހާރު ކ. މާފުށީގައި ގެސްޓް ހައުސް ހިންގަމުން އަންނަ އާދިލް ސަލީމް ބުނެފައިވަނީ، މާލޭ މީހުން މުއްސަނދިވީ އަމިއްލަ އަށް ފެށި ވިޔަފާރިތަކުން ކަމަށެވެ. އަދި ރާއްޖެތެރޭ މީހުންނަކީ ފަސް ކުޅަނދު މަދު ބައެއް ކަމަށާއި، އެމީހުން މާލެ ދޫކޮށް ރަށަށް ބަދަލުވިއަސް މާލޭ މީހުން ތިބޭނީ ފުދިގެން ކަމަށެވެ.

އޭނާ މިހެން ބުނެފައިވަނީ، މާލެ މާލެ އަކަށް ވީ ރާއްޖެތެރޭ މީހުން ހިޖުރަކޮށް އާބާދީ ބޮޑުވެ، ކުލި ލިބެން ފެށުމުން ކަމަށް ބުނެ މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެމުންނެވެ. އަދި ބައެއް މީހުން ރާއްޖެތެރޭގެ ރައްޔިތުންނަކީ މާލެއަށް ޖެހިފައި އޮތް ބަލާވެރިކަމެއްކަމަށާއި، ވަގުތުން ރަށަށް ދިއުމަށް ގޮވާލާފައިވެއެވެ.

މިހުރިހާ ބޭއިންސާފެއް ހިންގަމުން އަންނަ އިރު ރާއްޖެތެރޭގެ މެމްބަރުން ހަނުތިބުން އެއީ ކާބަފައިންގެ މަޖުބޫރީ ހާލަތަށް ކުރެވޭ މަލާމާތެކެވެ. ކުޑަ ސިޓީއާއި ވާރު ޓެކްސް، އަދި މާލެއިން ބިންގަތުން މަނާކުރެވިފައި އޮތް އޮތުމާއި،, މާލެ ނޫން ރަށެއްގައި ލޯކަލް ޓޫރިޒަމް 2009 ވަނަ އަހަރާއި ހަމަޔަށް މަނާވެފައި އޮތް އޮތުމާއި، އިމްޕޯޓް ވިޔަފާރި ކުރުން ރާއްޖެތެރޭގެ މީހުންނަށް މަނާވެފައި އޮތް އޮތުމާއި، މާލޭގެ ސްކޫލުތަކުން ރާއްޖެތެރޭގެ ކުދިންނަށް ޖާގަ ނުދިނުމާއި، ފަހަކާ ޖެހެންދެން ނަރުދަމާއި ބޯފެން މާލެ ސަރަހައްދަށް ހާއްސަވެފައި އޮތްއޮތުން އެއީ ޕްރިިވިލެޖްކަމަށް ޤަބޫލްނުކުރެވޭނަމަ ތިޔައީ މާލެ ސްޕްރީމިސްޓެކޭ ނުބުނެވޭނެ ޖާގައެއް ނެތެވެ.

ހަމަ އެއުސޫލުން ރާއްޖެތެރެއަށް ސިޔާސީ މީހަކު ދާއިރަށް ރަތްދައްކާ އަވީގައި އަތިރި މައްޗަށް ނިކުމެ ނެށުން ހުއްޓާލި ދުވަހަކުން ނޫނީ ރަށްރަށުގެ ރައްޔިތުންގެ ފަސްކުޅަނދު ހަމަކަމަށް ބުނެވިދާނެ ހެއްޔެ؟

ރިއެކްޝަންސް
0
1
0
1
0
0
1