ޓެކްސީ ސެންޓަރުތަކުން ރާވައިގެން މީހުންގެ ސައިކަލުތައް ވަގަށް ނަގާ މައްސަލަ!

6 އޯގަސްޓް 2022 - 9:54

މާލެތެރެއިން ސައިކަލު ގެއްލުމަކީ ވަރަށް އާއްމުކަމެކެވެ. ޓެކްސީ ސެންޓަރަކަށް ގުޅައިގެން ގެއްލުނު ސައިކަލު ހޯދުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. އާއްމުގޮތެއްގައި ގެއްލޭ ސައިކަލުތައް “ހޯދައި ދެނީ” ވެސް ޓެކްސީ ސެންޓަރުތަކުންނެވެ. ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑްރައިވަރުންނަށް އަންގައިގެން، “ގެއްލިފައިވާ” ސައިކަލު ހޯދައިދެނީ 3،000 އާއި 5،000 އާއި ދެމެދުގެ އަގަކަށެވެ.

ދައްކަން މިއުޅެނީ ޓެކްސީ ޑްރައިވަރުން މީހުންގެ ސައިކަލުތައް ވަގަށް ނަގާ ވާހަކައެވެ. ސައިކަލުގެ ވެރިމީހާ މާލޭގެ ހުރިހާ ޓެކްސީ ސެންޓަރުތަކަށް ގުޅާނެ ކަން އެނގޭތީވެ، ޑްރައިވަރުން ތިބެނީ އެއްކަލަ ސައިކަލުގެ ވެރިމީހާގެ ކޯލުގެ އިންތިޒާރުގައެވެ. ގޮތް ހުސްވެ ހާސްވެފައިވާ މީހާ ތިމަންނާގެ ސައިކަލު ގެއްލިއްޖެ ކަމަށާއި، ސައިކަލު ހޯދައި ދީފި ނަމަ މިހާވަރަށް ފައިސާ ދޭނެ ކަމަށް ބުނެއެވެ. މިއީ ސައިކަލެއް ގެއްލިއްޖެ ނަމަ އެންމެންވެސް ކަން ކުރާ ގޮތެވެ. ދެން އެއްކަލަ ޑްރައިވަރު މާގިނަ އިރުތަކެއް ނުވެ ސައިކަލު ހޯދައިދެއެވެ. ފެންނާނީ މަގެއް މަތީގައި ޕާކުކޮށްފައި ހުއްޓައެވެ. ވަގަށް ނެގި މީހާ ދުވާފައި ދާން ބޭނުން ތަނަކަށް ދެވުމުން ސައިކަލު ޕާކުކޮށްފައި ހުރީ ކަމަށް ޑްރައިވަރުން ބުނެއެވެ. 

advertisement

ދާދި މިދާކަށް ދުވަހު އަހަރެންގެ ރައްޓެއްސެއްގެ ސައިކަލު ގެއްލުނެވެ. ގެއްލުނު ކަން އެނގުނީ ހެނދުނު އޮފީހަށް ދާން ނިކުތުމުންނެވެ. އޭނާ ތެޅިގަނެގެން އެންމެ ފުރަތަމަ ވެސް ގުޅީ ފުލުހުންގެ ބަދަލުގައި ޓެކްސީ ސެންޓަރު ތަކަށެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ސެންޓަރެއްގެ ޑްރައިވަރަކު އޭނާ އަށް ގުޅިއެވެ. އަދި އޭނާގެ ސައިކަލު ނަމްބަރު ކިޔުމަށް ފަހު އެ ނަންބަރުގެ ސައިކަލެއް ފެނިއްޖެ ކަމަށް ބުންޏެވެ. އާނ އެކޭ ތިޔައީ ތިމަންނާގެ ސައިކަލު ނަމްބަރޭ ބުނުމުން އެ ޑްރައިވަރު ދެން އެހީ ޕީ (ޕްރައިވެޓް) ޖެހި ނަންބަރު ބޯޑެއް ތޯ ނުވަތަ ސީ (ކްރެޑިޑް) ޖެހި ނަން ބޯޑެއްތޯއެވެ. “އަހަރެން ބުނިން މަގޭ ސައިކަލު ނަންބަރޭ ތިއީ. އޭގަ އިންނާނީ ޕީ އެކޭ. ބުނީމާ ބުނެފި، ފެނިގެން މިއުޅެނީ ސީ ޖެހި އެއްޗެކޭ. އަދި ވެސް މިދަނީ ހޯދަމުން މަގުތައް ބަލަމުންނޭ”

ޑްރައިވަރުން މިގޮތަށް ކަންތައް ކުރަނީ އެމީހުން އަސްލުވެސް “ގެއްލުނު” ސައިކަލު ހޯދަން މަސައްކަތް ކުރާ ކަން ސައިކަލުގެ ވެރި ފަރާތަށް އެންގުމަށްޓަކައެވެ. އޭގެ އެއްދުވަސް ފަހުން އޭނާގެ ސައިކަލު ފެނުނެވެ. ހަމަ އެ ޑްރައިވަރަށެވެ. މިއީ ފައިސާ ހޯދުމުގެ ބޭނުމުގައި ޓެކްސީ ޑްރައިވަރުން ރާވައިގެން ގުޅިގެން ހިންގާ ވައްކަމެއް ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެއެވެ. މިކަން މިހާރު ވަރަށް އާއްމުކަމަކަށް ވެފައިވާ ވާހަކަ މާލެތެރޭގައި ގިނަ ބަޔަކު ދައްކައެވެ. މިއީ ސަމާލުވެ ތިބުން މުހިންމު ކަމެކެވެ.

ރިއެކްޝަންސް
1
2
15
5
2
8
64