މަޖިލީހުގެ ޒިންމާ — ބިލެއް ގާނޫނަކަށް ވަނީ ކިހިނެއް؟

10 އޯގަސްޓް 2022 - 16:46

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތައް ހެދުމާއި، އިޞްލާޙު ކުރުމާއި، މުރާޖަޢާ ކުރުމުގެ ބާރު ލިބިގެންވާ މަޖިލީހެވެ. ރައްޔިތުން ތަމްސީލްކުރާ މެމްބަރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިބެއެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ހޮވާނީ އެ މަޖިލީހެއްގައި ނެގޭ ވޯޓަކުންނެވެ.

މިދައުރުގައި މަޖިލީހަށް އިންތިހާބުވި ގޮނޑިތައް

މަޖިލީހުގެ ޖަލްސާތައް ބާއްވާނީ އަހަރަކު ތިން ދައުރަކަށް ބަހާލައިގެންނެވެ. މި ދައުރުތައް ފެށޭ އަދި ނިމޭ ތާރީހު ކަނޑައަޅާނީ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފެށުމަށްޓަކައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސެވެ. ކޮންމެ ޖަލްސާއެއްވެސް ފެށުމައްޓަކާ މަދުވެގެން 26 މެމްބަރުން ހަމަވާންޖެހޭނެއެވެ.

advertisement

ކޮމިޓީތައް:

ރައްޔިތުންގެ މަޖިލީހުގައި ބާވަތެއްގެ ކޮމިޓީތައް އޮވެއެވެ. އެއީ ދާއިމީ ކޮމިޓީތަކާއި، ވަގުތީ ކޮމިޓީތަކެވެ. މީގެ ތެރެއިން ދާއިމީ ކޮމިޓީތަކަކީ ކޮންމެ މަޖިލީހެއްގައި ވެސް އޮންނާނެ ކޮމިޓީތަކެވެ. 11 ދާއިމީ ކޮމިޓީ އޮންނަ އިރު މި ކޮމިޓީތަކުގެ މައިގަނޑު ޒިންމާއަކީ ބިލުތައް ިރާސާކުރުމާއި އެއަށް އިސްލާހު ހުށަހެޅުމެވެ. އެކި މައްސަލަތަކުގައި ކޮމިޓީގެ ދައުރުތަފާތެވެ.

މިއާހިލާފަށް ވަގުތީ ކޮމިޓީތަކަކީ މަޖިލީހަށް ހުށަހެޅޭ ވަކި ކަހަލަ މައްސަލަތަކަކާއި ބިލުތައް ދިރާސާކުރުމަށް ވަގުތީ ގޮތުން ހޮވާ ކޮމިޓީތަކެވެ. އެ ކޮމިޓީއަކަށް ހަވާލުކުރުާ ބިލު ނުވަތަ މައްސަލައިގެ މަސައްކަތް ނިމުމާއި އެކު ކޮމިޓީ އުވޭނެއެވެ.

ބިލެއް ގާނޫނަކަށް:

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު، އަމިއްލަ އަދި ސަރުކާރާއި އެއްކޮޅު މެމްބަރުން ތިބޭ އިރު، ކޮންމެ ބަޔަކަށް ވެސް މަޖިލީހަށް ބިލު ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އެކަމަކު މާލިއްޔަތާއި ގުޅުން ހުރި ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރާ އެއްކޮޅު މެމްބަރުންނަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ އޭޖީ އޮފީހުން ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވުމުން އެ އޮފީހުން ފާސްކުރުމަށް ފަހު ފޮނުވާ ބިލުތަކެވެ.

ކޮންމެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުމަށް ފަހު އެ ބިލެއް ދިރާސާކޮށް ބެލުމަށް މެމްބަރުންނަށް އެއް ހަފްތާގެ މުއްދަތެއް ލިބޭނެއެވެ. އޭގެ ފަހުން ދެވަނަ ކިޔުން އިއްވައި މަޖިލީހުގައި މި ބިލާ މެދު ބަހުސް ކުރުމަށް ފަހު ބިލު ބަލައިގަތުމާއި ނުގަތުމާއި މެދު ގޮތެއް ނިންމާނީ ވޯޓުންނެވެ. މަޖިލީހުން ބިލު ބަލައިގަންނަން ނިންމައިފި ނަމަ އެ ބިލެއް ދެން ދާނީ ކޮމިޓީއަށެވެ.

ކޮމިޓީއަށް ހުށަހެޅޭ ބިލުތަކަށް ކޮމިޓީތަކުން ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން އެ ބިލަކާއި ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ ހޯދުމާއި ބައެއް ފަހަރު އާންމުންގެ ޚިޔާލުވެސް ހޯދާނެއެވެ. ބިލު އިތުރަށް ދިރާސާކޮށް ބަހުސް ކޮށް އެއަށް އިސްލާހުތައް ވެސް ހުށަހަޅާނެއެވެ. އެއަށް ފަހު ކޮމިޓީ ރިޕޯޓު ފާސްކޮށް އެ ފޮނުވަނީ އަނެއްކާ ވެސް ތަޅުމަށެވެ. އެކަމަކު ބައެއް ރިޕޯޓުތައް ކަމާ ބެހޭ އެހެން ކޮމިޓީތަކަށް ވެސް ފޮނުވުމުގެ އިހްތިޔާރު އޮންނާނެއެވެ.

ކޮމިޓީގެ މަސައްކަތް ނިމި ތަޅުމަށް ރިޕޯޓު އައުމާއި އެކު އަނެއްކާވެސް އެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލައެވެ. ބަހުސް ކުރުމާއި ނުކުރުމަކީ މެމްބަރުންގެ މައްޗަށް އޮތް އިހްތިޔާރެކެވެ. މި ބަހުސްގެ ތެރެއިން މެމްބަރުން ބޭނުންވާ އެކި އިސްލާހުތައް ވެސް ހުށަހެޅިދާނެއެވެ. އަދި އެ އިސްލާހުތައް ބަލައިގަތުމާއި ނުގަތުމާއި މެދު ގޮތް ނިންމާނީ ވޯޓަކުންނެވެ.

ތަޅުމުގެ މި މަސައްކަތަށް ފަހު ބިލުގެ ތިންވަނަ އަދި ފަހު ކިޔުން އިއްވައި މަޖިލީހުގައި އެ ފާސްކުރުމާއި ނުކުރުމާއި މެދު ވޯޓަށް އަހާނެއެވެ. ބިލު ފާސްވުމާއި އެކު އެއީ ގާނޫނެކެވެ. އަދި އެއަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ތަސްދީގުކުރުމަށް ފަހު ގެޒެޓުކޮށް އޭގައި ކަނޑައަޅާފައިވާ ތާރީހެއްގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
1