ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަޑި ލޭބަލެއް

11 އޯގަސްޓް 2022 - 9:50

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނިސްބަތްކޮށް އެމީހުން ފާހިޝް އަމަލު ހިންގާކަމަށް ދެކެވޭ ވާހަކަތަކަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް މީހުން ރައްދު ދީފިއެވެ. ޝޯސަލް މީޑިއާގައި މީހަކު ބުނެފައިވަނީ ރިދޯޓްތަކުގައި މަސައްކަތްކުރާ މީހުން އެއްޖިންސުން ގުޅުންހިންގައި ރާބޮއެ އެފަދަ އިސްލާމް ދީނުގައި ހަރާންކުރައްވާފައިވާ އަމަލު ހިންގާކަމަށެވެ.

މިކަމަށް ރައްދުދީ ޓްވިޓަރގައި މީހަކު ބުނެފައިވަނީ ރިސޯޓް ވަޒީފާ އަދާކުރާ މީހުން އެތައް ގުރުބާނީތަކެއްވެގެން އާއިލާއާއި ރަހުމަތްތެރިންނާއި ވަކިން ތިބެ ކުރާ މަސައްކަތުން ޤައުމުގެ އިޤްތިސާދަށް ކުރާ ފައިދާއަކީ އޮޅުވާލެވޭނެކަމެއްނޫންކަމަށެވެ. އެމީހުންނަކީ ލެއްވިހައި ނުބައިކަންތައް ކުރާބައެއްކަމަށް ދޭހަވާގޮތައް ވާހަކަދެއްކުމަކީ ދެރަކަމެއްކަމަށެވެ.

advertisement

އިންސާނުން އުޅޭ ކޮންމެ މުޖްތަމައުއެއްގައިވެސް ނުބައި ނުލަފާ މީހުންނާއި ހެޔޮލަފާ މީހުން އުޅޭނެކަމަށާއި، ރިސޯޓް މަސައްކަތަކީ ސީރިއަސް ވަޒީފާއެއްކަމަށާއި ގަޑިން ގަޑިއަށް ފުރިހަމަކުރަންޖެހޭ އެތައްކަމެއް ހިނގާ ބޮޑު އޮޕަރޭޝަންއެއްކަމަށެވެ. މިކަން ހިނގާމަގު ނޭނގޭ މީހަކަށް މި މާހައުލުގެ ކަންކަން ނޭންގިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓެއްގެ މިސްކިތެއްގެ ފޮޓޯ ހިއްސާކުރަމުން އިތުރަށް އޭނާ ބުނެފައިވަނީ މިއީ އޭނާ މަސައްކަތްކުރާ ރިސޯޓްގެ މިސްކިތްކަމަށެވެ. ފަތިސްނަމާދަށްވެސް މިސްކިތައް ރިސޯޓް މުވައްޒަފުން އަންނަކަމަށެވެ. ރިސޯޓްތަކުގައި ހިނގާފަދަ އޮޕަރޭޝަންތައް މިސާލަކަށް 1200 ނުވަތަ 1500 މީލް ތައްޔާރުކޮށް ގަޑިންގަޑިއަށް މުވައްޒަފުންނާއި ގެސްޓުންނަށް ކާންދީ ކަރަންޓާއި ފެން އުފައްދައި އެ ފެން ހޫނުކޮށް އަދި ފިނިކޮށް އެންމެންނަށް ފޯރުކޮށްދީ ވަކި ފެންވަރެއްގައި ވަކި ތަރުތީބަކުން މިހުރިހައި ކަމެއް އިންތިޒާމްކުރުމަކީ ނާޗަރަންޖީ ކުޅޭބަޔަކަށް ވާނެފަދަ ކަމެއްނޫންކަމަށެވެ.

ރިސޯޓްތަކުގެ ގިނަ ދިވެހިންނާއި މުސްލިމް ސްޓާފުން ނަމާދުވެސް ކުރާކަމަށެވެ. ޕާޓީ ކުރުމާއި ނާޗަރަންގީ ކުޅުމަކީ ދުވަހަކުވެސް މެނޭޖްމަންޓަކުން ހިތްވަރު ދީފައިވާކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޑްރަގާއި ބަނގުރަލަށް މީހުން ޓެސްޓުކޮށް ޕޮޒިޓިވްވާ މީހުންނަށް ގަވައިދުން ފިޔަވަޅު އަޅާކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް
2
5
3
2
0
1
0