އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިމާރާތް އެޅުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފި

11 އޯގަސްޓް 2022 - 15:25

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިމާރާތް ހުޅުމާލޭ ފޭސް 1 ގައި އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށް އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓަރ ނިޝްވާ ފިރާޤު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ މި އިމާރާތް ވެގެން ދާނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ގޮތް ބަލައި، ޓްރާންސްޕޭރެންސީ އިތުރުކޮށް ޒިންމާދާރުކުރުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެޅިގެންދާ ވަރަށްވެސް މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި އިމާރާތުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ހިންގުމަށް ބޭނުންވާ ޖާގަ ލިބޭނެކަމަށާއި އެކަމުގެ ސަބަބުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އެކައުންޓިން ވަރުގަދަ ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދި އިދާރީ ހިންގުމުގެ ފެސިލިޓީސް ފުރިހަމަ ވާނެ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.

އައު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ކުރެހުން

މީގެ އިތުރުން އޮޑިޓަރ ޖެނެރަލްވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު އާއި އެ އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

6 ފަންގިފިލާގެ މި އިމާރާތް ތަރައްގީކޮށް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއިން ވަނީ އެއްބަސްވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0