އެކިދާއިރާތަކުން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދޭ: ނައިބު ރައީސް

13 އޯގަސްޓް 2022 - 9:24

އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އޭގެ ނަތީޖާފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި “ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމް ކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

advertisement
ފަންނުވެށީގައި ދަރިވަރުން ކެެއްކުމުގެ ހުނަރުތައް ދައްކުވައިދޭ ސްޓޯލް | ފޮޓޯ: ރައީސް އޮފީސް

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭންފެށިފައިވާ ކަމަށާއި އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހދ ކުޅުދުއްފުށީގައި ވަރަށް އަވަހަށް މިފަދަ ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރައީސްގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، “ފަންނުވެށި”ގައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ޤާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި “ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި”އަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްޤީ ކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ. ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެއެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0