މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 އޯގަސްޓް 2022 - 16:28

ނައިބު ރައީސް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

މިސަރުކާރުން ކުޅުދުއްފުށީގެ ސިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާކަމުގަައި ކުޅުދުއްފުށީ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެކު ސިޓީކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

advertisement

މިބަައްދަލު ކުރެއްވުމުގައި ސިޓީކައުންސިލްގެ މެމްބަރުން ވިދާޅުވީ، ކުޅުދުއްފުށީގެ ސިއްޙީހާލަތު ރަނގަޅު ކުރެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ ކަމަށެވެ. 

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައިފި އެވެ. އަދި އެއްގަމުތޮށި ލުމަށްބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައި ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އޮކްޓޯބަރު 3 ސަރުކާރު ބަންދު ގޮތުގައި ހަމަޖައްސައިފި

ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ “ޤައުމީ ފަތުރުވެރިކަމުގެ ދުވަސް”، 3 އޮކްޓޯބަރު 2022 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ، ފަތުރުވެރިކަމުގެ 50ވަނަ އަހަރުގެ ޕްރޮގްރާމްތައް އިފްތިތާޙުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 3ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ

ނ. މަނަދޫގައި 40 ހައުސިންގ ޔުނިޓު އަޅަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މަނަދޫގައި 40 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ޕްލޭނިންގ މިނިސްޓްރީން ހަވާލު ކޮށްފި އެވެ. 40،315،837.96 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ

އުތީމުގައި ކުރިއަށްް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ހއ. އުތީމުގައި ކުރިއަށް ގެންދިޔަ 84 ވަނަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމެވެ. މި ރަސްމިއްޔާތުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު، ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒްގެ އިތުރުން މި ކޭމްޕުގައި ބައިވެރިވި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0